ސޫރިޔާގައި ހާލުގައި ޖެހިފައިވާ މުސްލިމުންނަށް މިފެށޭ ރަމަޟާންމަހު އެހީވުމަށްޓަކައި، ރާއްޖޭގައި ހިންގާ އަމިއްލަ ޖަމިއްޔާއެއް ކަމަށްވާ "އިންޓަނޭޝަނަލް އެއިޑް ކެމްޕޭން" (އައިއޭސީ) އިން އެއްކުރި ފައިސާއިން، އެޤައުމުގެ 400 އާއިލާއަކަށް ކާނާ ޕެކޭޖުތަކެއް ބަހައިފިއެވެ.
ފަލަސްތީނާއި ޣައްޒާ އަދި ސޫރިޔާގައި ދިރިއުޅޭ ހާލުގައި ޖެހިފައިވާ މުސްލިމުންނަށް ރަމަޟާން ޚާއްސަ ކޮށްގެން ވެދޭ އެހީގެ ކަންކަން ކުރިއަށް ގެންދަނީ "ލޯތްބާއެކު" މިނަމުގައި ކުރިއަށްގެންދާ ކެމްޕޭނެއްގެ ދަށުންނެވެ.
އައިއޭސީގެ މިކެމްޕޭނުގެ ދަށުން މިއަހަރުގެ ރޯދަމަހު މިތިން ޤައުމުގެ ރައްޔިތުންނަށް ވެސް އެހީވުމަށްވަނީ ޚާއްސަ ފަންޑެއް ހުޅުވާލާފައެވެ.
"ލޯތްބާއެކު" ކެމްޕޭނުގެ މައުލޫމާތު "ޕީއެސްއެމް ނިއުސް" އާއި ޙިއްސާ ކުރައްވަމުން އައިއޭސީގެ ވައިސް ޗެއާރމަން އާދަމް ނާއިފް ވިދާޅުވީ، މިކެމްޕޭނުގެ ދަށުން ސޫރިޔާއާއި ޣައްޒާގެ 800 އާއިލާއަކަށް އެހީ ފޯރުކޮށްދިނުމަށް އެމަޖިއްޔާއިން ނިންމާފައިވާ ކަމަށެވެ.
މިހާތަނަށް ސޫރިޔާގެ 400 އާއިލާއަކަށް މިކާނާ ޕެކޭޖުތައް ބެހުމުގެ މަސައްކަތް ކުރިއަށްދާއިރު، މިޕެކޭޖުތަކުގައި ހިމެނެނީ ޕާނާއި، މަސްދަޅުގެ އިތުރުން ކައްކާތެލާއި ހަނޑު، ހަކުރު ފުށް ކަމަށް ވެސް ނާއިފް ވިދާޅުވެފައިވެއެވެ.