20 މަޝްރޫއަކަށް އޯފިޑް ފަންޑުން 50 މިލިއަން ޑޮލަރު ދެނީ

މޫސާ ވަހީދު
ކިޔުމަށް ހޭދަވާނީ 1މ 14ސ
20 މަޝްރޫއަކަށް އޯފިޑް ފަންޑުން 50 މިލިއަން ޑޮލަރު ދެނީ

މި އަހަރު ފަށަން ނިންމައިފައިވާ 20 މަޝްރޫއަކަށް އޯފިޑް ފަންޑުން 50 މިލިއަން ޑޮލަރު ދޭން ނިންމާފައިވާކަމަށް ނެޝަނަލް ޕްލޭނިން އެންޑް އިންފްރާސްޓްރަކްޗާ މިނިސްޓްރީން ބުނެފިއެވެ.

އެ މިނިސްޓްރީން ކުރި އިއުލާނެއްގައި ބުނެފައި ވަނީ އެ މަޝްރޫއުތަކަށް އޯފިޑް ފަންޑުން 50 މިލިއަން ޑޮލަރު (771 މިލިއަން ރުފިޔާ) ދޭނެ ކަމަށެވެ. މި މަޝްރޫއުތަކަށް ޖުމްލަ 62.5 މިލިއަން ޑޮލަރު ހޭދަވާކެ ކަމަށެވެ. އަދި ބާކީ އޮތް 12.25 މިލިއަން ޑޮލަރު ހޭދަ ކުރާނީ ދިވެހި ސަރުކާރުން ކަމަށެވެ.

އޯފިޑް ފަންޑުން އެހީގައި ގާއިމްކުރަން ނިންމާފައި ވަނީ އަށް ރަށެއްގެ ނަރުދަމާގެ ނިޒާމާއި ހަތް ރަށެއްގެ ފެނުގެ ނިޒާމުގެ އިތުރުން ފަސް ރަށެއްގެ ބަނދަރެވެ.

މިފަންޑުގެ އެހީގައި ނަރުދަމާ ގާއިމް ކުރަން ނިންމާފައި ވަނީ ހދ. މަކުނުދު އާއި ނެއްލައިދު އާއި ނޭކުރެންދު އާއި، ށ. ފޭދު އާއި ބ. ދަރަވަންދު އާއި ގދ. ފިޔޯރީގެ އިތުރުން ގދ. ވާދޫގައެވެ. ފެނުގެ ނިޒާމް ގާއިމްކުރަން ނިންމާފައި ވަނީ ހދ. މަކުނުދު އާއި ނެއްލައިދު އާއި ނޭކުރަންދު އާއި ށ. ފޭދު އާއި ބ. ކެންދު އާއި ގދ. ފިޔޯރީގެ އިތުރުން ގދ. ވާދޫގައެވެ. އަދި ބަނދަރު ހަދަން ނިންމާފައި ވަނީ ބ. ދޮންފަނާއި ކިހާދު އާއި ކުޑަރިކިލުގެ އިތުރުން ގއ. ކޮލަމާފުއްޓާއި ގދ. ހޯޑެއްދޫއެވެ.

މި މަޝްރޫއުތައް މި އަހަރުގެ މެދެއްހާ ހިސާބުގައި ބީލަމަށް ހުޅުވާލާނެ ކަމަށް ޕްލޭނިން މިނިސްޓްރީން ވަނީ ބުންޏެވެ.

މިއަދު އޮންލައިން