ތުއްތު ދަރިފުޅު ގޮވައިގެން ސަލާންޖެހި މަޔަކު ޖޫރިމަނާކޮށް، ދަރިފުޅު ދައުލަތުގެ ބެލުމުގެ ދަށަށް ނަގައިފި!

ކިޔުމަށް ހޭދަވާނީ 1މ 28ސ
ތުއްތު ދަރިފުޅު ގޮވައިގެން ސަލާންޖެހި މަޔަކު ޖޫރިމަނާކޮށް، ދަރިފުޅު ދައުލަތުގެ ބެލުމުގެ ދަށަށް ނަގައިފި!

އުމުރުން ދެ އަހަރުގެ ތުއްތު ދަރިފުޅު ގޮވައިގެން މާލޭ މާރުކޭޓު ސަރަޙައްދުގައި ސަލާންޖެހި މަޔަކު، ކްރިމިނަލް ކޯޓުން ޖޫރިމަނާކޮށް، އެދަރިފުޅު ދައުލަތުގެ ބެލުމުގެ ދަށަށް ނަގައިފިއެވެ. 

އެނގިފައިވާ ގޮތުގައި ދައުލަތުން އެއަންހެންމީހާގެ މައްޗަށް އުފުލާފައިވަނީ އަމުރަށް ނުކިޔަމަންތެރިވުމުގެ ދައުވާއެވެ. އެއީ އުމުރުން ދެ އަހަރުގެ ތުއްތު ދަރިފުޅުގެ ކަރާމާތަށް ގެއްލުންވާ ގޮތަށް މަގުމަތީގައި ސަލާންޖަހަމުން ދާތީ، އެކި ފަހަރު މަތިން ޖެންޑާ މިނިސްޓްރީން ވެސް ނަސޭޙަތްތެރިވުމުން ވެސް އެނަސޭޙަތަށް އިޖާބަ ދީފައިނުވުމުންނެވެ. 

މިމައްސަލައިގެ އިބްތިދާއީ އަޑުއެހުމުގައި އަންހެންމީހާ ވަނީ ކުށަށް އިއުތިރާފްވެ، ޖެންޑާ މިނިސްޓްރީން ނަސޭހަތް ދިނުމުންވެސް ތުއްތު ދަރިފުޅު ގޮވައިގެން ސަލާން ޖަހަން ދެވުނު ކަމަށް އެއްބަސްވެފައެވެ. 

އުމުރުން ދެ އަހަރުގެ އެތުއްތު ކުއްޖާގެ އިތުރުން، އެއަންހެން މީހާ އިތުރު ދެ ކުދިން ތިބެއެވެ. އަދި އެކަނިވެރި މައިންނަށް ލިބޭ އިނާޔަތްވެސް އޭނާއަށް ލިބެއެވެ. 

އޭނާއަށް ކުރެވުނު ކުށަށް މާފަށް އެދެމުން، ދެން ދަރިންގެ ކަރާމަތަށް އުނިކަން އަންނަފަދަ ކަމެއް ނުކުރާނެ ކަމަށް ވެސް އޭނާ ވަނީ ބުނެފައެވެ. މައްސަލަ އަވަސް ނިޔާގެ ދަށުން ނިންމައި، އޭނާ ބަންދު ކުރުމުގެ ބަދަލުގައި ޖޫރިމަނާ ކޮށްދިނުމަށް ވެސް އެދިފައިވެއެވެ. އެއީ އޭނާ ބަންދު ކޮށްފިނަމަ އަނެއް ދެދަރިން ބެލޭނެ ގޮތެއް ނޯންނާނެ ކަމަށް ވެސް ކޯޓުގައި އޭނާ ބުނެފައިވެއެވެ. 

އެހެންކަމުން ކްރިމިނަލް ކޯޓުން ނިންމީ އެއަންހެންމީހާ، ދަރިފުޅުގެ ކަރާމަތަށް ގެއްލުންވާގޮތަށް އަމަލު ކޮށްފައިވާ ޖަނަށް ކަނޑައަޅައި150 ރުފިޔާއިން އޭނާ ޖޫރިމަނާކުރުމަށެވެ. ދައުލަތުގެ ބެލުމުގެ ދަށަށް ނެގުނު ދަރިފުޅު އަލުން އޭނާއާއި ހަވާލުކުރޭތޯ ވެސް އޭނާ ދަނީ މަސައްކަތް ކުރަމުންނެވެ.

މިއަދު އޮންލައިން