މީގެ 400 ވަރަކަށް އަހަރު ކުރިއާއި ހަމައަށް ރާއްޖޭގެ ރަށެއްގެ ގޮތުގައި އޮތް މަލިކުގެ ވާހަކަ ދެއްކުމަކީ އާދައިގެ ކަމެއް ނޫނެވެ. އެއީ ބިރުހުރި ކަމެއް ކަމަށް ވަނީ ބެލެވިފައެވެ.
ނޮވެމްބަރު 3 ގެ އުދުވާނީ ހަމަލަ ރާއްޖެއަށް ކުރިމަތިވުމުގެ ފަހަތުގައިވެސް މަލިކާއި ބެހޭ ވާހަކައެއް އެއިރުގެ އެންމެ އިސްވެރިން ދެއްކެވުން ހިމެނޭ ކަމަށް، އެކަން ދިރާސާ ކުރެއްވި ބައެއް ބޭފުޅުން ހާމަ ކުރައްވާފައި ވާތީއެވެ. އެބޭފުޅަކަށް ތަޤްރީރެއްގައި ވިދާޅުވެވުނު ކަމަށްވަނީ "މަލިކަކީ މީގެ 400 އަހަރު ކުރިން ރާއްޖޭގެ ރަށެއް" މިވަރަށެވެ.
މަލިކުގެ ރައްޔިތުންނަކީ ހަމަ ދިވެހިރައްޔިތުން ނަމަވެސް ޤާނޫނީ ގޮތުން މިހާރު އެމީހުންނަކީ އިންޑިއާ ރައްޔިތުންނެވެ. އަދި އެމީހުން ބޭނުންވަނީވެސް އިންޑިއާ ރައްޔިތުންގެ ގޮތުގައި ތިބެންކަމަށް ކޮޗިން އިން ބައްދަލުވާ ގިނަ އަދަދެއްގެ މަލިކު މީހުން ވަނީ ބުނެފައެވެ. އެމީހުންނަށް ބޭނުންވާ ދީނީ އަދި ޘަޤާފީ ޙައްޤުތައް އިންޑިއާއިން ދީފައިވާ ކަމަށްވެސް އެމީހުން ބުނެފައިވެއެވެ. އެމީހުން ބުނާ ގޮތުން އެމީހުން ދިރިއުޅެމުން ގެންދަނީ އިސްލާމް ދީން ފުރިހަމައަށް ޙިމާޔަތްކުރެވިފައިވާ މާހައުލެއްގައެވެ.
"ދިވެހިންވެސް ބޭސްކުރާށާ ކިޔަވަން އަންނަނީ އިންޑިއާއަށް. އަހަރެމެންވެސް މިއަންނަނީ ހަމަ އިންޑިއާއަށް. އެހެންވީމާ ރާއްޖޭގެ ދަށަށް ދިއުމުން ކުރާނެ ފައިދާއަކީ ކޮބައިތޯ؟" ވެސް ބައެއް މީހުން ވަނީ ސުވާލުކޮށްފައެވެ.
މުމްބާއީގައި ހުންނަ މަލިކު "ސީމަނުންގެ ގެ" އިން އެކިފަހަރުމަތިން ބައްދަލުވި މީހުންވެސް ބުނެފައިވަނީ ހަމަ ކޮޗިން އިން ބައްދަލުވި މީހުންވެސް ބުނި ގޮތަށެވެ. އިތުރު ވިސްނުމެއްގެ ބައަކުވެސް މަލިކުގައި އުޅުމަކީ އެކަށީގެންވާ ކަމެކެވެ.