އޭޕީއެފްއެޗްއާރުއެމް ގެ މެމްބަރުކަން މާޕް އަށް ލިބިއްޖެ

މޫސާ ވަހީދު
ކިޔުމަށް ހޭދަވާނީ 3މ 45ސ
އޭޕީއެފްއެޗްއާރުއެމް ގެ މެމްބަރުކަން މާޕް އަށް ލިބިއްޖެ

އޭޝިޔާ ޕެސިފިކް ފެޑަރޭޝަން އޮފް ހިއުމަން ރިސޯސް މެނޭޖްމަންޓް (އޭޕީއެފްއެޗްއާރުއެމް)ގެ މެމްބަރުކަން މޯލްޑިވްސް އެސޯސިއޭޝަން އޮފް އެޗްއާރު ޕްރޮފެޝަނަލްސް (މާޕް) އަށް ލިބިއްޖެކަމަށް އެ އެސޯސިއޭޝަނުން ހާމަކޮށްފި އެވެ. 

ރާއްޖޭގައި އެޗްއާރު ދާއިރާގައި މަސައްކަތް ކުރާ އެސޯސިއޭޝަނަކަށް މި ފަހުރުވެރި މަގާމް ދެވިގެންދިޔައީ މާޗް 16 ވަނަދުވަހު ފިޖީގައި ކުރިޔަށްދިޔަ އޭޕީއެފްއެޗްއާރުއެމްގެ ބޯޑް މީޓިންގައެވެ. މި އިވެންޓްގައި މާޕް ތަމްސީލުކުރީ މާޕްގެ ރައީސް ހުސައިން އަފީފު އާއި ނައިބު ރައީސް އަހުމަދު އިބްރާހިމް އެވެ.

މިއާއިއެކު ދިވެހިރާއްޖެ އޭޝިޔާ ޕެސިފިކް ފެޑަރޭޝަން އޮފް ހިއުމަން ރިސޯސް މެނޭޖްމަންޓް (އޭޕީއެފްއެޗްއާރުއެމް)ގެ މެމަބަރެއްގެ ގޮތުގައި ހިމެނިގެންދާނެއެވެ. އަދި މި ފެޑަރޭޝަންގައި ދިވެހިރާއްޖެ ތަމްސީލުކުރާނީ އެސޯސިއޭޝަން އޮފް އެޗްއާރު ޕްރޮފެޝަނަލްސް (މާޕް)އިންނެވެ. 

މި ބައްދަލުވުމުގައި މާޕްގެ ފަރާތުން މާޕްގެ މެންޑޭޓާއި ކުރިޔަށް ރޭވިފައިވާ ހަރަކާތްތަކާއި ބެހޭ މައުލޫމާތު ހުށަހެޅިއެވެ. މި މައުލޫމާތު ތަކަށް ބަލައި މެމްބަރު 17 ގައުމު ހިމެނޭއޭޝިޔާ ޕެސިފިކް ފެޑަރޭޝަން އޮފް ހިއުމަން ރިސޯސް މެނޭޖްމަންޓް (އޭޕީއެފްއެޗްއާރުއެމް) ބައްދަލުވުމުން  މެމްބަރެއްގޮތުގައި ބަލައިގަތުމަށް ފާސްވެގެން ދިޔައެވެ.  މިއީ މާޕް އަށާއި ރާއްޖޭގައި އެޗްއާރު ދާއިރާގައި މަސައްކަތް ކުރައްވާ ފަރާތްތަކަށް ލިބިގެންދިޔަ ވަރަށްބޮޑު ފަޚުރަކާއި ކާމިޔާބީއެކެވެ. 

އޭޕީއެފްއެޗްއާރުއެމް (ފެޑަރޭޝަން)ގެ ރައީސް ޑޭވިޑް ލީ ވަނީ މާޕް އުފެދި ވޭތުވެދިޔަ އަހަރު ހިންގާފައިވާ ކާމިޔާބު ބޮޑަތި ހަރަކާތްތަކަށް ތައުރީފްކޮށް ވާހަކަފުޅު ދައްކަވާފައެވެ. 

މި ފެޑަރޭޝަންގެ މެމްބަރަކަށް ވުމުގެ ސަބަބުން ރާއްޖޭގައި އެޗްއާރު ދާއިރާގައި މަސައްކަތް ކުރާފަރާތްތަކަށް ތަފާތު ގިނަ ފައިދާ ތަކެއް ލިބިގެންދާނެއެވެ. އޭގެ ތެރޭގައި  ފެޑަރޭޝަން މެމްބަރ ގައުމުތަކުގެބެސްޓްޕްރެކްޓިސް ޝެއާކުރުމާއި ރިސާޗް ޑާޓާބެސްތަކުގެ ބޭނުން ކުރުމުގެ ފުރުސަތު ލިބިގެންދާނެއެވެ. މީގެ އިތުރުން ދުނިޔޭގެ ފެންވަރުގެ ސްޕީކާސް ރާއްޖެ ގެނައުމަށް ލުއިފަސޭހަވެގެންދާނެއެވެ. އަދި އެންމެ މުހިއްމު ކަމެއްގޮތުގައި މެމްބަރ އެސޯސިއޭޝަން ތަކުން ބާއްވާ ހަރަކާތްތަކުގައި މާޕްގެ މެމްބަރުންނަށް ފަސޭހަކަމާއެކު ބައިވެރިވުމުގެ ފުރުސަތު ލިބިގެންދާނެއެވެ.

"އޭޝިޔާ ޕެސިފިކް ފެޑަރޭޝަން އޮފް ހިއުމަން ރިސޯސް މެނޭޖްމަންޓްގެ މެމްބަރަކަށް ވެވިގެން ދިޔަކަމީ މާޕްއަށާއި މުޅިރާއްޖެއަށް ލިބިގެންދިޔަ ރަނުގެ ފުރުސަތެއް. އިގްތިސާދީގޮތުން ރާއްޖެ ކަހަލަ ގައުމުތަކާއި ގުޅުން ބަދަހިކޮށް އިންސާނީވަސީލަތް ތަރައްގީ ކުރުވިގެންދާނެކަމީ ޖުމްލަގޮތެއްގައި މުޅި ރާއްޖޭގައި މި ދާއިރާގައި މަސައްކަތްކުރައްވާ ފަރާތްތަކަށް ލިބިގެންދާނެ ވަރަށްބޮޑު ކުރި އެރުމެއް. މިފުރުސަތު ހޯއްދަވައިދެއްވި ސީއައިޕީއެމް، ސްރީލަންކާގެ ރައީސް އަދި ފެޑަރޭޝަންގެ ބޯޑްމެމްބަރެއްގެ ގޮތުގައިވެސް މަސައްކަތްކުރައްވަމުންދާ ދަމިކާ އަށް ވަރަށް ޚާއްސަ ޝުކުރެއް ދަންނަވަން." މާޕްގެ ރައީސް އަދި ލަކްސް ރިސޯޓްގެ ރީޖަނަލް ޑައިރެކްޓަރ ޓްރެއިނިންގ އެންޑް ޑިވެލޮޕްމަންޓް ހުސައިން އަފީފް ވިދާޅުވިއެވެ.

އޭޝިޔާ ޕެސިފިކް ފެޑަރޭޝަން އޮފް ހިއުމަން ރިސޯސް މެނޭޖްމަންޓް (އޭޕީއެފްއެޗްއާރުއެމް)އަކީ  އޭޝިޔާ ޕެސިފިކް ސަރަހައްދުގައި އެޗްއާރމެނޭޖްމަންޓް އެސޮސިއޭޝަންތައް ބައިވެރިވާ ފެޑަރޭޝަންއެކެވެ. އެގޮތުނަ ފުޅާދާއިރާއެއްގައި މެމްބަރު ގައުމުތަކުގައި އިލްމާއި ރިސާޗް މައުލޫމާތު ބަދަލުކުރެވިގެންދާނެއެވެ. މި ފެޑަރޭޝަނެގެ މެމްބަރ ގައުމު ތަކުގެ ތެރޭގައި އޮސްޓްރޭލިއާ، ބަންގްލަދޭޝް، ފިޖީ،ހޮންކޮންގ، އިންޑިއާ، ޖަޕާން، ނިއުޒިލޭންޑް، ސިންގަޕޯރ ގެ އިތުރުންވެސް ގިނަ ގައުމުތަކެއް ހިމެނެއެވެ. އަދި މި ފެޑަރޭޝަން އަކީ ވޯލްޑް ފެޑަރޭޝަން އޮފް ޕީޕަލް މެނޭޖްމަންޓްގެ ވެސް މެމްބަރެކެވެ. 

އެމްއޭއެޗްއާރްޕީ އަކީ ހިއުމަން ރިސޯސްގެ ދާއިރާއަށް މީހުން ހޭލުންތެރިކޮށް މީހުން ބިނާކުރަން މަސައްކަތް ކުރާ ޖަމިއްޔާއެކެވެ. އެޖަމިއްޔާ އުފެދުނުތާ އެއް އަހަރު ވެފައިވާ އިރު، ދާއިރާއާއި ގުޅުންހުރި ތަފާތު ގިނަ ކާމިޔާބު ޕްރޮގްރާމްތަކެއް ވަނީ ހިންގާފައެވެ.އެގޮތުން ޖަމިއްޔާއިން މި މާޗް މަހު ދަރުބާރުގޭގައި ބޭއްވި އެޗްއާރު ކޮންވެންޝަން އެންޑް އެކްސްޕޯ ގައި 400 އަށްވުރެ ގިނަ މީހުން ބައިވެރިވެފައިވެ އެވެ. މި ކޮންވެންޝަން އަކީ މިގޮތަށް ރާއްޖޭގައި މިހާ ފުރިހަމަކޮށް ބޭއްވިގެން ދިޔަ ހަމައެކަނި ކޮންވެންޝަންކަން ފާހަގަ ކޮށްލަމެވެ. 

މިއަދު އޮންލައިން