ރާއްޖޭގައި ނައިބު ރައީސްކަން ކުރެއްވި ބޭފުޅުންގެ ތެރެއިން ކުށްވެރި ނުވެ މަގާމުން ވަކިވާ ނައިބު ރައީސުންނަށް 35،000ރ. ގެ މުސާރައެއް ދިނުމަށް މަޖިލީހުގެ ކޮމިޓީން ނިންމައިފިއެވެ.
ރައީސުލްޖުމްހޫރިއްޔާގެ ނައިބުކަން ކުރައްވާފައި ތިއްބެވި ބޭފުޅުންނަށް ދޭން ޖެހޭ ރައްކާތެރިކަމުގެ ބިލް މަޖިލީހަށް ހުށަހެޅުއްވި އޭދަފުށީ ދާއިރާގެ ޕީޕީއެމްގެ މެމްބަރު އަހުމަދު ސަލީމް (ރެޑްވޭވް ސަލީމް) އެވެ.
މިބިލްގައި ބުނެފައިވަނީ ނައިބު ރައީސުން ދައުލަތުން މުސާރަ ލިބޭ އެހެން ވަޒީފާއެއް ނުވަތަ މަގާމެއް އަދާނުކުރާ ނަމަ މާލީ އިނާޔަތް ނުލިބޭނެ ކަމަށެވެ. އަދި ބޭނުންވެއްޖެ ހާލަތެއްގައި އެކަށީގެންވާ ފެންވަރަކަށް ސަލާމަތީ ހިދުމަތް ނައިބު ރައީސުން ނަށް ފޯރުކޮށްދޭން ވާނެ ކަމަށް ބިލްގައި ބުނެފައިވެއެވެ.
ރާއްޖެ އާއި ރާއްޖެ އިން ބޭރުން ސަރުކާރުން ކަނޑައަޅާ ގޮތެއްގެ މަތިން ނައިބު ރައީސުންނަށް ސިއްހީ ހިދުމަތް ފޯރުކޮށްދޭން ވާނެ ކަމަށާއި އަދި މާލޭގައި އެއްގަމު ދަތުރުފަތުރުކުރުމުގެ ވަސީލަތްތައް ސަލާމަތީ ބާރުތަކުން ހަމަޖައްސައިދޭން ވާނެ ކަމަށް ބިލްގައި ބުނެފައިވާއިރު ނައިބު ރައީސްކަން ކުރެއްވި ބޭފުޅަކު ޖިނާއީ ކުށެއް ކުރިކަން ސާބިތުވެ، އޭނާގެ މައްޗަށް ނިހާއީ ހުކުމެއް އަންނަ ވަގުތުން ފެށިގެން އޭނާ އަށް ބިލުން ލިބޭ އެއްވެސް ރައްކާތެރިކަމާއި އިނާޔަތެއް ނުލިބޭނެ ކަމަށް ވެސް ބިލްގައި ބުނެފައިވެއެވެ.