ސަރުކާރުގެ މުއައްސަސާތަކަށް ހުށަހެޅޭ ކޮންމެ ކަމެއްގައި އެންމެ މުހިންމީ ސަރުކާރުގެ ނިންމުން ނޫން ކަމަށާއި ރައްޔިތުންނާއި ގުޅުންހުރި ކަންކަމުގައި ރައްޔިތުންގެ އަޑު ވެސް އަހަން ޖެހޭ ކަމަށް އިޤްޠިޞާދީ ވަޒީރު ފައްޔާޟް އިސްމާޢީލް ވިދާޅުވެއްޖެއެވެ.
މިއަހަރުގެ ފުރަތަމަ 3 މަސް ދުވަހު ކަސްޓަމްސްއަށް ޙާޞިލު ކުރެވުނު ކަންކަން ފާހހަގަކުރުމަށް ކަސްޓަމްސްގައި މިއަދު ބޭއްވި ރަސްމިއްޔަތުގައި ފައްޔާޟް ވިދާޅުވީ ރައްޔިތުން، ވިޔަފާރިވެރިން ހުށަހަޅާ ކަންކަމަށް ގޮތެއް ނުނިންމައި ލަސްވެގެން ދިއުމަކީ އެކަމުގެ ސަބަބުން ވިޔަފާރިވެރިޔާއަށް ބޮޑެތި ގެއްލުންތައް ލިބި އަދި ބަނގުރޫޓުވުމާއި ގުޅުންހުރި ކަމަކަށްވެސް ވެދާނެ ކަމަށެވެ. އަދި އިޤްޠިޞާދީ މިނިސްޓްރީގައިވެސް މިއީ ޙައްލު ނުކުރެވި އޮތް ވަރަށް ބޮޑު މައްސަލައެއް ކަމަށެވެ. "އެކަމުން ސަރުކާރަށް ލިބޭ ގެއްލުމެއް ނެތުމުން އެއީ ސަރުކާރަށް މާބޮޑު ކަމަކަށް ނުވެދާނެ. ނަމަވެސް ވިޔަފާރިވެރިޔާއަށް އެކަމުގެ ސަބަބުން ކިތަންމެ ބޮޑެތި ގެއްލުންތަކެއްވެސް ލިބިދާނެ."
"ޒަމާނުންސުރެ އަމަލުކުރަމުން އައި މި ޘަޤާފަތް ބަދަލުކުރަން އެބަ ޖެހޭ. އެ ޘަޤާފަތް ބަދަލުކޮށްގެން ވިޔަފާރިތައް ކުރިއަށް ގެންދަން ބޭނުންވާ މިސްރާބަށް ކުރިއަށް ގެންދެވޭނީ. ތިއަބޭފުޅުންވެސް އެބަޖެހޭ މިކަންކަމަށް ވަރަށް ބޮޑަށް ވިސްނަން. ވިޔަފާރިވެރިޔާގެ އަޑުއަހަން."
ފައްޔާޟް ވިދާޅުވީ ކަސްޓަމްސް އަކީ ވިޔަފާރިތަކާއި ވަރަށް ގުޅުންހުރި މުއައްސަސާއަކަށްވުމުން މިމައްސަލަ އާއި ކަސްޓަމްސް އާއި ވެސް ވަރަށް ބޮޑަށް ގުޅުން އެބަހުރި ކަމަށެވެ. އަދި ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙަކީ މިބާވަތުގެ ކަންކަމުގައި ރައްޔިތުންނަށް ޙައްލު ހޯއްދަވައި ދެއްވަން މަސައްކަތް ކުރައްވާ ރައީސެއް ކަމަށާއި އެމަނިކުފާނުގެ ސަރުކާރުގައި މިފަދަ ކަންކަން ހަމަޖެހިގެންދާނެ ކަމަށެވެ.
ފައްޔާޟް ވިދާޅުވީ ރާއްޖެއަކީ ޤައުމަށް ބޭނުންވާ ހުރިހާ ބާވަތެއްގެ ތަކެތި އެތެރެކުރާ ޤައުމަކަށްވާއިރު އެތަކެތި އެތެރެކުރަނީ ވިޔަފާރިވެރިން ކަމަށްވުމުން ޤައުމުގެ އިޤްޠިޞާދުގައި އެންމެ މުހިންމު ދައުރެއް އަދާކުރަމުން ގެންދަނީ ވިޔަފާރިވެރިން ކަމަށެވެ. އެހެންކަމުން ވިޔަފާރިވެރިންނަށް، ވިޔަފާރީގެ ކަންކަން ވުގެންދާނެ ގޮތުގެ ޔަޤީންކަން ލިބެންޖެހޭ ކަމަށާއި ކަސްޓަމްސް އިން މިހާރު އެ ޔަޤީންކަން ދީފައި އޮތުމަކީ ލިބުނު ވަރަށް ބޮޑު ކުރިއެރުމެއް ކަމަށެވެ.
ކިދުމަތް ދިނުމުގައި ކަސްޓަމްސް އިން މިހާރުވެސް ވަރަށް ބޮޑެތި ކުރިއެރުންތައް ހޯދާފައިވާކަން ފައްޔާޟް ވަނީ ފާހަގަކުރައްވައިފައެވެ.