އިތުރު 84 ވަކީލުންނަށް ޤާނޫނީ ވަކީލުކަން ކުރުމުގެ ހުއްދަ ދީފި އެވެ. މިކަމަށްޓަކައި ސްޕްރީމް ކޯޓުގައި މިރޭ ބޭއްވި ރަސްމިއްޔާތުގައި ވަނީ އަލަށް ހުއްދަ ދިން ވަކީލުންނަށް އެކަމުގެ ލިޔުން ހަވާލުކޮށްފައެވެ.
މިރަސްމިއްޔާތުގައި ޑިޕާޓްމަންޓް އޮފް ޖޫޑިޝަލް އެޑް މިނިސްޓްރޭޝަންގެ އެޑްމިނިސްޓްރޭޓަރ، ޑރ. ޢަބްދުﷲ ނަޒީރު ވިދާޅުވީ މިއީ ވަކީލުކަން ކުރުމުގެ ހުއްދަ ދިނުމަށް މިއަހަރު ބާއްވާ ދެވަނަ ރަސްމިއްޔާތު ކަމަށާއި އަހަރަކު 250 ވަކީލުން ހުއްދަ ހޯދަމުން ގެންދާ ކަމަށެވެ. އަދި މަސައްކަތެއްގެ ގޮތުން މިއީ އެންމެ ބާރަށް ކުރިއަރަމުން އަންނަ އެއް ދާއިރާ ކަމަށެވެ.
ޑރ. ނަޒީރު ވިދާޅުވީ އުއްތަމަ ފަނޑިޔާރުގެ އިސްނެންގެވުމުގެ މަތިން ޢާންމުންގެ ޚިޔާލު ހޯދައި ޖޫޑިޝަރީ އިޞްލާޙުކުރުމުގެ މަސައްކަތްތަކެއް މިހާރު ފަށާފައިވާ ކަމަށާއި އެމަސައްކަތްތައް 2023 ވަނަ އަހރާއި ހަމައަށް ކުރިއަށް ގެންދެވޭނެ ގޮތުގެ މަގުޗާޓެއް ވަރަށް އަވަހަށް އިއުލާނު ކުރެވޭނެ ކަމަށެވެ.
ޑރ. ނަޒީރު ވަނީ މިރޭ އަލަސް ހުއްދަ ހޯއްދެވި ވަކީލުންވެސް މި މަސައްކަތުގައި ބައިވެރި ޝަރުޢީ ދާއިރާ އިތުރަށް ހަރުދަނާ ކުރުމުގެ މަސައްކަތުގައި ބައިވެރިވެ ދިނުމަށް އެދިވަޑައިގެންފައެވެ.
މިރޭގެ ރަސްމިއްޔާތުގައި އުއްތަމަ ފަނޑިޔާރާއި ސްޕްރީމް ކޯޓުގެ ފަނޑިޔާރުންވެސް ބައިވެރިވެވަޑައިގެންނެވިއެވެ.