"ގޯލޯކާ" ބޯޓް މެނޭޖްމެންޓް އެޕް ތަޢާރަފް ކުރަނީ! ދަތުރު ކުރުމަށް ދެން އެންމެންނަށް ވެސް ވަރަށް ފަސޭހަވާނެ!

ކިޔުމަށް ހޭދަވާނީ 3މ 29ސ
"ގޯލޯކާ" ބޯޓް މެނޭޖްމެންޓް އެޕް ތަޢާރަފް ކުރަނީ! ދަތުރު ކުރުމަށް ދެން އެންމެންނަށް ވެސް ވަރަށް ފަސޭހަވާނެ!

އަތޮޅުތެރޭގެ ރަށަކަށް ދާން ދަތުރުކުރަން ނުވަތަ ދަތުރު ކޮށްދޭން ބޭނުންވާނަމަވެސް، ދިމާވެދާނެ ކިތަންމެ ދަތިކަމެއް ހުރެދާނެއެވެ.

ދަތުރުފަތުރުގެ ނިޒާމް ވަރުގަދަކޮށް، ބޯޓު ފަހަރުގައި މަސައްކަތް ކުރާ ފަޅުވެރިންގެ ކަންކަން ރަނގަޅަށް ބެލެހެއްޓުމަށް، ޒަމާނީ ފެންވަރުގައި އެލްގޯ ބްލޮކްސް އިން މިވަނީ ވަރަށް ފުރިހަމަ އެޕްލިކޭޝަނެއް އުފައްދާފައެވެ.

"ގޯލޯކާ" ގެ ނަމުގައި ތަޢާރަފްކުރެވޭ ބޯޓް މެނޭޖްމެންޓް އެޕް މާދަމާ ރޭ ދަރުބާރުގޭ ރަންނަބަނޑޭރިމާލަމުގައި އިފްތިތާހް ކުރާއިރު، މިއެޕްލިކޭޝަނަކީ ބޯޓުތަކުގެ ވެރިފަރާތްތަކަށް ވެސް ވަރަށް ފަސޭހަތަކެއް ވާނޭ އެޕްލިކޭޝަނެއްކަމަށް އެކުންފުނިން ޔަގީންކަން ދެއެވެ.

މިއެޕްލިކޭޝަނާއި ބެހޭގޮތުން "މިއަދުނޫހަށް" މައުލޫމާތު ދެއްވަމުން އެލްގޯ ބްލޮކްސް ގެ ސީއީއޯ ޙުސެއިން ޝިމްހާޒް ވިދާޅުވީ އެކުންފުނީގެ ފަރާތުން މިތަޢާރަފް ކުރަނީ ބޯޓް ބުކިންގެ ބަދަލުގައި ބޯޓް މެނޭޖްމެންޓް އެޕް އެއް ކަމަށެވެ.

"އަޅުގަނޑުމެން މިއެޕް ޑިވެލޮޕް ކޮށްފަ މިއިނީ މިހާރު އިންނަ ބޯޓް ބުކިންގ ސިސްޓަމް ޑިޖިޓަލައިޒް ކޮށްފަ. މިހާރުވެއްޖިއްޔާ އެޖެންޓުން ރަށްރަށުގަ ހުރޭ، ކައްޕި ޓިކެޓު ވިއްކާ، އޯނާރ ޓިކެޓު ވިއްކާ، އެޖެންޓު ޓިކެޓު ވިއްކާ. އޭގެ އިތުރުން އަޅުގަނޑުމެން މިއިތުރު ކުރީ އޮންލައިންކޮށް ޓިކެޓު ވިއްކޭނެ އަދި ގަނެވޭނެ ގޮތް. އެޖެންޓުންނަށް، ކައްޕިއަށް އަދި އޯނަރުންނަށް ވެސް މިގޮތަށް ޓިކެޓު ވިއްކޭނެ. ފައިސާ ދެއްކުންވެސް މިއިންނަ ގޮތަކީ، އެޖެންޓަށް އެފައިސާ ލިބުނީމަ، އޯނަރާއި ފައިސާ ހަވާލުކުރުމުން މިއެޕް މެދުވެރިކޮށް ފައިސާ ސްކޭން ކުރެވުން. އެއިރުން އޯނަރަށް އިނގޭނެ ބާކީ ދޭންވާ އަދަދުވެސް. މިބުނީ އެޖެންޓު ނުވަތަ ކައްޕިވެސް ހަމަ ހުރިހާ ފައިސާއެއް ހިފައިގެން އޯނަރު ކައިރިއަށް ދިޔައިމަ، ސްކޭން ކޮށްގެން އޯނަރަށް އިނގޭނެ ޓޯޓަލް ލިބެންވާ އަދަދާއި ލިބިފައިވާ އަދަދު އަދި އެޖެންޓަށް ދޭންވާ އަދަދު ވެސް." ޝިމްހާޒް ވިދާޅުވިއެވެ.

އޮންލައިންކޮށް ޓިކެޓު ވިއްކުމުގެ އިތުރުން ބޯޓުގައި މަސައްކަތް ކުރާ ފަޅުވެރީންގެ ކަންކަންވެސް މިއެޕްލިކޭޝަން މެދުވެރިކޮށް ފަސޭހައިން ބެލެހެއްޓޭނެ ކަމަށް ޝިމްހާޒް ވިދާލުވެފައިވެއެވެ. އެގޮތުން މިއެޕްލިކޭޝަން ގައި "ސެލްފީ އެޓެންޑެންސް" ކިޔާ ބައެއް ވެސް ވަނީ ތަޢާރަފް ކޮށްފައެވެ.

"މުވައްޒަފުންގެ ހާޒިރީ ބެލެހެއްޓުމަށް އަޅުގަނޑުމެން ތަޢާރަފްކޮށްފައި މިވަނީ ސެލްފީ އެޓެންޑެންސް. ބައެއް ފަހަރު ވާގޮތަކީ، ފަޅުވެރިން ތިބޭ ގޮތެއް (އެމީހުން ޑިއުޓީއަށް އަންނަ ގަޑިއެއް، ހެދުން އަޅާފަ ތިބޭ ގޮތެއް ނޫނީ ޑިއުޓީ ނިންމާފަ ދާ ގަޑިއެއް) ނޭނގޭ ބޯޓުގެ ވެރިންނަކަށް. އާންމުގޮތެއްގައި ވަރަށް ގިނައިން ޝަކުވާތައް އައިސްފައިވޭ ފަޅުވެރިން ތިބޭ ގޮތާއި ދޭތެރޭ. މިކަހަލަ ޝަކުވާތަކަށް ވިސްނާފައި އަޅުގަނޑުމެން މިހެދިގޮތަކީ، ކޮންމެ ދުވަހަކު ހާޒިރީ ބެލެހެއްޓުމަށް މިތަޢާރަފްކުރީ 'ސެލްފީ އެޓެންޑެންސް'. ހަމަ ސެލްފީ އެއް ނަގާލީމަ އޭނަގެ ހާޒިރީ އެ ނޯޓު ކުރެވުނީ. އެ ސެލްފީ އޯނަރަށް ފެންނާނެ، އެމުވައްޒަފަކު ޑިއުޓީއަށް އައި ގަޑިއާއި، އައި އިރު ހުރި ގޮތާއި އެއްޗެހި. އަޅުގަނޑުމެން ޤަބޫލު ކުރާ ގޮތުގައި، މީގެ ސަބަބުން އޯނަރާއި މުވައްޒަފުންނާއި ދެމެދު އޮންނަ ގުޅުން ވެސް މީގެ ސަބަބުން އިތުރު ވެގެންދާނެ." ޝިމްހާޒް ވިދާޅުވިއެވެ.

މާދަމާ ރޭ 20:30 ގައި ދަރުބާރުގޭގައި "ގޯލޯކާ" އެޕްލިކޭޝަން ރަސްމީކޮށް އިފްތިތާހް ކުރެވިގެންދާއިރު، މިއިވެންޓަށް ވީހާވެސް ގިނަ ބޯޓުތަކުގެ ވެރިފަރާތުންނާއި ފަޅުވެރިންވެސް ބައިވެރިވުމަކީ އެލްގޯ ބްލޮކްސް ގެ ވަރަށް ބޮޑު އެދުމެއް ކަމަށް ވެސް ޝިމްހާޒް ވިދާޅުވިއެވެ. ޝިމްހާޒް ވިދާޅުވި ގޮތުގައި މާދަމާ ރޭ މިއެޕް މިއިފްތިތާހް ކުރެވެނީ ބޯޓް އޯނަރުންނަށާއި އޮޕަރޭޓަރުންނަށެވެ. ކަސްޓަމަރުންނަށް މިއެޕްލިކޭޝަން އިފްތިތާހު ކުރާނެ ދުވަހެއްގެ ކައުންޓްޑައުން މާދަމާ ރޭ ނެގޭނެ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

ބޯޓްތަކުގެ ވެރިފަރާތުން މިއެޕްލިކޭޝަން އަށް ރެޖިސްޓަރ ކުރެވޭނީ މިލިންކުންނެވެ.

https://goloca.mv/sp/event-sign-up/

މިއެޕްލިކޭޝަނަށް ރެޖިސްޓަރ ވުމަށް އެއްވެސް އެޑްވާންސް ފީއެއް، ޑިޕޮސިޓެއް އަދި ސެޓަޕް ފީ އެއް ވެސް ނީންނާމެ ކަމަށް ޝިމްހާޒް ވިދާޅުވިއެވެ.

 

 

މިއަދު އޮންލައިން