ރޯދަމަހު މުދާއުފުލުން މަނާ ވަގުތަކީ މެންދުރުފަހު ތިނަކުން ރޭގަނޑު ނުވައަކަށް ކަމަށް ޓްރާންސްޕޯޓް މިނިސްޓްރީން ބުނެފިއެވެ.
މިކަމާއި ގުޅިގެން ޓްރާންސްޕޯޓް މިނިސްޓްރީން ނެރުނު އިއުލާނެއްގައި ބުނެފައި ހަވީރު 3:00 ރޭގަނޑު 9:00 ދެމެދު އެއްވެސް ބާވަތެއްގެ މުދަލެއް ވިޔަފާރީގެ ގޮތުން އެއްގަމު އުޅަނދެއްގައި ގަނޑުކޮށް ނުއުފުލޭނެ ކަމަށާއި ނަމަވެސް، ހެނދުނު 9:00 އިން ފެށިގެން ހަވީރު 3:00 އަށް އަދި ރޭގަނޑު 9:00 އިން ހެނދުނު 6:00 އާ ދެމެދު މުދާ އުފުލޭނެކަމަށެވެ.
ޓްރާންސްޕޯޓް މިނިސްޓްރީން ބުނެފައިވަނީ މުދާއުފުލުން ހުއްދަ ގަޑިތަކުގަވެސް ފެނާއި ކައްކާ ގޭސް ގެންދާނަމަ، ގެންދެވޭނީ 350 ކިލޯގްރާމަށް ވުރެ ލުއިކޮށް ކަމަށެވެ.
މީގެއިތުރުން ބުރިޖު ހުރަސްކޮށް މުދާ ގެންދާ ފަރާތްތަކަށް މުދާ ގެންދެވޭނީ، ހެނދުނު 9:00 އިން ފެށިގެން ހަވީރު 3:00 އަށާއި ދަންވަރު 1:00 އިން ހެނދުނު 6:00 އަށް ކަމަށް ކަނޑައޅާފައި ވާއިރު އެއްވެސް ބާވަތެއްގެ ހެވީ ވެހިކަލެއް އެއްވެސް ގަޑިއެއްގައި ދުއްވުމަކީ މަނާކަމެއްކަމަށް ވެސް އެ މިނިސްޓްރީން ބުނެފައިވެއެވެ.
ރޯދަމަހުގެ ފުރަތަމަ ދުވަހަކީ އަންނަމަހުގެ 6 ވަނަދުވަހެވެ.