އިއްޔެ ބޭއްވި ރައްޔިތުންގެ މަޖިލިހުގެ އިންތިޚާބުގައި ހެންވޭރު ދެކުނު ދާއިރާގެ މިހާރުގެ މެންބަރު މުހައްމަދު އަބްދުލްކަރީމް (ރުކުމާ) ބޮޑުތަފާތަކުން ބަލިކުރުމަށްފަހު ހުސެއިން ޝަމީމް (އަނދުން ހުސެއިން) ބޮޑުކާމިޔާބީއެއް ހޯއްދަވައިފިއެވެ.
މި އިންތިހާބުގައި އަނދުން ހުސެއިން އަށް މިހާތަނަށް ވަގުތީނަތީޖާއިން ދައްކާގޮތުން 864 ވޯޓް ވަނީ ލިބިފައެވެ. މިދާއިރާގައި 8 ބޭފުޅަކު ވާދަކުރައްވާފައިވާއިރު އަނދުން ހުސެއިން އާއި އެންމެ ކައިރިން ވާދަކޮށްފައިވަނީ ރުކުމާއެވެ. ރުކުމާ އަށް ލިބިފައިވަނީ 379 ވޯޓެވެ.
އެމްޑިޕީގެ ޕްރައިމަރީން ބަލިވުމުން އިންތިހާބުގައި ރުކުމާ ބައިވެރިވެފައިވަނީ އަމިއްލަގޮތުންނެވެ.
މި ނަތީޖާއަށް ބަލާއިރު ހެންވޭރު ދެކުނު ދާއިރާގެ ރައްޔިތުން ބޭނުންވަނީ ދާއިރާގެ ރައްޔިތުން ނަށް އޮޅުވާލައި ދޯކާދިން މީހަކު ނޫންކަމަށާއި ބޭނުންވަނީ ދާއިރާއަށް ޚިދުމަތްކުރަން ކެރޭ، ރައްޔިތުންގެ އިހްސާސް ދަންނަ ރައްޔިތުންނަށް އޯގާތެރި މެންބަރެއް ހޮވަންކަމަށް އަނދުން ހުސެއިންގެ ކެންޕެއިން ޓީމުން ވަނީ ބުނެފައެވެ. އަދި އަނދުން ހުސެއިން އަކީ އެފަދަ އޯގާތެރި ރައްޔިތުންގެ އިހްސާސް ދަންނަ ބޭފުޅެއްކަމަށް ވެސް އެޓީމުން ވަނީ ބުނެއެވެ.

މީގެއިތުރުން އަނދުން ހުސެއިންގެ ކެންޕެއިން ޓީމުން ބުނެފައިވަނީ ވޯޓުން ނާކާމިޔާބު ވުމަކީ އެހެންމީހުންނަށް ފިތުނަލައިގެން، އުނދަގޫކުރަން ޖެހޭކަމެއް ނޫން ކަމަށާއި ކާމިޔާބީގައި ހިތްތިރިކޮށް ނާކާމިޔާބީގައި ހިތްވަރު ކުރުމަށެވެ.
މިކާމިޔާބީ އާއި ގުޅެން އަނދުން ހުސެއިންގެ ކެންޕެއިން ޓީމުން ސަޕޯޓަރުންނަށް ބުނެފައިވަނީ ''ހިތުގެ އެއްމެ ފުންމިނުން ހިފެހެއްޓުމެއް ނެއް ޝުކުރާ އަށްސެރިބަސް ރައްދު ކުރަން، ކާމިޔާބަކީ މާތްﷲ ދެއްވާ ނިޢުމަތެކެވެ، އިޚުލާސްތެރިކަމާ ތެދުވެރި ކަމުގެ އަގުބޮޑު މޭވާ އެކެވެ، ގުޅިގެން ކުރެވުނު މަސައްކަތުގެ ނަތީޖާ އެކެވެ، މި ލިބުނު ކާމިޔާބީގެ އެންމެ ބޮޑު ޝުކުރެއް ހައްޤު ވަނީ ތިޔަ ފަރާތަށާ ތިޔަ އާއިލާ އަށް'' ކަމަށެވެ.