ގދ. ތިނަދޫގައި ކުރިއަށް ގެންދިޔަ ޓެކްސީ ޑްރައިވަރުން ތަމްރީނު ކުރުމުގެ ޕްރޮގްރާމް ނިންމާ ބައިވެރިންނަށް ސެޓިފިކެޓް ދީފިއެވެ.
ތިނަދޫ ޑްރަގް ޑިޓޮކްސިފިކޭޝަން އެންޑް ރިހިބިލިޓޭޝަން ސެންޓަރުގައި މިކަމަށްޓަކައި އިއްޔެ ބޭއްވި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ އަޕަރ ސައުތު ޕޮލިސް ޑިވިޜަން ކޮމާންޑަރ ޗީފް އިންސްޕެކްޓަރ އޮފް ޕޮލިސް ނާހިދު ޙުސައިންނެވެ.
މިރަސްމިއްޔާތުގައި ބައިވެރިންނާ މުޚާތަބުކުރައްވައި ޗީފް އިންސްޕެކްޓަރ އޮފް ޕޮލިސް ނާހިދު ޙުސައިން ދެއްކެވި ވާހަކަ ފުޅުގައި، ޓެކްސީ ޑްރައިވަރުން މަގުމަތީ އުޅޭ އިރު ސަމާލުކަން ދޭންވީ ކަންކަމާއި ތިނަދޫގެ މަގުތަކަކީ އަމާން މަގުތަކަކަށް ހެދުމަށްޓަކައި ޑްރައިވަރުން މަސައްކަތްކުރުމަށާއި މި ޕްރޮގްރާމުން ދަސްވިކަންކަމުގެ ބޭނުން ފުރިހަމަ ގޮތުގައި ހިފުމަށާއި ފުލުހުންނަށް ދޭންޖެހޭ އެއްބާރުލުން ދިނުމަށް ހުރިހާ ބައިވެރިންގެ ކިބައިން އެދިލެއްވިއެވެ.
އެޕްރީލް 25 ން ފެށިގެން ދެދުވަހުގެ މުއްދަތައް ކުރިޔަށް ގެންދިޔަ މި ޕްރޮގްރާމުގައި އެއްގަމު ދަތުރު ފަތުރުގެ ޤާނޫނާއި އެޤާނޫނުގެ ދަށުން ހެދިފައިވާ ޤަވާއިދުތަކާއި މަގުމަތީގެ ޤަވާއިދުތަކާއި މަގުމަތީގެ އަދަބުތަކާއި ގުޅޭގޮތުންނާއި އެކްސިޑެންޓްތައް މަދުކުރުމަށް ކުރެވިދާނެ ކަންކަމާއި ގުޅޭގޮތުން މަޢުލޫމާތު ދީފައިވެއެވެ.
މި ޕްރޮގްރާމުގައި 14 ބައިވެރިން ބައިވެރިވެ ސެޓްފިކެޓް ހާސިލްކޮށްފައިވާއިރު މިޕްރޮގްރާމުގައި މަޢުލޫމާތު ދީފައިވަނީ ޓްރެފިކް މެނޭޖްމަންޓް ޑިޕާރޓްމަންޓްގެ ރޯޑް ސޭފްޓީ ޔުނިޓްގައި މަސައްކަތްކުރާ، މިފަދަ ޕްރޮގްރާމްތައް ހިންގުމުގެ ތަޖުރިބާ ލިބިފައިވާ ފުލުހުންނެވެ.