އަންހެނަކަށް ހުވަފެނުގައި ލޭ ފެނިއްޖެ ނަމަ އެއީ ވިސްނައިލަން ޖެހޭނެ ކަމެކެވެ. ގިނަ ފަހަރު ލޭ ފެންނާނީ އަންހެން މީހާއަށް މައްސަރު ކަންތައް ޖެހުމުން އަންނަ ލޭ ބޭނުންކޮށްގެން ސިހުރެއް ހެދުމުންނެވެ. މިފަދަ ގޮތަކަށް ސިހުރެއް ހަދައިފިނަމަ ދެމަފިރިން ކައިރިވެ އުޅުމަށް ހުރަސް އެޅޭނެއެވެ. ގައިގައި ފިރިމީހާ ބީހިލި ނަމަވެސް ނަފްރަތު ކުރެވޭނެއެވެ. ރުޅިގަދަވެވޭނެއެވެ. ފިރިމީހާ ކުރާ އެއްވެސް ކަމެއް ބަލައެއް ނުގަނެވޭނެއެވެ.
ދެމަފިރިއަކު ދުރުކުރަން ހަދާ ސިހުރުގައި އެންމެ ބޮޑަށް ބަލާނީ އަނބިފިރިވަންތަކަމުގެ ގުޅުމަށް ހުރަސް އެޅުމަށެވެ. އެކަން ކާމިޔާބުކުރެވިއްޖެނަމަ ދެމަފިރިންގެ ހުރިހާ ކަމަކަށް އެކަމުން ހުރަސް އެޅޭނެތީއެވެ. ދެމަފިރިންގެ މެދުގައި އެންމެ ފަސޭހައިން މައްސަލަތައް ޖެހޭނީ އެކަމުގެ ސަބަބުން ކަމަށްވާތީއެވެ.
މީގެ އިތުރުން އަމިއްލަ ދިރިއުޅުމަށްވެސް ބަދަލުތަކެއް އަންނާނެއެވެ. ދިރިއުޅުން މަތިން ފޫހިވާނެއެވެ. ކޫސަނި ކަންކަމާއިވެސް ރުޅިގަދަވެވޭނެއެވެ. ބޮލުގައި ރިއްސާނެއެވެ. ނަފްސާނީ ބަލީގެތެރެއަށްވެސް ހިނގައިދާނެއެވެ. ތިމާގެ އަމިއްލަ ދަރިން މަތިންވެސް ފޫހިވެވޭނެއެވެ.
ދެމަފިރިން އެކުގައި ރީތިކޮށް ދިރިއުޅެމުން ދަނިކޮށް މިބާވަތުގެ މައްސަލަތައް ކުރިމަތިވާން ފަށައިފިނަމަ ރުޤްޔާކުރާ މީހެއްގެ އެހީތެރިކަން އަވަހަށް ހޯދަންވާނެއެވެ. ދެމަފިރިންވެސް ޝިފާއަށް އެދި މަސައްކަތްކުރަންވާނެއެވެ. ދެމީހުންނަށްވެސް އެކަމުގެ އަސަރުކޮށްފައި ހުރެއްޖެނަމަ އެކަކަށް ފަރުވާކޮށްގެން ރަނގަޅު ނުކުރެވޭނެތީއެވެ.
ދެމަފިރިން ދުރުކުރަން ސިހުރު ހެދުމުގައި ގިނައިން ބޭނުންކުރާނީ އެންމެ އެކީގައި އުޅޭ މީހުންނެވެ. އެހެންކަމުން އެކުވެރިން ގެންގުޅުމުގައި ވަރަށް ބޮޑަށް ސަމާލުކަންދޭންވާނެއެވެ. ދެމަފިރިންގެ މެދުގައި ޖެހޭ މައްސަލަތަކުގެ ތަފްޞީލު އެކުވެރިންނަށް ކިޔައިދިނުން އެއީ ރަނގަޅުކަމެއް ނޫނެވެ. އެއްވެސް މީހަކު ކަންތައް ކުރާނީ ކިހިނަކުންކަން ނުއެނގޭތީއެވެ. ވީމާ ކިތަންމެ ގާތްކޮށް އުޅުނު ނަމަވެސް އަބަދުވެސް އެކުވެރިން ބައިތިއްބަންވާނީ ވަކި ހިސާބެއްގައެވެ. ދެމަފިރިން ނިދާ ކޮޓަރިއަށް އެއްވެސް އެކުވެރިއަކު ވެއްދުމަކީ ކުރަން ރަނގަޅުކަމެއް ނޫނެވެ.
ކުޑަކުދިން ފަދައިން އަންހެނުންވެސް ދެ ނަމާދުދޭތެރޭގެ ވަގުތުތަކުގައި ގެއިން ބޭރުގައި ކޮންމެހެން އުޅެން ޖެހިގެން ނޫނީ އުޅުމަކީ ރަނގަޅުކަމެއް ނޫނެވެ. އެހެނީ އެވަގުތަކީ ޝައިޠާނުންތައް އުތުރިގަންނަ ވަގުތުކަމުގައިވުމުން ސިހުރަކާއި ގުޅިފައިވާ ޝައިޠާނުންތައްވެސް އެވަގުތުގައި ގިނަވެގަންނާނެތީއެވެ. އަތުލައިގަންނަން ފަސޭހަވާނެތީއެވެ.
- މައްލޫމާތު: ސިހުރުން ސަލާމަތްވުމަށް މަގެއް