ޒިޔާދާގެ ފިރިމީހާގެ މައްޗަށް ކުށް ސާބިތުނުވާ ކަމަށް ޚުކުމް ކުރީ ގިނަ ހެކިތަކަށް ރިޢާޔަތް ކުރުމެއް ނެތި: ޕީޖީ އޮފީސް

ކިޔުމަށް ހޭދަވާނީ 2މ 19ސ
ޒިޔާދާގެ ފިރިމީހާގެ މައްޗަށް ކުށް ސާބިތުނުވާ ކަމަށް ޚުކުމް ކުރީ ގިނަ ހެކިތަކަށް ރިޢާޔަތް ކުރުމެއް ނެތި: ޕީޖީ އޮފީސް

މީގެ ހަތަރު އަހަރު ކުރިން ޖިންސީ އެތަކެއް ޒަޚަމްތަކާއެކު މިދުނިޔެ ދޫކުރި ގދ. ތިނަދޫ ޒިޔާދާ ނައީމްގެ މަރުގެ މައްސަލާގައި، އޭނާގެ ފިރިމީހާގެ މައްޗަށް ކުށް ސާބިތުނުވާ ކަމަށް ހުކުމްކުރީ ދައުލަތުން ހުށަހެޅި ގިނަ ހެކިތަކަށް ރިއާޔަތްކުރުމެއް ނެތި ކަމަށް ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުން މިއަދު ބުނެފި އެވެ.

ޒިޔާދާ މަރުވި މައްސަލާގައި އޭނާގެ ފިރިމީހާ އިބްރާހިމް ޝާހުގެ މައްޗަށް ހަތަރު ދައުވާއެއް ދައުލަތުން ކުރި އެވެ.

އެއީ މީހަކު މަރުވެ ދިއުމުގެ ފަރުވާ ކުޑަ އަމަލެއް ކުރުމުގެ ދައުވާ އާއި މީހަކު މަރުވެ ދިއުމުގައި އިހުމާލުގެ އަމަލެއް ކުރުމުގެ ދައުވާ އާއި އަނބިމީހާ ފިރިމީހާ ރޭޕް ކުރުމުގެ ދައުވާގެ އިތުރުން އޮރިޔާން ކާޑު ގެންގުޅުމުގެ ދައުވާ އެވެ.

ނަމަވެސް އެއިން އެއްވެސް ދައުވާއެއް ސާބިތުނުވާ ކަމަށް ކްރިމިނަލް ކޯޓުން މިދިޔަ ހަފުތާގައި ވަނީ ހުކުމްކޮށް، ޝާހު މިނިވަން ކޮަށްފައެވެ.

ޕީޖީ އޮފީހުން މިއަދު ނެރުނު ބަޔާނެއްގައި ބުންފައިވަނީ، ޝާހުގެ މައްޗަށް އުފުލި ހަތަރު ދައުވާގެ އުންސުރުތައް އެކަށީގެންވާ ޝައްކެއް ނެތް މިންވަރަށް ސާބިތު ކުރެވޭ މިންވަރަށް ދައުލަތުން ހެކި ހުށަހަޅާފައިވާނެ ކަމަށާއި އެކަމަކު އެ ހެކިތަކަށް ދަށު ކޯޓުން އެކަށީގެންވާ ބުރަދަނެއް ދީފައިވާ ކަމަށް ނުދެކޭ ކަމަށެވެ. އެހެންކަމުން، ދަށު ކޯޓުގެ ނިިންމުން ރަނގަޅު ކަމަށް ނުދެކޭތީ އެމައްސަލަ އިސްތިއުނާފްކުރަން ނިންމާފައިވާ ކަމަށް ވެސް ޕީޖީ އޮފީހުގެ ބަޔާނުގައިވެ އެވެ.

ޒިޔާދާ ނިޔާވުމާ ހަމައަށް އޭނާ އެ ވާހަކަތައް ކިޔައިދީފައިވާ އެކި ފަރާތްތަކާއި އޭނާއަށް ފަރުވާ ދިނުމުގައި ހަރަކާތްތެރިވި ފަރާތްތަކުގެ އިތުރުން އެކި ފަރާތްތަކާ ޒިޔާދާ ފޯނުން އެ ވާހަކަތައް ހިއްސާ ކޮށްފައިވާތީ ފުލުހުން ތައްޔާރުކުރި އެ ފޯނުގެ އެނަލައިސް ރިޕޯޓަށާއި މެޑިކަލް ލިޔުންތަކަށް މައްސަލަ ނިންމުމުގައި ރިއާޔަތް ކޮށްފައިވާ ކަމަށް އެ އޮފީހުން ނުދެކޭ ކަމަށް ވެސް އެބަޔާނުގައިވެއެވެ.

ޒިޔާދާ ނިޔާވީ އޭނާގެ ބޮލަށް ލިބުނު އަނިޔާއެއްގެ ސަބަބުން ސިކުނޑިއަށް ލޭ އެޅިގެން ކަމަށް ޕޯސްޓް މޯޓަމް ރިޕޯޓުގައި ބަޔާން ކޮށްފައިވާއިރު، އެ އަނިޔާއަކީ ޝާހުގެ ފަރާތުން ލިބުނު އަނިޔާއެއް ކަމާއި ސިކުނޑިއަށް ލޭ އެޅުނީ އެ އަނިޔާގެ ސަބަބުން ކަން ސާބިތު ކުރެވޭނެ މިންވަރަށް ދައުލަތުން ހެކި ހުށަހަޅާފައިވާ ކަމަށް ދެކޭ ކަމަށް ވެސް އެ ބަޔާނުގައިވެ އެވެ.

މީގެއިތުރުން ޕީޖީ އޮފީހުގެ އެބަޔާނުގައި ބުނެފައިވަނީ ޒިޔާދާގެ މަރުގެ މައްސަލާގެ ޝަރީއަތް ސިއްރު ކޮށްގެން ގެންދިޔައީ އެ އޮފީހުގެ އެދުމުގެ މަތިން ކަމަށެވެ. ސަބަބަކީ އެމައްސަލައަކީ ރޭޕްގެ މައްސަލަތަކުގެ ޝަރީއަތް ސިއްރު ކުރަންޖެހޭނެ ކަމަށް ޖިންސީ ކުށުގެ ގާނޫނުގައި ބުނެފައި އޮތުމާއި ހެކިންގެ ހެކިބަހުގައި ޒިޔާދާގެ ޒާތީ ދިރިއުޅުމާ ގުޅޭ ޚައްސާސީ މައުލޫމާތުތަކެއް ހިމެނޭތީ އާއި ޒިޔާދާގެ ދަރިންގެ މަސްލަހަތަށް ރިއާޔަތްކޮށް ކަމަށް ބަޔާނުގައިވެއެވެެ.

ޒިޔާދާގެ މަރުގެ މައްސަލަ ހައި ކޯޓުގައި އިސްތިއުނާފް ކުރަން ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުން މިހާރު ވަނީ ނިންމައިފަ އެވެ.

މިއަދު އޮންލައިން