ދަރިވަރުންނަށް ޖަމާއަތުގަ ނަމާދުކުރަން ހުރަސް އެޅުން ސްކޫލުތަކުން ހުއްޓާލާކަށް ނުވޭތަ؟

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 38ސ
ދަރިވަރުންނަށް ޖަމާއަތުގަ ނަމާދުކުރަން ހުރަސް އެޅުން ސްކޫލުތަކުން ހުއްޓާލާކަށް ނުވޭތަ؟

މިދިއަ ބުރާސްފަތި ދުވަހު އިރުއޮއްސެން ދާދި ގާތްވެފައި ވަނިކޮށް މަޖީދިއްޔާ ސްކޫލުން ލިބެނީ މެސެޖެކެވެ. ދާރުލް ޢުލޫމް ހޯލަށް އިރުއޮއްސި 7.30 އަށް ދިއުމަށެވެ. މެސެޖުގައި ސަބަބު ލިޔެފައި ނެތްނަމަވެސް ކުދިން ގެންދިއައީ ކުޅިވަރު ކުޅޭނެ ޖާޒީއެއް ޙަވާލުކޮށްލަން ވެގެންނެވެ.

ޢިޝާ ނަމާދަށް ގޮވީ 7.28ގައެވެ. ޖަމާއަތުގައި ޢިޝާ ނަމާދުކޮށް ނިމެނީ 7.50 ހައިއިރުއެވެ. 8.10 ގައި މަޖީދިއްޔާ ސްކޫލަށް ގޮސް ކަންކަން މިވާގޮތް ބަލައިލިއިރު 7.30 އަށް ގެންދިއަ ކުދިން ވަނީ އެއިގެ ކުޑައިރުކޮޅެއް ކުރިން ފޮނުވާލައިފައެވެ. ނަމަވެސް 8.00 އަށް ގެންގޮސްފައި ތިބި ގިނަ އަދަދަދެއްގެ ދަރިވަރުން ސްކޫލުތައި ޖާޒީގައި އުޅެއެވެ.

ބައްދަލުވި ކުދިންނާއި ސުވާލުކުރުމުން އެނގުނީ އެއިގެ ތެރެއިން ބައެއް ކުދިންނަކީ 8.00 އަށް ސްކޫލަށް އަންނަން ނުޖެހުނު ނަމަ ޖަމާއަތުގައި ނަމާދުކުރާނެ ކުދިން ކަމެވެ. އެކަމުގެ ހެކިވެސް އެކުދިންގެ ވާހަކައިން ލިބުނެވެ.

8.00 އަށް ކުދިން ގެންދުވި ޓީޗަރު ދާނީ ޖަމާއަތުގައި ނަމާދުކޮށްގެން ކަމަށްވެދާނެއެވެ. ނަމަވެސް ބެލެނިވެރިން އަބަދުވެސް ގަޑީގެ ކުރިއަށް ކުދިން ގެންދާތީ އެވަނީ ޖަމާއަތުގައި ޢިޝާ ނަމާދުކުރުވައިގެން ގެންދިއުމުގެ ފުރުޞަތު ގެއްލިފައެވެ. ހަމަ އެޢާއިއެކު 7.30 އަށް ކުދިން ގެންދުވި ޓީޗަރު އެރޭގެ ޢިޝާ ނަމާދު ޖަމާއަތުގައި ނުކުރާނެކަން އެއީ ޔަޤީން ކަމެކެވެ. 7.28ގައި ނަމާދުކުރަން ފެށި ނަމަވެސް 2 މިނިޓުން ނަމާދުކޮށްގެން ސްކޫލަށް ނުދެވޭނެތީއެވެ.

ދަރިން ލައްވައި ނަމާދުކުރުވަން ގިނަ މަސައްކަތްތަކެއް ޢާންމު ގޮތެއްގައިވެސް ކުރަންޖެހޭއިރު ޢިޝާ ނަމާދު ނުކޮށް ސްކޫލަށް ގޮސް ސްކޫލުގައި އެތައް އިރަކު އުޅެ ވަރުބަލިވެގެން ގެއަށްދާ ކުދިން ލައްވައި ޢިޝާ ނަމާދުކުރުވުމަކީ ކިހިނަކުން ކުރެވޭނެ ކަމެއް ކަމާއިމެދު ސުވާލު އުފެދެއެވެ.

މިއީ އެދުވަހު މަޖީދިއްޔާ ސްކޫލުގައި ކަންތައް ހިނގި ގޮތް ނަމަވެސް މިއީ ހަމަ ޢާންމުކޮށް ރާއްޖޭގެ ސްކޫލްތަކުގައި މިފަދަ ކަންކަން ކުރަމުން އަންނަ ގޮތެވެ. މިދިއަ އަހަރުވެސް މިފަދަ މައްސަލަތައް ބޮޑުވެ އެކަން ވާނީ ސަމާލުކަމަށް ގެނުވައިފައެވެ. ނަމަވެސް ފެންނަމުން މިދަނީ އެއްވެސް އިޞްލާޙެއް ނުގެނެސް ކަންކަން ކުރިއަށް ގެންދާތަނެވެ.

ސުވާލަކީ ސްކޫލްތަކުގައި އިތުރު ހަރަކާތްތައް ހިންގާއިރު ޖަމާއަތުގައި ނަމާދުކުރުމަށް ހުރަސް ނުއެޅޭނެ ގޮތަކަށް ހަމަ ހިންގެން ނެތީހެއްޔެވެ؟ ދަރިވަރުންނަށް ތިއަ ދަސްކޮށްދެވެނީ ޖަމާއަތުގައި ނަމާދުކުރުމަކީ އެއްވެސް މުހިންމު ކަމެއް ނޫން ކަމަށް ނޫން ހެއްޔެވެ؟ އެހެންކަމަށްވާނަމަ އިސްލާމީ ތަރުބިއްޔަތު ދިނުމުގެ ވާހަކަތަކަކީ ހަމައެކަނި ލައިވްކޮށްލަން ޕޯޑިއަމްތަކުގައި ކިޔާ ފަސާނާތަކަކަށް ނުވޭ ހެއްޔެވެ؟

ބިދޭސީން ޕްރިންސިޕަލުންނަށް ތިބެ މިފަދަ ކަންކަން ކުރާނަމަ އެމީހަކާއި ދެކޮޅަށް ވަރަށް ގިނަ ތަފާތު ވާހަކަތައް ދައްކާނެއެވެ. 7.30 އަށް ސްކޫލަށް ގެންދިއައީވެސް 8.00 އަށް ސްކޫލަށް ގެންގޮސްފައި ތިބީވެސް ހަމަ ބާލިޣްވެފައި ތިބި ނަމާދު ވާޖިބުވާ އުމުރުގެ ކުދިންނެވެ. ނަމާދު ނުކުރުމުން ދަރަނިވެރިވަމުންދާ އުމުރުގެ ކުދިންނެވެ.

ތައުލީމީ ވަޒީރަށް މިކަންކަން މިގޮތަށް ކުރިއަށް ގެންދަން ތާއީދުކުރެއްވެނީ ކަމަށްވެދާނެއެވެ. އެގޮތަށް ވިސްނެނީ މިކަންކަން ސްކޫލުތަކުގައި މިގޮތަށް ހިނގަމުން މިދަނީ އެކަމަނާ މިކަމަށް ސަމާލުކަން ނުދެއްވާތީ ކަމަށްވުމުންނެވެ. ނަމަވެސް ފަރުޟު 5 ނަމާދު ކުރައްވާ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް، މިކަންކަން މިގޮތަށް ހިންގަން ތަރްޙީބު ނުދެއްވަވާނެކަން ޔަޤީނެވެ

މިއަދު އޮންލައިން