ތާރީޚީ ގޮތުން ބަލައިފިނަމަ މިއަދަކީ ވަރަށް މުހިންމު ދުވަހެކެވެ. ޕޯޗްގީޒުންގެ ލަޝްކަރާއި ކުރިމަތިލައްވައި ޤައުމަށްޓަކައި ހަނގުރާމަކުރައްވައި ޢަލިރަސްގެފާނު ޝަހީދުވެވަޑައިގެންނެވި ދުވަހެވެ. "އައްޔާއި އަނދިރި އާއި ވާނީ އެއްވަރު" ކަމަށް މާލޭގައި ތިބި ބައަކަށް ވިސްނުނުކަމުގެ ހިތާމަ އުފުލަން މުޅި ޤައުމަށް ޖެހުނު ކަޅު ދުވަހެވެ.
އެކަމުގެ ސަބަބުން 15 އަހަރަށްވުރެ ދިގު މުއްދަތަކަށް ދިވެހިން އަޅުވެތިވެގެން ދިއަ ދުވަހެވެ. އެކަމުގެ ސަބަބުން ދިވެހިންގެ އެތައް ބައަކަށް ބޮޑެތި އަނިޔާތައް ލިބި، މަރާލެވި، ޢިއްފަތް ފޭރިގަނެވިގެންދިއުން ފެށުނު ދުވަހެވެ. އެންމެފަހުން ދިވެހިންގެ ދީން ކަމަށްވާ އިސްލާމް ދީނުގައި ތިބުމަށް ހުރަސްތައް ކުރިމަތިވެ، ދިވެހިންގެ ކަރަށް ބަނގުރާ އަޅާނެ ކަމުގެ އިންޒާރު ލިބުމަށް މަގުފަހިވެގެންދިއަ ދުވަހެވެ.
ދިވެހިންގެ ކުރިމަތީގައި މިއަދުގެ ޙާލަތަކީވެސް ހަމަ އެފަދަ ހާލަތެކެވެ. އެންމެފަހުން ރާއްޖެ އައި އީޔޫގެ ވަފުދުންވެސް ކުރީ ހަމަ އެ މަސައްކަތެވެ. މުޅި ދަތުރުގެ އެޖެންޑާއަކަށްވެފައި އޮތީ ދިވެހި ރައްޔިތަކަށް ވެވޭނީ މުސްލިމަކަށް ވެގެން ކަމަށް ޤާނޫނު އަސާސީގައި ބަޔާންކުރާ މާއްދާ އުވައިލުމެވެ.
މިއަދުނޫހަށް އިތުބާރުހުރި ގޮތެއްގައި ލިބިފައިވާ މައުލޫމާތުން އެނގޭގޮތުގައި ވަފުދު ފުރަމުން އެންމެ ފަހު ބައްދަލުވުމަކަށް ސިޔާސީ ޕާޓީތަކުގެ އިސް ބައަކާއިއެކު ބޭއްވި ބައްދަލުވުމުގައިވެސް ވަނީ އެކަމުގެ ވާހަކަތައް ދައްކައިފައެވެ. ދަތްދޮޅި އެލުވާލަން ޖެހުނީ "ސިޔާސީ ޕާޓީތަކުން އެކަމަށް އެއްބަސްވި ނަމަވެސް ރައްޔިތުން ބަލައިނުގަންނާނެ ކަމަށް" ބުނުމުންނެވެ. އެހެންކަމުން މިހާރު އީޔޫ ޢާއި އެމެރިކާގެ މިޝަނަކަށްވެފައި އޮތީ ރައްޔިތުން އެކަން ބަލައިގަންނާނެ ގޮތެއް ހޯދުމެވެ. އެކަމަށް ކުރެވެންހުރި މަސައްކަތްތައް މިހާރު ވެސް ގެންދަނީ ކުރަމުންނެވެ.
މީހުން ދިރިއުޅޭ ރަށްރަށުގައި ފަތުރުވެރިން ބިކިނީގައި އުޅެމުންދާ މައްސަލައިގައި މިއަދުނޫހުގައި ދާދިފަހުން ޝާއިއުކުރި ލިޔުމަކާއި ގުޅިގެން ގުޅި ކިޔުންތެރިއަކު ބުނީ ބިކިނީގައި އުޅުމަކީ އައުރަ ނިވާ ނުކޮށް އުޅުން ނޫން ކަމަށެވެ. އެހެންކަމުން އީޔޫ ޢާއި އިސްލާމް ދީނުގެ އަދުއްވުންގެ މަސައްކަތްތައް ކުރިއަށްދާ މިންވަރު މިދަނީ ފެންނަމުންނެވެ. އެކަމުގެ އަސަރު ރައްޔިތުންނަށް ކުރާ މިންވަރު މިދަނީ އެނގެމުންނެވެ.
ކަންދިމާވި ގޮތުން މިދުވަސް މިއަހަރު ދިމާވެފައި މިވަނީ ރާއްޖޭގެ ރައްޔިތުންގެ މަޖިލިސް އިންތިޚާބުކުރާ ދުވަހާއިއެކއެވެ. ރާއްޖޭގައި އިސްލާމް ދީން ޙިމާޔަތް ކުރުމުގެ އެންމެ ބޮޑު ބާރެއް ލިބިގެންވަނީ ރައްޔިތުންގެ މަޖިލީހަށެވެ. ވީމާ މިއަދަކީ މިކަންކަމަށް ވިސްނައި ފިކުރުކުރުން ވަރަށް މުހިންމު ދުވަހެއްކަން ފާހަގަކުރެވެއެވެ.