މޯލްޑިވްސް އެސޯސިއޭޝަން އޮފް އެޗްއާރު ޕްރޮފެޝަނަލްސް (މާޕް) އިން ބޭރުގެ ޖަމިއްޔާއެއް ކަމަށްވާ ޗާޓަޑް އިންސްޓިޓިއުޓް އޮފް ޕާސަނަލް ޑިވެލޮޕްމަންޓް (ސީއައިޕީޑީ) އާއެކު ރާއްޖޭގައި އިންސާނީ ވަސީލަތް ތަރައްގީ ކުރަން އެއްބަސްވުމެއްގައި ސޮއިކޮށްފި އެވެ.
ސީއައިޕީޑީ އަކީ އިންސާނީ ވަސީލަތްތައް ތަރައްގީ ކުރުމުގެ މަސައްކަތުގައި ހަރަކާތްތެރިވާ ދުނިޔޭގެ އެންމެ ބޮޑު ޖަމާއަތެވެ. އިނގިރޭސި ވިލާތުގައި ހިންގާތާ 100 އަހަރުވެފައިވާ ޗާޓާޑް އިންސްޓިޓިއުޓެކެވެ. ދުނިޔޭގެ އެކި ހިސާބުތަކުން 150،000 އަށްވުރެ ގިނަ މެމްބަރުން ބައިވެރިވާ މި ޖަމާއަތަކީ ދުނިޔޭގެ ފެންވަރުގައި އެޗްއާރު ދާއިރާއިން އެންމެ ވަރުގަދަ ނަންހިނގާ ޖަމާއަތެވެ.
ދުނިޔޭގެ އެކި ގައުމުތަކުގައި އެޗްއާރުގެ ދާއިރާއިން މީހުން ބިނާ ކުރާ ޖަމިއްޔާއެއް ކަމަށްވާ ސީއައިޑީޕީއާއެކު މާޕްގެ ފަރާތުން ސޮއި ކުރެއްވީ އެ ޖަމިއްޔާގެ ނައިބު ރައީސް އަހުމަދު އިބްރާހިމެވެ. ސީއައިޕީޑީގެ ފަރާތުން ސޮއި ކުރެއްވީ ހެޑް އޮފް ރީސަޗް އެޑްވާޑް ހޯޓަން އެވެ.
ރާއްޖޭގައި ފުރަތަމަ ފަހަރަށް ގައުމީ ފެންވަރުގައި އެޗްއާރު ކޮންވެންޝަންއެއް ބޭއްވި ޖަމިއްޔާއިން ބުނި ގޮތުގައި މި އެއްބަސްވުމުގެ ދަށުން ސީއައިޑީޕީ އިން ރާއްޖޭގައި ހިއުމަން ރިސޯސް ވަރުގަދަ ކުރުމަށް ތަފާތު މަސައްކަތްތަކެއް ކުރެވިގެންދާނެއެވެ. މިގޮތުންއެޗްއާރު ދާއިރާގެ ރިސާޗް ޝެއާ ކުރެވޭނެ ޑާޓާ ބޭސްއެއް ގާއިމް ކުރުވިގެންދާނެއެވެ. މީގެ އިތުރުން މީހުން ބިނާކުރުމާއި އެޗްއާރު ދާއިރާއާއި ގުޅުންހުރި މައުލޫމާތު ވީހާ ގިނަބަޔަކަށް ފޯރުކޮށްދިނުމުގެ އިތުރުން ސީއައިޕީޑީއެކު މަސައްކަތް ކުރާ ދުނިޔޭގެ އެހެން ފަރާތްތަކުގެ ތަޖުރިބާ ރާއްޖެއާ ހިއްސާ ކުރެވިގެންދާނެއެވެ.
އެމްއޭއެޗްއާރްޕީ އަކީ ހިއުމަން ރިސޯސްގެ ދާއިރާއަށް މީހުން ހޭލުންތެރި ކުރަން މަސައްކަތް ކުރާ ޖަމިއްޔާއެކެވެ. އެޖަމިއްޔާ އުފެދުނުތާ އެއް އަހަރު ވެފައިވާ އިރު، ދާއިރާއާއި ގުޅުންހުރި ތަފާތު ގިނަ ކާމިޔާބު ޕްރޮގްރާމްތަކެއް ހިންގަމުން އަންނަ ކަމަށް އެމްއޭއެޗްއާރުޕިގެ ރައީސް ހުސައިނަ އަފީފް ވިދާޅުވިއެވެ. އެގޮތުން ޖަމިއްޔާއިން މި މަހުގެ ކުރީކޮޅު ދަރުބާރުގޭގައި ބޭއްވި އެޗްއާރު ކޮންވެންޝަން އެންޑް އެކްސްޕޯ ގައި 400 އަށްވުރެ ގިނަ މީހުން ބައިވެރިވެފައިވެ އެވެ. މި ކޮންވެންޝަން އަކީ މިގޮތަށް ރާއްޖޭގައި މިހާ ފުރިހަމަކޮށް ބޭއްވިގެން ދިޔަ ކޮންވެންޝަންކަން ފާހަގަ ކޮށްލަމެވެ.