އެސްޓީއޯގައި ދިގު މުއްދަތެއްގައި އަގު ހުރި ޚިދުމަތްތަކެއް ކޮށް ދެއްވެވި މުޞްޠަފާ އަޒުމީ ނިޔާމުން ގިނަ ބައަކު ދަނީ އެކަމުގެ ހިތާމައިގައި ބައިވެރިވަމުންނެވެ. އެމީހުންގެ ޝުޢޫރަތައް ފައުޅުކުރަމުންނެވެ.
އެސްޓީއޯގެ ކުރީގެ މެނޭޖިންގ ޑިރެކްޓަރުނެގެ ތެރޭގައި ހިމެނިވަޑައިގަންނަވާ އާދަމް ޢާޒިމް އާއި އަޙްމަދު ޝަހީރު ފާހަގަ ކުރައްވާ ގޮތުގައި ޢަޒްމީ އަކީ ރާއްޖޭގައި އެންމެ މޮޅު އައިޓީ ޓެކްނިޝިއަނެވެ. މަސައްކަތަށް ފަރުވާ ބެހެއްޓުމާއި ގިނަ ވަގުތު މަސައްކަތް ކުރުމާއި ކުރާ ކަންކަން އަބަދުވެސް އެންމެ ފުރިހައަށް ކުރަން އިސްކަންދީގެން މަސައްކަތްކުރަމުން އައި މުވައްޒިފެކެވެ. އައީޓީގެ ދާއިރާގައި ކުންފުންޏަށް އެންމެ ބޮޑު ކުރިއެރުން ހޯދައިދޭން އަބަދުވެސް މަސައްކަތްކުރި މުވައްޒިފެކެވެ.
ޝަހީރު ވިދާޅުވީ ރާއްޖޭގެ ހުރިހާ ރަށެއްގައި ހުރި އެސްޓީއޯ ފާމަސީތައް ނެޓްވާކަކުން ގުޅައިލެވިފައިވަނީވެސް ޢަޗްމީގެ މަސައްކަތުން ކަމަށެވެ. އަދި އެސްޓީއޯއިން އައު ޓެކްނޮލޮޖީ ތަޢާރަފްކޮށް އެ ޓެކްނޮލޮޖީ އެހެން ކުފުންނިކަމަށް ހިއްޞާ ކުރުމުގައި ޢަޒްމީ ވަނީ ވަރަށް އިސް ދައުރެއް އަދާކޮށްފައި ކަމަށެވެ.
އެސްޓީއޯގެ މުވަޒިފުން ބުނަނީ އަޒްމީ ފަދަ އެކުވެރި ހިތް ހެޔޮ މިޒާޖުގެ ރަޙްމަތްތެރިއަކު ގެއްލިގެން ދިއުމަކީ ލިބުނު ވަރަށް ބޮޑު ހިތާމައެއް ކަމަށެވެ. އަދި އަޒްމީގެ ހަނދާންތައް ދުވަހަކުވެސް ފިލައިގެން ނުދާނެ ކަމަށާއި އަބަދުވެސް އަޒްމީއަށްޓަކައި ހެޔޮ ދުޢާކުރުންމަތީގައި ދެމިތިބޭނެ ކަމަށެވެ.
މަރުވުމުން ގިނަ ބައަކު އެމީހެއްގެ ފާފަ ފުއްސަވައި ދެއްވެވުން އެދި ދުޢާ ކުރުމަކީ އެމީހަކަށް ލިބިގެންދާނެ އެންމެ ބޮޑު އެއް ނިޢްމަތެވެ.
މިއަދުނޫހަށްވެސް ޢަޒްމީ ފާހަގަ ކުރެވިފައި ވަނީ އަބަދުވެސް ހިނިތުންވެފައި ހުންނަ ގާތް އެކުވެރިއެއްގެ ގޮތުގައެވެ. އަޒްމީގެ މަސައްކަތަކީ ފަރުދާގެ ފުރަގަހުގައި ކުރެވޭ މަސައްކަތަކަށްވާތީ ނޫސްވެރިންނާއި ރަސްމީ ހައިސިއްޔަތުން ޢަޒްމީ ބައްދަލުވެފައިވަނީ ވަރަށް މަދުންނެވެ. ނަމަވެސް ވަރަށް ގިނަ ބައްދަލުވުންތަކުގައި ޢަޒްމީ ޢާއި ވަނީ ނުރަސްމީ ގޮތުން ބައްދަލުވެފައެވެ.
ޢަޒްމީގެ ފުރާނައަށް މާތްﷲ ހެޔޮ ރަޙްމަތް މިންވަރު ކުރައްވަވާށި! ޢާއިލާއަށް ކެތްތެރިކަން މިންވަރު ކުރައްވަވާށި! އާމީން.