ފުވައްމުލަކު ހުކުރު މިސްކިތުގެ ހުރުމަތް ކަނޑާލާ، ފާރުގައި ހުތުރު ބަސްތަކެއް ލިޔެފި!

ކިޔުމަށް ހޭދަވާނީ 1މ 2ސ
ފުވައްމުލަކު ހުކުރު މިސްކިތުގެ ހުރުމަތް ކަނޑާލާ، ފާރުގައި ހުތުރު ބަސްތަކެއް ލިޔެފި!

ޏ. ފުވައްމުލަކު ސިޓީގެ ހުކުރު މިސްކިތުގެ ހުރުމަތް ކަނޑާލައި، ބަޔަކު އެތަނުގައި ފާރުގައި ހުތުރު ބަސްތަކެއް ލިޔެފިއެވެ. 

"މިއަދުނޫހަށް" މައުލޫމާތު ދެމުން ފުވައްމުލަކު ސިޓީގެ ރައްޔިތަކު ބުނީ، މާލެގަން އަވަށުގައި ހުންނަ ރަސްގެފަންނުގައި ހުންނަ ހުކުރު މިސްކިތު ފާރުގައި ލިޔެފައި އިނީ "ކާފަރު ނަޝީދު" ކަމަށެވެ. އެނާ ބުނި ގޮތުގައި އެސަރަޙައްދުގައި ސީސީޓީވީ ކެމެރާއެއް ވެސް ނެތުމުން، އެއީ ކާކުކަން ހޯދޭނެ ގޮތެއް ނޯންނާނެތީ މިމައްސަލަ ފުލުހުންނަށް ހުށަހަޅާފައެއް ނުވެއެވެ. 

އޭނާ ބުނި ގޮތުގައި ހުކުރު މިސްކިތު ފާރުގައި އެފަދައިން ލިޔެފައިވަނީ ރޭ ދަންވަރުގެ ވަގުތެއްގައި ކަމަށް ބެލެވެއެވެ. 

ފުވައްމުލަކަކީ ފަޅެއް އޮންނަ ސިޓީއަކަށް ނުވުމުން، އެތަނުގައި ދިރިއުޅޭ ރައްޔިތުން ވެސް އަދި ގިނަ ދަތުރުވެރިން ވެސް މޫދަށް އެރެން ދަނީ ރަސްގެފަންނަށް ކަމަށްވުމުން، އެފަދަ ބަސްތަކެއް މިސްކިތު ފާރުގައި ލިޔެފައި ހުންނަތަން ގިނަ ބަޔަކަށް ފެންނާނެ ކަމަށް ވެސް އޭނާ ބުނެފައިވެއެވެ. 

ސިޔާސީ ޙިޔާލު ތަފާތުވުމުގައިވެސް މިސްކިތްފަދަ މާތް ތަންތަނުގެ ހުރުމަތް ކަނޑާލުމަކީ ހިތާމަހުރި ކަމެކެވެ. އަދި އަޅުގަނޑުމެންނަކީ މުސްލިމުން ކަމުގައިވާއިރު މިިފަދަ ކަންކަން ކުރުމަކީ ނިހާޔަތައް ލަދުވެތި އަދި ބިރުވެތިވެސް ވާން ޖެހޭ ކަންކަމެވެ.

މިއަދު އޮންލައިން