ފެބްރުއަރީ މަހުގެ 12 ވަނަ ދުވަހު ބާރު ސްޕީޑުގައި ދުއްވާފައި ގޮސް ކަފިހި ހުރަސްމަތިން އަންހެނެއްގެ ގައިގައި ވެހިކަލުން ޖެއްސި ޑްރައިވަރާއި ޖިނާޢީ ދައުވާ ކުރަން ފުލުހުން މިއަދު ޕީޖީއަށް ފޮނުވައިފިއެވެ. ފުލުހުންގެ މީޑިއާ އޮފިޝަލް ވަނީ އެކަން މިއަދުނޫހަށް ކަށަވަރުކޮށްދީފައެވެ.
ބާރު ސްޕީޑްގައި ދުއްވައި މީހުންނަށް ބޮޑެތި އަނިޔާތައް ކުރާ މީހުންގެ މައްސަލަތަކުގައި އެކަށީގެންވާ ފިޔަވަޅެއް ނުއަޅައި ގިނަ ދުވަސްތަކެއް ފާއިތުވުމަށްފަހު ފުލުހުން މިހާރު ގެންދަނީ ފިޔަވަޅު އަޅަމުންނެވެ. މައްސަލަތައް ޕީޖީ އަށް ފޮނުވަމުންނެވެ.
މިއެކްސިޑެންޓާއި ގުޅިގެންވެސް އަދި މިހައިތަނަށް އަޅާފައިވާ ފިޔަވަޅަކީ އޭނާގެ ލައިސަންސް 2 އަހަރު ދުވަހަށް ހިފެހެއްޓުމެވެ. ވީމާ ޑްރައިވަރުކަން ނޫން ކޮންމެ މަސައްކަތެއްވެސް އޭނާއަށް ކުރެވޭނެއެވެ. މިނިވަންކަމާއިއެކު އުފަލުގައި އުޅެވޭނެއެވެ.
އަނިޔާ ލިބުނު އަންހެން މީހާގެ ހާލު އަދިވެސް ސީރިއަސްކަމުން މިހާރުވެސް ގެންދަނީ އޭޑީކޭގެ އައިސީޔޫގައި ފަރުވާ ދެމުންކަމަށް އެ ހޮސްޕިޓަލުން ވަނީ ބުނެފައެވެ.
ސެނެހިޔާ ހޮސްޕިޓަލް ކައިރީގައި އޮންނަ ކަފިހި ހުރަސްމަތިން އަންހެން މީހާގެ ގައިގައި ޖެއްސި ފަހުން ތިމަރަފުށީގައިވެސް ވަނީ ދުއްވާފައި ދިއަ ވެހިކަލަކުން އަންހެނެއްގެ ގައިގައި ޖައްސައި ސިކުނޑިއަށް ބޮޑެތި އަނިޔާތަކެއް ކޮށްފައެވެ. އަނިޔާލިބުނު މީހާއަށް އޭޑީކޭ ހޮސްޕިޓަލުގައި ފަރުވާ ދިނުމަށްފަހު އިތުރު ފަރުވާއަށް މިހާރުވަނީ ސްރީލަންކާއަށް ގެންގޮސްފައެވެ.
މިހައި ބޮޑެތި އަނިޔާތައް ނުލިބުނު ނަމަވެސް ފާއިތުވި 2 މަސް ދުވަސްތެރޭގައި ވެސް ވަނީ ހަމަ ބޮޑެތި ގިނަ އެކްސިޑެންޓްތަކެއް ހިނގައި ގިނަ ބައަކަށް ބޮޑެތި އަނިޔާތައް ލިބިފައެވެ.