ހައްދުންމަތީ ގަމާއި މުންޑޫ ގުޅާލަދިނުމަށް މުންޑޫ ކައުންސިލުން ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙްގެ އަރިހުގައި އެދިއްޖެއެވެ.
މިއަދު މެންދުރުފަހު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވެވި މި ބައްދަލުކުރެއްވުމުގައި، މުންޑޫގެ ރައްޔިތުން އެންމެ ބޮޑަށް ބޭނުންވެފައިވާ ކަންކަމާއި ބެހޭ މަޢުލޫމާތު ރައީސުލްޖުމްހޫރިއްޔާއާއި ޙިއްޞާ ކުރައްވަމުން ގަމާއި މުންޑޫ ގުޅާލައި ދިނުމަށާއި، ލޯކަލް ޓުއަރިޒަމް ތަރައްޤީކުރުމަށް ސަރުކާރުން އެހީތެރިކަން ފޯރުކޮށްދިނުމަށް ކައުންސިލްގެ ފަރާތުން ވަނީ އެދިވަޑައިގެންފައެވެ.
އަދި ރަށަށް ކުރިމަތިވެފައިވާ މައްސަލަތައް ފާހަގަ ކުރައްވައި މުންޑޫ ކައުންސިލްގެ ފަރާތުން ފާހަގަކުރެއްވި ކަންތައްތަކުގެ ތެރޭގައި، މުންޑުއަކީ މީހުން ދިރިއުޅޭ ރަށެއްކަން ރަސްމީކޮށް އެނގެން ނެތުމުގެ ސަބަބުން ދިމާވާ މައްސަލަތަކާއި، ސުނާމީގައި އެތައް ބައެއްގެ ގެދޮރު ހަލާކުވުމުގެ ސަބަނުން ކުރިމަތިވެފައިވާ ގެދޮރުގެ ދަތިތަކާއި، ރަށުގައި ނަރުދަމާ އަދި ރައްކާތެރި ބޯފެނުގެ ނިޒާމު ފަދަ އަސާސީ ހިދުމަތްތައް ގާއިމުވެފައި ނެތުމުން ކުރިމަތިވާ ގޮންޖެހުންތައް ހިމެނެއެވެ. އަދި ރަށުގެ މުވައްސަސާތަކުގައި އެކަށީގެންވާވަރަށް މުވައްޒަފުން ނެތުމުން ދިމާވާ ގޮންޖެހުންތައް ވެސް މެންބަރުން ފާހަގަ ކުރެއްވިއެވެ.
މި ބައްދަލުކޮށްލެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި މުންޑޫ ކައުންސިލުން އެދިވަޑައިގެންފައިވާ ކަންކަމުގައި ކަމާގުޅޭ އިދާރާތަކާ މަޝްވަރާކުރައްވައިގެން އެކަންކަމަށް ޙައްލެއް ހޯއްދަވައިދެއްވަން މަސައްކަތްޕުޅު ކޮށްދެއްވާނެ ކަމުގައި ވިދާޅުވިއެވެ.