ކުލި ނުދައްކާތީ ނިއު ޕޯޓް ވިއު ރެސްޓޯރެންޓް ހުސްކޮށް، މިލިއަނަކަށް ވުރެ ގިނަ ރުފިޔާ ހޯދަން ކޯޓަށް!

މޫސާ ވަހީދު
ކިޔުމަށް ހޭދަވާނީ 1މ 54ސ
ކުލި ނުދައްކާތީ ނިއު ޕޯޓް ވިއު ރެސްޓޯރެންޓް ހުސްކޮށް، މިލިއަނަކަށް ވުރެ ގިނަ ރުފިޔާ ހޯދަން ކޯޓަށް!

އެއްބަސްވުމާ އެއްގޮތަށް ކުލި ދައްކަމުން ނުދާތީ ނިއު ޕޯޓް ވިއު ރެސްޓޯރެންޓް ހުސްކުރުމަށާއި މިލިއަނަކަށް ވުރެ ގިނަ ރުފިޔާ ހޯދަން ސިވިލް ކޯޓަށް މިއަދު މައްސަލައެއް ހުށަހަޅައިފިއެވެ.

ސްޓްރާޑާ ޕްރައިވެޓް ލިމިޓެޑުން ހިންގަމުން އަންނަ ނިއުޕޯޓު ވިއު ހިންގުމަށް ހައުސިން މިނިސްޓްރީއާ ދެމެދު 2017 ވަނަ އަހަރުގެ އޭޕްރީލް މަހުގެ 13 ވަނަ ދުވަހު ހެދި އެއްބަސްވުމުގެ ދަށުން ދައްކަން ހަމަޖެހިފައިވާ ކުލި ޑިސެމްބަރު، 1، 2018 އިން ފެށިގެން ދައްކާފައިނުވެއެވެ. އަދި މިމުއްދަތުން ފެށިގެން ފެބުރުއަރީ، 27، 2019 އާ ހަމައަށް އެ ބިމުގެ ކުއްޔާއި ޖޫރިމަނާ ފައިސާގެ ގޮތުގައި ދައުލަތަށް 1،149،271 ރުފިޔާ ދައްކަންޖެއެވެ.

މިކަމާއި ގުޅިގެން ޕްލޭނިން މިނިސްޓްރީން ބުނެފައިވަނީ އަދި ކުލި ނުދައްކާ އޮއްވައި ކުލި ދައްކަންޖެހޭ މަސް ނިމިއްޖެނަމަ، އިތުރު މުއްދަތެއް ނުދީ އެއްބަސްވުން ބާތިލުކުރުމަށް މިނިސްޓްރީއަށް ލިބިފައިވާ އިހުތިޔާރުގެ ދަށުން މި މަހުގެ ހަތްވަނަ ދުވަހު އެއްބަސްވުން ބާތިލުކޮށް، އެއްބަސްވުމުގެ ދަށުން ދޫކޮށްފައިވާ ބިން އެ މިނިސްޓްރީއާ ހަވާލުކުރުމަށް ސްޓްރާޑާ އަށް އަންގާފައިވާ ކަމަށެވެ.

އަދި ސްޓްރާޑާ ޕްރައިވެޓް ލިމިޓެޑް އިން ނިއު ޕޯޓް ވިއު ރެސްޓޯރެންޓް ހިންގަވަމުން ގެންދަނީ ގަވާއިދާ ޚިލާފަށް ކަމަށްވެސް ޕްލޭނިން މިނިސްޓްރީން ވަނީ ބުނެފައެވެ.

ނިއު ޕޯޓް ވިއު ހިންގާ ބިން، ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން ތިން އަހަރަށް ސްޓްރާޑާ ކުންފުންޏާ ހަވާލުކުރީ މާލެ އާއި ހުޅުލެއާ ދެމެދު ބްރިޖު އަޅާ މަންޒަރު ބަލަން ޕްލެޓްފޯމެއް ތަރައްގީކުރާށެވެ. އެ ޕްލެޓްފޯމާ އެކު އެ ސަރަހައްދުގައި ރެސްޓޯރަންޓަކާއި ސިނަމާއެއްގެ އިތުރުން ފުޓްސަލް ދަނޑެއް ތަރައްގީކުރަން ވެސް ހައުސިން މިނިސްޓްރީން ސްޓްރާޑާ އަށް ހުއްދަ ދިނެވެ.

ޕްލޭނިން މިިނިސްްޓްރީން ނިނަމާފައިވަނީ ނިއު ޕޯޓް ވިއު ރެސްޓޯރެންޓް ހުސްކުރުމަށް ފަހު އެބިމުގައި އާންމުން ހިތް ފަސޭހަކޮށް ވަގުތު ހޭދަކޮށްލެވޭނެ ފެހި ސަރަހައްދެއްގެ ގޮތުގައި އެ ސަރަހައްދު ތަރައްގީ ކުރުމަށެވެ.

 

 

 

މިއަދު އޮންލައިން