ޖިނާޢީ މައްސަލަތަކުގައި ވަކާލާތުގެ ކުރުމުގެ ފުރުޞަތު ރާއްޖޭގައި 17 އަހަރުން ފާސްކުރި ޤާނޫނު އަސާސީގައި ދިނުމުން ވެސް ޤާނޫނު އަސާސީގަ ބުނާ މާނަ ހަނިކޮށް ޤާނޫނީ ވަކީލުންގެ ދައުރަށް އެއިރު ރާއްޖޭގައި ހުންނެވި "ބޮޑު ފަނޑިޔާރު" ގެންދެވީ ހުރަސް އަޅުއްވަމުން ކަމަށް އެއިރު ކްރިމިނަލް ކޯޓުގެ އިސްފަނޑިޔާރު ކަމުގައި ހުންނެވި އަހްމަދު މުޢިއްޒު ވިދާޅުވެޖެއްޖެއެވެ.
ރާއްޖޭގެ އެންމެ ފުރަތަމަ 2 ސްޓޭޓް އެޓާނީންގެ ތެރޭގައި ހިމެނިވަޑައިގަންނަވާ އަޙްމަދު މުޢިއްޒު މިމޭރުމުން ވިދާޅުވީ ރާއްޖޭގެ ކޯޓުތަކުގައި ވަކާލާތުކުރުމުގެ ހުއްދަ އަލަށް ހޯދި 84 ޤާނޫނީ ވަކީލުންނާއި ލިޔުން ހަވާލު ކުރުމަށް ދިވެހިރާއްޖޭގެ ސްޕްރީމް ކޯޓުގައި ރޭ ބޭއްވި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވައި ދެއްކެވި ވާހަކަފުޅުގައި ރާއްޖޭގެ ޝަރުޢީ ނިޒާމުގައި ޤާނޫނީ ވަކީލުންގެ ދައުރު ފެށިގެން އައި ގޮތާއި އެކަމަށް ކުރިމަތިކުރުވި ގޮންޖެހުންތައް ހާމަކުރައްވަމުންނެވެ.
އަޙްމަދު މުޢިއްޒު ވިދާޅުވީ "1932 ވަނަ އަހަރުގެ ޤާނޫނު އަސާސީއަށް ވުރެ 17 އަހަރުން ފާސްކުރި ޤާނޫނު އަސާސީގައި ޤާނޫނީ ވަކީލުންގެ ދައުރުގެ ވާހަކަ ހަނިކުރި- އަދި 17 އަހަރުން ފާސްކުރި ޤާނޫނު އަސާސީގައި ޤާނޫނީ ވަކީލުންނަށް ދީފައިވާ ދައުރުވެސް ބޮޑު ފަނޑިޔާރު ހަނިކުރި. ޤާނޫނީ ވަކީލުންނަށް ކޯޓުތަކުގައި ވަކާލާތު ނުކުރެވޭނެ ކަމަށް ކަނޑައަޅައި ޤާނޫނީ ވަކީލުންނަށް ކުރެވޭނެ ހަމައެކަނި ކަމަކީ މުވައްކިލު ކައިރީގައި ކޯޓުގައި އިނުން ކަމަށް ބޮޑު ފަނޑިޔާރު ނެރުއްވި ސަރކިޔުލާއަކުން ކަނޑައެޅި." ކަމަށެވެ. އަދި އެގޮތަށް ކަނޑައަޅައި އަމަލުކުރަމުން ގެންދަނިކޮށް ހަމަ އެ ޤާނޫނު އަސާސީން ކޯޓުތަކުގައި ވަކާލާތު ކުރުމުގެ ހައްޤު ވަކީލުންނަށް ދެއްވީ ރާއްޖޭގެ އެޓާނީ ޖެނެރަލް ކަމުގެ މަޤާމާއި ޑރ. ޙަސަން ސަޢީދު ހަވާލުވެވަޑައިގަތުމަށްފަހު ކަމަށްވެސް ޑރ. މުޢިއްޒު ވިދާޅުވިއެވެ.
އަޙްމަދު މުޢިއްޒު ވިދާޅުވީ 1932 ވަނަ އަހަރުގެ ޤާނޫނު އަސާސީގައި "ކޮންމެ ކަހަލަ ޝަރީއަތެއްގައި ނަމަވެސް ޤާނޫނީ ވަކީލުން ގެންދިއުމަކީ ހެޔޮވެގެންވާ ކަމެއް ކަމަށް" ލިޔެފައި އޮތް ކަމަށެވެ. ނަމަވެސް އެއިގެ ފަހުން ފާސްކުރި މޫންލައިޓް ޤާނޫނު އަސާސީގައި ޤާނޫނީ ވަކީޅުންގެ ވާހަކަ ލިޔެވިފައިވެސް ނެތް ކަމަށެވެ. އަދި ލިޔެވިފައި ނެތް ނަމަވެސް ބައެއް ބޭފުޅުން ޤާނޫނީ ވަކީލުކަން ކުރައްވަމުން ގެންދެވި ކަމަށެވެ.
އަޙަމަދު މުޢިއްޒު ވިދާޅުވީ 17 އަހަރުން ފާސްކުރި ޤާނޫނު އަސާސީގައި ވަކީލުންގެ ބޭނުން ކުރަން ފުރުޞަތު ދީފައި އޮތް ކަމަށެވެ. "ކުށެއްގެ ތުހުމަތުން ބަރީޢަ ވުމަށް އިސްލާމީ ޝަރީއަތާއި ޚިލާފް ނުވާ ގޮތުގެ މަތީން މަސައްކަތް ކުރުމުގެ ޙައްޤު ކޮންމެ މީހަކަށްވެސް ލިބިގެންވެއެވެ. މިގޮތުން ޤާނޫނީ ވަކީލެއްގެ އެހީއަށް ބޭނުންވެއްޖެ ކޮންމެ ހިނދެއްގައި އެފަދަ އެހީ ހޯދައި ލިބިގަތުމުގެ ފުރުޞަތު ދޭންވާނެއެވެ." ލިޔެފައި އޮތް ކަމަށެވެ.
"މިހެންވެ އަޅުގަނޑު ކްރިމިނަލް ކޯޓަށް ޤާނޫނީ ވަކީލުން ބަލައިގަންނަން ފަށައިފިން. ދެން ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން އައީ ސިޓީއެއް. އެ ސިޓީގައި އޮތީ "ޤާނޫނީ ވަކީލެއްގެ އެހީއަށް ބޭނުންވެއްޖެ ކޮންމެ ހިނދެއްގައި އެފަދަ އެހީ ހޯދައި ލިބިގަތުމުގެ ފުރުޞަތު ދޭންވާނެ" ޤާނޫނު އަސާސީގައި އޮތުމުގެ މުރާދަކީ ވަކީލަށް ކޯޓުގައި މުޚާޠަބް ކުރުމުގެ ފުރުޞަތު ދިނުމެއް ނޫނޭ. ވަކީލަށް މުވައްކިލުގެ ގާތުގަ އިނދެވިދާނެއޭ. އެކަމަކު ހުރިހާ ވާހަކައެއް ދައްކަން ޖެހޭނީ ދައުވާ ލިބޭ މީހާއޭ. ކާކު މާނަކޮށްދެއްވީ ޢަދުލު އިންޞާފު ޤާއިމުކުރުމުގެ އެންމެ މަތީވެރިޔާ. މިއީ މަލާމާތަކަށް ދަންނަވާ ވާހަކައެއް ނޫން. 1997ގެ ޤާނޫނު އަސާސީ ބުނަނީ އަދުލު އިންޞާފް ޤާއިމުކުރުމުގެ ހުރިހާ ބާރުތަކެއް ލިބިގެންވަނީ ރައީސުލްޖުމްހޫރިއްޔާ އަށާއި ރާއްޖޭގެ ކޯޓުތަކަށް ކަމަށް. އަދުލު އިންބާފު ޤާއިމުކުރުމުގެ އެންމެ މަތީ ފަރާތަކީ ރައީސުލްޖުމްހޫރިއްޔާއޭ."
"ޤާނޫނީ ވަކީލުންނަށް އަލްއުސްތާޛް ކިޔާ ސަބަބެއް އަޅުގަނޑަކަށް ނޭނގެ. ކުރި އެއްވެސް ދިރާސާއަކުންވެސް ނުއެނގުނު. ބައެއް ބޭފުޅުން ވިދާޅުވޭ އަޒްހަރު ޔުނިވަރސިޓީން ކޮންމެ އެއްޗެއް ކިޔެވިނަމަވެސް އުސްތާޛްކަން ލިބޭކަމަށް. މަޖިދިއްޔާގަ ހިސާބު ކިޔަވައިދިން މުދައްރިސަކީ ރާއްޖޭގެ ވަރަށް ބޮޑު އުސްތާޛެއް."
ރާއްޖޭގެ ފުރަތަމަ ޕީޖީގެ މަޤާމު ވެސް އަދާކުރެއްވި އަޙްމަދު މުޢިއްޒުގެ ވާހަކަފުޅަކީ މިދާއިރާ ދިރާސާކުރާ ބައަކަށް ވަރަށް ގިނަ މައުލޫމާތުތަކެއް ލިބިގެންދާނެ ވާހަކަފުޅެކެވެ. އެހެންކަމުން އަޙްމަދު މުޢިއްޒުގެ ވާހަކަފުޅު އަޑުއަހައިލުމަކީ ވަރަށް ގިނަ މައުލޫމާތުތަކެއް ލިބިގެންދާނެ ކަމެކެވެ.
އަޙްމަދު މުޢިއްޒުގެ ވާހަކަފުޅު: