މިދިޔަ އަހަރުގެ ބަޖެޓުގައި ކައުންސިލްތަކަށް ފައިސާގެތެރެއިން ހަރަދުނުވެ ބާކީވި 31.3 މިލިޔަން ރުފިޔާ އެ ކައުންސިލްތަކަށް ދީފިއެވެ.
ފިނޭންސް މިނިސްޓްރީން ބުނެފައިވަނީ ކައުންސިލްތަކުގެ "ހަރަދު އެކައުންޓަށް" މިފައިސާ ޖަމާކޮށްދީފައިވާނެކަމަށެވެ. އަދި މިފައިސާއިން މިދިޔަ އަހަރުގެ ބިލްތައް ދެއްކުމަށް އަންގާފައިވާނެ ކަމަށެވެ.
ލާމަރުކަޒީ ގާނޫނުގައި ބުނާގޮތުން ކައުންސިލްތަކަށް ހަރަދުކުރަން ކަނޑައަޅާފައިވާ ފައިސާ، އަހަރު ނިމޭއިރު ބާކީ ހުރި ނަމަ އެ ފައިސާ ކައުންސިލްގެ އާމްދަނީގެ ގޮތުގައި ޖަމާކޮށްދޭން ޖެހޭނެއެވެ. އެކަމަކު މިއީ ކައުންސިލްތަކަށް އެގޮތަށް ފައިސާ ދިން ފުރަތަމަ ފަހަރެވެ.