އަރަބިއްޔާ ސްކޫލަށް އަޒްހަރު ޔުނިވާސިޓީން ފޮނުވި ޓީޗަރުން އަތުވެއްޖެ

މޫސާ ވަހީދު
ކިޔުމަށް ހޭދަވާނީ 1މ 3ސ
އަރަބިއްޔާ ސްކޫލަށް އަޒްހަރު ޔުނިވާސިޓީން ފޮނުވި ޓީޗަރުން އަތުވެއްޖެ

އަޒްހަރު ޔުނިވާސިޓީން އަރަބިއްޔާ ސްކޫލުގައި ކިޔަވައިދިނުމަށް ފޮނުވަން ހަމަޖެއްސި ޓީޗަރުން ރާއްޖެ އަތުވެއްޖެއެވެ.

އެޑިއުކޭޝަން މިނިސްޓްރީން ބުނެފައިވަނީ އަޒްހަރު ޔުނިވާސިޓީން ފޮނުވަން ހަމަޖެއްސި 22 ޓީޗަރުންގެ ތެރެއިން 11 ޓީޗަރަކު ރާއްޖެ އައިސްފައިވާ ކަމަށާއި އިތުރު ހަތަރު ޓީޗަރަކު މިއަދު މެންދުރު އަންނާނެ ކަމަށެވެ.

އަރަބިއްޔާ އަށް ޓީޗަރުން ނުލިބުމުގެ މައްސަލަ ހައްލުކުރަން ސަރުކާރުން ވަނީ މިިދިޔަ ފެބްރުއަރީ މަހު މިސްރަށް ވަފުދެއް ފޮނުވައިފައެވެ.

މިވަފުދުގައި ހިމެނިވަޑައިގަންނަވާ ރައީސް އޮފީހުގެ ޗީފް އޮފް ސްޓާފް އަލީ ޒާހިރު ވިދާޅުވީ 2017 ވަނަ އަހަރު މިސްރުން ރާއްޖެ އައި ހަތް ޓީޗަރަކު ޑީޕޯޓުކޮށްލުމަކީ އެ ގައުމަށް ލިބުނު ވަރަށް ބޮޑު ދެރައެއް ކަމަށް ޝެއިހުލް އަޒްހަރު ވިދާޅުވި ކަމަށެވެ.

މިސްރުން ފޮނުވި ޓީޗަރުންނާ މެދު ރާއްޖެ އިން ކުރިން ކަންތައް ކުރިގޮތުން ޝެއިހުލް އަޒްހަރު ހުންނެވީ ވަރަށް ބޮޑަށް ކޯފާވެވަޑައިގެންފައެވެ. އެގޮތުން، ޓީޗަރުން ފޮނުވާފައިވަނީ މީގެ ކުރީގެ ސަރުކާރުން އެގޮތަށް ކަންތައްކުރުމުން ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އެކަމަށް މައާފަށް އެދިވަޑައިގެން ސިޓީފުޅެއް ފޮނުއްވުމުންނެވެ.

އެޑިއުކޭޝަން މިނިސްޓްރީން ބުނިގޮތުގައި އަރަބިއްޔާ ސްކޫލާ އަލަށް ގުޅުނު ޓީޗަރުން އަންނަ ހަފުތާގައި ކިޔަވައިދޭން ފަށާނެއެވެ.

މިއަދު އޮންލައިން