ސިއްހީ މައްސަލަތަކެއް ހުރި ދަރިވަރަކަށް މަޑަވެލި ސްކޫލްގެ ޓީޗަރުންތަކެއް އަނިޔާކޮށް ގަނާ ކުރި މައްސަލައެއް ފެންމަތިވެއްޖެ!

ކިޔުމަށް ހޭދަވާނީ 4މ 6ސ
ސިއްހީ މައްސަލަތަކެއް ހުރި ދަރިވަރަކަށް މަޑަވެލި ސްކޫލްގެ ޓީޗަރުންތަކެއް އަނިޔާކޮށް ގަނާ ކުރި މައްސަލައެއް ފެންމަތިވެއްޖެ!

ޓިޗަރުންނަކީ ކޮންމެ ދަރިވަރެއްގެ ވެސް ދެވަނަ ބެލެނިވެރިން ކަމުގައި ދެކުމަކީ، ތައުލީމީ ދާއިރާ އަބަދުވެސް ނުހަނު ބާރުއަޅާ ކަމެކެވެ. ކޮންމެ ބެލެނިވެރިއަކުވެސް އެމީހެއްގެ ދަރިއަކު ސްކޫލަށް ފޮނުވާނީ، އެސްކޫލަކަށާއި ސްކޫލުގައި ތައުލީމު ހާސިލު ކޮށްދޭން ތިބޭ މުދައްރިސުންނަށް ނުހަނު ބޮޑު އިތުބާރެއް ކޮށްފައިކަން ޔަގީނެވެ.

ގަނާ ކުރުމަކީ ރަނގަޅު ކަމެއް ނޫންކަން އެހެން ދަރިވަރުންނަށް ވިސްނާ ދިނުމުގެ ބަދަލުގައި، ޚުދު ޓީޗަރުން އެފަދައިން ކަންތައް ކުރުމުން އެދަރިވަރަކަށް ނަފްސާނީ ގޮތުން އެތައް އަސަރުތަކެއް ކުރެއެވެ.

ގދ. މަޑަވެލި ސްކޫލުގައި ވެސް މިވަނީ މިފަދަ ކަމެއް ފެންމަތިވެފައެވެ. 

އެސްކޫލްގެ ގްރޭޑް ފަހެއްގައި ތައުލީމު ހާސިލު ކުރަމުންދާ އުމުރުން 10 އަހަރުގެ ފިރިހެން ދަރިވަރަކަށް މިދިޔަ އަހަރު އަނިޔާ ކުރި މައްސަލައަކާއި ދާދި ފަހުން ޤުރްއާން ޓީޗަރެއް އެކުއްޖާއަށް ގަނާ ކުރި މައްސަލައެއް މިވަނީ ސޯޝަލް މީޑިއާގައި ފެންމަތިވެފައެވެ. 

ނަން ހާމަ ނުކުރުމަށް އެދި "މިއަދުނޫހަށް" މައުލޫމާތު ދެއްވަމުން އެދަރިވަރުގެ ގާތް މީހަކު ބުނެފައިވަނީ މަޑަވެލި ސްކޫލްގައި ދަރިވަރުންނަށް އެކި ކަހަލަ ގޯނާ ކުރުމާއި ތަފާތު ކުރުން މީގެ ކުރިން ވެސް އޮންނަ ކަމަށާއި ޚުދު އޭނާއަށް ވެސް އެކަމާއި ކުރިމަތިލާން ޖެހުނު ކަމަށެވެ. އޭނާ ގައިގާ ކްލާހުގެ ކުދިންތަކެއް ތަޅައިގަނެ، ބިރު ދެއްކުމުގެ ސަބަބުން، އެއިރު އޭނާގެ އަނގަ ބެދުނު ނަމަވެސް، މިހާރު މިފަދައިން ކަންތައް ވަމުން އަންނަނީ އޭނާގެ އާއިލާގެ ކުއްޖަކަށް ކަމަށްވާތީ، މިކަމާއި އަޑުއުފުލަން ފަސް ނުޖެހޭނެ ކަމަށް ވެސް އޭނާ ބުންޏެވެ. 

މައުލޫމާތު ދިން މީހާ ބުނެފައިވަނީ އުމުރުން 10 އަހަރުގެ އެކުއްޖާ ގައިގާ އޭނާގެ ދިވެހި ޓީޗަރު ޖަހާފައިވަނީ މިދިޔަ އަހަރު ކަމަށެވެ. 

"ވީގޮތަކީ ކްލާހުގެ އެހެން ކުދިންތަކެއް ފުރަތަމަ އަޅުގަނޑުގެ އެކޮއްކޮ ގައިގާ ޖެހީ. އެއިރު ދިވެހި ޓީޗަރު ހުރި ކަމަށްވަނީ ކްލާހުގައި. ޓީޗަރު ބުންޏޯ ތިމަންނަ ކިހިނެއްހޭ އެކުދިން ހުއްޓުވާނީ، ހުއްޓުވަން އުޅުނީމަ އެކުދިން އައިސް ތިމަންނަގެ ބުރުގާ ބާލުވާ ތިމަންނަ ގައިގައޭ ތަޅައި ގަންނާނީ. ދެން އެޓީޗަރު ކްލާހުގަ އިނދެފަ، ހުއްޓުވަން ވެސް ނޫޅެ ނިކުމެގެން ދިޔައީ، އެކުދިން ތަޅައިގަތުމުން ކޮއްކޮެގެ އަނގަ މައްޗާއި ތަންތަން ހުރި ފަޅައިގެން ވެސް ގޮސްފަ. އެދުވަހު ސްކޫލް ގަޑި ނިމުން އިރުވެސް ހުރީ އެހެން، ބޭސް މަލަން ކޮޅެއް ވެސް ނާޅާ ހުރީ. ކޮއްކޮގެ މަންމައަށް ހުރިހާ ވާހަކައެއް ކިޔައިދިނީމަ، ކޮއްކޮގެ މަންމަ ގޮސް އޮފީހުގަ މައްސަލަ ޖެއްސީ. އޭގެ އަނެއް ދުވަހު އެޓީޗަރު ކޮއްކޮ އޮފީހަށް ގެންގޮސްފަ، 'ކަލޭ ކަލޭގެ މަންމަ ކައިރީގަ ކީކޭހެއްޔޭ ކީ' ކިޔާފަ ޖެހީ. ހަމަ 'ކަލޭ' އޭ ކިޔާފަ އެކުއްޖާއާއި މުޚާތަބް ކުރީވެސް. ދެން ކިހިނެއް އެވަރު ކުޑަ ކުއްޖަކަށްވާނީ" އެމީހާ ކިޔައިދިނެވެ. 

މިދިޔަ އަހަރު ލިބުނު އެއަނިޔާއަށްފަހު، ސްކޫލް ތެރެއިން ލިބެމުންދިޔަ އެފަދަ އަނިޔާތައް ސިއްރު ކުރަން އޭނާގެ ކޮއްކެޮ ފެށިކަމަށް އޭނާ ބުންޏެވެ. 

ނަމަވެސް ދާދި ފަހުން އަނެއްކާވެސް ހަމަ އެސްކޫލް ތެރެއިން ވަނީ މިފަދަ ކަމަކާއި އެކުއްޖާއަށް ކުރިމަތިލާން ޖެހިފައެވެ. 

"ވަރަށް ފަހުންވީ ކަމެއް. ބޭރުގައި ހުރި މީހަކު ދޮރެއް ހުޅުވާލިތަނުން ކޮއްކޮގެ ބޮލުގަ ޖެހިފަ ބޯ ފަޅައިގެން ދިޔައީ. އެހެންވެ އެތަނުގައި ބޭސް އަޅާފަ ހުރީ. ކޮއްކޮ ބުނީ އޭގެ އަނެއް ދުވަހު ސްކޫލަށް ދިޔަތަނުން، ޤުރްއާން ކިޔަވައިދޭ ޓީޗަރު ކޮއްކޮގެ ބޮލުގައި ފަޅައިގެން ގޮސްފަ އިންތަން އެހެން ކުދިންނަށް ދައްކާފަ، މަލާމަތް ކޮށްފަ ހެއުނިއްޔޭ. ދެން ޓީޗަރު އެގޮތަށް ބުލީކޮށް، މަލާމަތްކޮށް ހެއުނީމަ ދެން ތިބި ދަރިވަރުންނަށް ކިހިނެއްވާނީ. އެކުދިން ވެސް ވަރަށް މަލާމަތް ކޮށްފަ ހެއުން. ކޮއްކޮ ހުރީ މިކަމާއި ހެދި ވަރަށް ބޮޑަށް މާޔޫސްވެ ނަފްސާނީ ގޮތުން އަސަރުކޮށްފަ. ކޮއްކޮއަކީ ސިއްހީ މައްސަލަތަކެއް ވެސް ހުންނަ ކުއްޖެއް" އޭނާ ކިޔައިދިނެވެ. 

މައުލޫމާތު ދިން މީހާ ބުނިގޮތުގައި، މިފަދަ ކަންކަމަކީ މަޑަވެލި ސްކޫލްގައި އަލަށްވާ ނުވަތަ އެންމެ ކުއްޖަކަށްވެސްވާ ކަންތަކެއް ނޫނެވެ. ގަނާ ކުރުމާއި އަނިޔާތަކާއި އެސްކޫލްގެ އެތައް ދަރިިވަރުންނަކަށް ކުރިމަތިލާން ޖެހޭ ކަމަށް އޭނާ ބުންޏެވެ. ނަމަވެސް އެޑިއުކޭޝަން މިނިސްޓްރީއަށް އެމައްސަލަ ޖައްސަން ވެސް އަންނަން އެއްވެސް މީހަކަށް ނުކެރެނީ ކަމަށާއި ސްކޫލްގައި މައްސަލަ ޖެއްސުމުން ކަންކަން ވަނީ އިތުރަށް ގޯސްކަން ވެސް އޭނާ ފާހަގަ ކުރިއެވެ.

މިމައްސަލައާއި ގުޅޭގޮތުން މަޑަވެލި ސްކޫލްގެ ބަހެއް ހޯދާލުމަށް އެސްކޫލްގެ ޕްރިންސިޕަލް ޚަލިދް މުޙައްމަދު އަށް "މިއަދުނޫހުގެ" ފަރާތުން ފުރަތަމަ ގުޅާލުމުން ވިދާޅުވީ މީޓިންގެއްގައި އިނުމުން މިއަދު މެންދުރުފަހު 14:00 ގައި ގުޅާލުމަށެވެ. ނަމަވެސް އެގަޑީގައި ގުޅާލުމުން އެބޭފުޅާ ފޯނަށް ޖަވާބު ނުދެއްވުމުގެ ސަބަބުން، ސްކޫލްގެ ބަހެއް މިކަމުގައި ހިމަނާލެވޭ ގޮތެއް ނުވިއެވެ.

 

 

މިއަދު އޮންލައިން