އިރުގެ އަލިން ހަކަތަ އުފެއްދުން އިތުރުކުމަށް ދިމާވާ ގޮންޖެހުންތަކަށް ހައްލު ހޯދުމުގެ މަޤްޞަދުގައި އުފައްދާފައިވާ އިންޓަރނޭޝަނަލް ސޯލަރ އެލައިންސްގެ "ފްރޭމްވަރކް އެގްރީމެންޓް އޮން ދަ އެސްޓްބްލިޝްމަންޓް އޮފް ދަ އިންޓަރނޭޝަނަލް ސޯލަރ އެލައިންސް" ގައި ދިވެހި ސަރުކާރުގެ ފަރާތުން މިނިސްޓަރ އޮފް އެންވަޔަރަންމަންޓް ޑރ. ޙުސައިން ރަޝީދު ޙަސަން، މިއަދު ސޮއިކުރައްވައިފިއެވެ.
ރާއްޖެއަށް މިއަންނަ ތަރައްޤީއާއެކު ކަރަންޓު ބޭނުންކުރާ މިންވަރު ދަނީ ދުވަހުން ދުވަހަށް އިތުރުވަމުންނެވެ. ރާއްޖޭގައި ކަރަންޓު އުފެއްދުމަށް މުޅިންހެން ބަރޯސާވަނީ ބޭރުން އެތެރެކުރާ ތެލަށެވެ. މިގޮތުން ރާއްޖޭގެ އުފެއްދުންތެރިކަމުގެ 10 އިންސައްތަ ޚަރަދުކުރަނީ ތެޔޮއެތެރެކުރުމަށެވެ. ބޭރުން އެތެރެކުރާ ތެލަށް ބަރޯސާވާ މިންވަރު ކުޑަކޮށް ރާއްޖެއިން ލިބެންހުރި އިއާދަކުރަނިވި ހަކަތައިގެ ވަޞީލަތްތައް ބޭނުންކުރުން އިތުރުކުރުމަށްޓަކައި ކުރާ މަސައްކަތްތަކުގެ ތެރެއިން މިއަދު ސޮއިކުރެވުނު ފްރޭމްވަރކް އެއްބަސްވުމުގެ ސަބަބުން ހަކަތައިގެ ރައްކައިތެރިކަން އިތުރުކުރުމަށް މިކުރާ މަސައްކަތްތަކަށް އިތުރު އެހީތެރިކަމެއް ލިބިގެންދާނެއެވެ.

މި އެއްބަސްވުމުގެ ސަބަބުން ތެލަށްބަރޯސާވާ މިންވަރު ކުޑަކޮށް، ރާއްޖެ ކާރބަން މަދު އިޤްތިޞާދަކަށް ހެދުމަށް މަގުފަހިވެގެންދާނެއެވެ.
މިގޮތުން ކަރަންޓު އުފެއްދުމަށް ރަނގަޅު މިންވަރަކަށް އިރުގެ އަލި ލިބޭޤައުމުތަކާއި ގުޅުންބަދަހިކޮށް، ރަނގަޅު އަގުހެޔޮ ސޯލަރ ޓެކްނޮލޮޖީއާއި،އެކަމަށް ބޭނުންވާ މާލީ އެހީތެރިކަން އަދި އިންސާނީވަސީލަތް ތަރައްޤީ ކުރުމުގެ ފުރުޞަތު މި ޤައުމުތަކުން ރާއްޖެއަށް ލިބިގެންދާނެއެވެ. މި މަސައްކަތްތައް ކުރުމަށާއި އިއާދަކުރަނިވި ހަކަތައިގެ ވަސީލަތްތައް އިތުރުކުރުމާއި ހަރުދަނާ ކުރުމަށް އެކިއެކި ޤައުމުތަކަށް ޢާއްމުކޮށް ދިމާވާ ގޮންޖެހުންތަކަށް ހައްލު ހޯދުމަށް މިއެއްބަސްވުމުގެ ދަށުން މަސައްކަތްކުރެވިގެން ދާނެއެވެ.
މިއަދުގެ މި ރަސްމިއްޔާތުގައި، ކުރީ ސަރުކާރުގެ މައިގަނޑު އަމާޒަކީ ރާއްޖޭގެ މީހުން ދިރިއުޅޭ ކޮންމެރަށަކަށް ބޭނުންވާ ޕީކް ލޯޑު ކަރަންޓުގެ މަދުވެގެން %30 އިޢާދަކުރަނިވި ހަކަތައިން ކަރަންޓު އުފައްދައި ފޯރުކޮށްދިނުން ކަމުގައިވީ ނަމަވެސް، ހަކަތަ އުފެއްދުމުގައި ތެލަށް ބަރޯސާވާ މިންވަރު ވީ އެންމެ ކުޑަކުރުމަކީ މިސަރުކާރުގެ އަމާޒެއްކަމަށްވުމާއިއެކު ސަރުކާރުން މިހާރު މަސައްކަތްކުރަމުން ދަނީ ޕީކް ލޯޑު ކަރަންޓުގެ %70 އިރުގެ އަލި ބޭނުންކޮށްގެން އުފެއްދުމަށް ކަމަށް މިނިސްޓަރ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ.