ޑެންގީ އާއި ޗިކުންގުންޔާ އާދަޔާޚިލާފަށް ފެތުރޭތީ މަދިރިއާ ދެކޮޅު ކެމްޕޭނެއް ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން މިއަދު ފަށައފިއެވެ.
ހެލްތް މިނިސްޓްރީގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި، ސްޓޭޓް މިނިސްޓަރު މުހައްމަދު ޒުހައިރު ވިދާޅުވީ، ޑެންގީ ހުމާއި ޗިކުންގުންޔާ ފަތުރާ މަދިރި އުޅެނީ މީހުން ދިރިއުޅޭ ސަރަހައްދު ތަކާ ކައިރީގައި ކަމަށް ވުމުން، ބަލި ފަތުރާ މަދިރި އެންމެ ފަސޭހައިން ނައްތާލެވޭނީ ގޯތި ތެެރޭގަ އާއި އާންމު ތަންތަނުގައި މަދިރު އާލާވާ ގޮތަށް ހުންނަ ތަންތަން ނައްތާލައިގެން ކަމަށެވެ.
ތަފާސް ހިސާބުތަކަށް ބަލާއިރު، މިއަހަރުގެ ޖެނުއަރީ މަހުން ފެށިގެން މިދިޔަ މަހުގެ ނިޔަލަށް ޗިކުންގުންޔާގެ 421 ކޭސް ރިޕޯޓް ކުރި އެވެ. މިއަހަރުގެ މިހާތަނަށް ޑެންގީ ހުން ޖެހިގެން 1303 ކޭސް ރިޕޯޓް ކޮށްފައި ވެއެވެ.
މި އަހަރުގެ މިހާތަނަށް ޑެންގީ ހުން އެންމެ ގިނައިން ރިޕޯޓްކޮށްފައިވަނީ ރ، އދ، އަދި ލ. އަތޮޅުންނެވެ.
މަދިރީގެ ސަބަބުން ފެތުރޭ ބަލިތަކާއި މަދިރި ނައްތާލަން ކުރެވެން ހުރި ކަންތައްތަކާ ގުޅޭގޮތުން އާންމުން ހޭލުންތެރިކުރަން ފެށި މި ކެމްޕެއިން މި މަހުގެ ނިޔަލަށް ކުރިއަށް ދާނެ އެވެ. އަދި އެކި ދުވަސްތަކަށް ބަހާލައިގެން ތަފާތު 10 ހަރަކާތެއް ކުރިޔަށް ގެންދާނެއެވެ.