އެކަށީގެންވާ މިސްކިތެއް އަޅައިދިނުމަށް ކެންދޫ ކައުންސިލުން އެދިއްޖެ

މޫސާ ވަހީދު
ކިޔުމަށް ހޭދަވާނީ 1މ 40ސ
އެކަށީގެންވާ މިސްކިތެއް އަޅައިދިނުމަށް ކެންދޫ ކައުންސިލުން އެދިއްޖެ

މާޅޮސްމަޑުލު ދެކުނުބުރީ ކެންދޫ ގައި އެކަށީގެންވާ މިސްކިތެއް ޤާއިމްކޮށްދެއްވުމަށާއި، ރަށުގެ އަންހެނުންނަށް އާމްދަނީ ލިބޭނެ މަގުތައް ތަނަވަސްކޮށްދެއްވުމަށް އަދި ޒުވާނުންނަށް ޚާއްޞަކޮށް، ރަށުގައި ޒަމާނީ ފުޓްބޯޅަ ދަނޑެއް ތަރައްޤީ ކޮށްދެއްވުމަށްވެސް ރަށު ކައުންސިލުން އެދިއްޖެއެވެ 

މިކަންކަމަށް އެދިފައިވަނީ މާޅޮސްމަޑުލު ދެކުނުބުރީ ކެންދޫ ކައުންސިލްގެ މެންބަރުން މިއަދު މެންދުރުފަހު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް އާއިއެކު ބޭއްވެވި ބައްދަލުކުރެއްވުމުގައި ރަށުގެ މިހާރުގެ ހާލަތާއި، ކެންދޫ ރައްޔިތުންނަށް އެންމެ ބޮޑަށް ދަތިވެފައިވާ ކަންކަމާ ބެހޭ މަޢުލޫމާތު ހިއްޞާ ކުރަމުންނެވެ.

މިގޮތުން، ރަށުގެ ރައްޔިތުންގެ އެންމެ ބޮޑު ކަންބޮޑުވުމަކީ ކެންދޫގައި ފެނާއި ނަރުދަމާގެ ނިޒާމް ޤާއިމުވެފައި ނެތުން ކަމުގައި ކައުންސިލު މެންބަރުން ވިދާޅުވިއެވެ. އަދި ރަށް ގިރުމުގެ ސަބަބުން ދިމާވާ މައްސަލަތަކާއި، ރަށަށް ކުރިމަތިވެފައިވާ ބިމުގެ ދަތިކަން ކައުންސިލުން ވަނީ ރައީސުލްޖުމްހޫރިއްޔާ އާއި ހިއްސާ ކުރައްވާފައެވެ. މީގެ އިތުރުން ރަށުގެ ސްކޫލަށް ކުރިމަތިވެފައިވާ ޖާގައިގެ ދަތިކަމާއި، މަސްވެރިން ބާނާ މަސް ވިއްކޭނެ އެކަށީގެންވާ ނިޒާމެއް ނެތުމުން މަސްވެރިންނަށް ކުރިމަތިވާ ގޮންޖެހުންތައްވެސް ހިއްސާ ކުރެއްވެވިއެވެ.

މިބައްދަލުކޮށްލެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި ސަރުކާރުގެ މުއައްސަސާތަކާއި މިގޮތަށް ބައްދަލުކޮށްލެއްވުމުގެ މައިގަނޑު ބޭނުންފުޅަކީ ރައްޔިތުންގެ އަޑު ވީހާވެސް ގާތުން އައްސަވައި ރައްޔިތުންގެ ބޭނުންތައް އޮޅުންފިލުއްވުން ކަމުގައި ވިދާޅުވިއެވެ. މީގެ އިތުރުން ކެންދޫ ކައުންސިލުން އެދިވަޑައިގެންފައިވާ ކަންކަމުގައި ކަމާގުޅޭ މިނިސްޓްރީތަކާއެކު މަޝްވަރާ ކުރެއްވުމަށްފަހު އެކަންކަމަށް ޙައްލެއް ހޯއްދަވައިދެއްވާނެ ކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.

 

 

މިއަދު އޮންލައިން