ގ. ރެޑް ޕަރލްގޭގައި ރޭހިނގި އަލިފާނުގެ ހާދިސާގައި އެގެއަށް ބޮޑެތި ގެއްލުންތަކެއް ލިބިފައިވާތީ އެތަނުގައި ދިރިއުޅެމުންދިޔަ ދިހަމީހަކަށް ޑިޒާސްޓަރ މެނޭޖްމަންޓް އޮތޯރިޓީން ވަގުތީ ބޯހިޔާވަހިކަން ހަމަޖައްސައިދީފިއެވެ.
ދިރިއުޅޭނެ ވަކި ތަނެއް ހަމަޖެހެންދެން އެ ގެސްޓްހައުސްގައި ތިބެވޭނެ އިންތިޒާމް ޑިޒާސްޓަރ މެނޭޖްމަންޓް އޮތޯރިޓީން ހަމަޖައްސާދީފައިވަނީ އެގޭގައި ދިރިއުޅޭ 5 އަންހެނަކަށާއި 4 ފިރިހެނަކަށާއި 18 އަހަރުން ދަށުގެ ކުޑަ ކުއްޖަކަށެވެ.
މިގޭގައި އަލިފާންރޯވި ރޭ މެންދަމު 03:45 ހާއިރު އެވެ. މި ހާދިސާގައި އަލިފާން ރޯވެފައިވަނީ އެ ގޭ ދެވަނަ ފަންގިފިލާއަށް އަރަން ހުންނަ ލަކުޑިން ހަދާފައިވާ ސިޑިއެއްގައެވެ.
މި ހާދިސާގައި ރޯވި އަލިފާން އެއްކޮށް ނިއްވާލެވިފައިވަނީ ރޭ 04:30 ހާއިރު ކަމަށާއި އަދި އަލިފާނުގެ ހާދިސާ އާ ގުޅިގެން އެ ގޭގައި އެވަގުތު ތިބި މީހުންތައް އިވެކުއޭޓް ކުރުމުގެ މަސައްކަތް އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިއު ސަރވިސްގެ ސަރޗް އެންޑް ރެސްކިއު ޓީމުން ވަނީ ކޮށްފައެވެ.
މި ހާދިސާގައި އެއްވެސް މީހަކަށް އަނިޔާ އެއް ލިބިފައިނުވާއިރު އެގެޔަށް ވަނީ އެކިވަރުގެ ގެއްލުންތައް ލިބިފައެވެ.