ރާއްޖޭގައި އިންފްލުއެންޒާ ރޯގާ ފެތުރުން އިތުރުވެދާނެތީ، އެބަލިން ރައްކާތެރިވުމަށް ޖަހަން ޖެހޭ ވެކްސިން ވީހާވެސް އަވަހަށް ޖެހުމަށް ޑޮކްޓަރުން އިލްތިމާސް ކޮށްފިއެވެ.
މިދިޔަ އަހަރުވެސް އިންފްލުއެންޒާ ރޯގާ ޖެހިގެން ރާއްޖެެއިން މީހަކު ވަނީ މަރުވެފައެވެ. އަދި އޭގެ ކުރީ އަހަރު 200 އަށްވުރެ ގިނަ މީހުންނަށް އެރޯގާ ޖެހުނުއިރު ހަ މީހަކު މަރުވިއެވެ.
ވޭތުވެދިޔަ ދެ އަހަރުގެ ތަފާސް ހިސާބުތަކަށް ބެލުމަށްފަހު ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން ބުނެފައިވަނީ، ކުރިއަށް އޮތް ދުވަސްތަކުގައި އިންފްލުއެންޒާ ރޯގާ ފެތުރުމުގެ ބިރު ބޮޑު ކަމަށެވެ.
އައިޖީއެމްއެޗްގައި މަސައްކަތްކުރާ ކުޑަކުދިންގެ ޚާއްސަ ޑޮކްޓަރު ޑރ. އަހުމަދު ފައިސަލު ވިދާޅުވީ، އުމުރުން ހަ މަހުން މަތީގެ އެންމެންވެސް އިމްފްލުއެންޒާ ވެކްސިން ޖެހުން ވަރަށް މުހިންމު ކަމަށެވެ.
އިންފްލުއެންޒާ ވެކްސިން:
· ވެކްސިން ޖެހޭނެ އެންމެ ޅަ އުމުރަކީ ހަ މަސް
· ހަ މަހާއި 35 މަހާއި ދެމެދުގެ ކުދިންނަށް 0.25 އެމްއެލް (ފުރަތަމަ އަހަރު 2 ޑޯޒް. ފުރަތަމަ ޑޯޒް ޖަހާފަ އޭގެ ހަތަރު ހަފްތާ ފަހުން އަނެއް ޑޯޒް. އެއަށްފަހު އަހަރަކު އެއް ޑޯޒް)
· 36 މަހާއި އަށް އަހަރާއި ދެމެދުގެ ކުދިންނަށް 0.5 އެމްއެލް (ފުރަތަމަ އަހަރު 2 ޑޯޒް. ފުރަތަމަ ޑޯޒް ޖަހާފަ އޭގެ ހަތަރު ހަފްތާ ފަހުން އަނެއް ޑޯޒް. އެއަށްފަހު އަހަރަކު އެއް ޑޯޒް)
· ނުވަ އަހަރުން މަތީގެ ކުދިންނާއި މީހުންނަށް 0.5 އެމްއެލް (އަހަރަކު އެއް ޑޯޒް)
ކުޑަކުދިންގެ ޚާއްސަ ޑޮކްޓަރު ޑރ. އަބްދުﷲ އަފީފް ވިދާޅުވި ގޮތުގައި، އިންފްލުއެންޒާ ވެކްސިން ޖެހުމުން، އެރޯގާ ޖެހުމުގެ ފުރުސަތު ވަރަށް ބޮޑުތަން ކުޑަވާނެއެވެ. އަދި މިވެކްސިން ޖަހާފައިވާ މީހަކަށް ރޯގާ ޖެހުނު ނަމަވެސް، ފަސޭހައިން ރޯގާ ރަނގަޅު ވުމުގެ ފުރުސަތު ބޮޑުކަމަށް ވެސް ޑރ. އަފީފް ވިދާޅުވިއެވެ.
"އިންފްލުއެންޒާ ވެކްސިން ޖަހާފައިވާނަމަ، ބޮޑުވަރު ނުވެ ސަލާމަތް ވުމުގެ ފުރުސަތު ބޮޑު. އެހެންކަމުން މިވެކްސިން ޖެހުން ވަރަށް މުހިންމު" ޑރ. އަފީފް ވިދާޅުވިއެވެ.