"ސްކޫލް ޓްރެފިކް މޮނިޓަރސް" ޕްރޮގްރާމް ނިންމުމުގެ ރަސްމިއްޔާތު ބާއްވައިފި

ކިޔުމަށް ހޭދަވާނީ 1މ 44ސ
"ސްކޫލް ޓްރެފިކް މޮނިޓަރސް" ޕްރޮގްރާމް ނިންމުމުގެ ރަސްމިއްޔާތު ބާއްވައިފި

 ގއ. އަތޮޅު ވިލިނގިލި ޕޮލިސް ސްޓޭޝަނާއި ޓްރެފިކް މެނޭޖްމަންޓް ޑިޕާރޓްމަންޓް ގުޅިގެން،  ވިލިނގިލީގައި ހުންނަ އެއަތޮޅު އަތޮޅު ތަޢުލީމީ މަރުކަޒުގެ ދަރިވަރުންނަށް ކުރިއަށްގެންދިޔަ ސްކޫލް ޓްރެފިކް މޮނިޓަރސް ޕްރޮގްރާމް ނިންމުމުގެ ރަސްމިއްޔާތު ބާއްވައިފިއެވެ.

ގއ. އަތޮޅު ތަޢުލީމީ މަރުކަޒުގައި ރޭ ބޭއްވި މިރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ ޓްރެފިކް މެނޭޖްމަންޓް ޑިޕާޓްމަންޓްގެ ޑެޕިއުޓީ ހެޑް ޗީފް އިންސްޕެކްޓަރ އޮފް ޕޮލިސް ހުސައިން ޝަހީމެވެ.މިރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވައި ޝަރަފުވެރި މެހުމާނު ދެއްކެވި ވާހަކަފުޅުގައި، މިޕްރޮގްރާމުން ދަރިވަރުންނަށް ދަސްވި ކަންކަން އެހެން ދަރިވަރުންނަށް ބުނެދީ ނަމޫނާ ދަރިވަރުން ތަކަަކަށް ވުމަށް އެދިލެއްވިއެވެ. އަދި މި ޕްރޮގްރާމުން ދަސްވި ކަންކަމުގެ ބޭނުން އަމަލީ މައިދާނުގައި ފުރިހަމައަށް ހިފައި އަބަދުވެސް ނަމޫނާ ދެއްކުމަށް ދަރިވަރުންނަށް ނަސޭހަތްތެރިވެ ލެއްވިއެވެ.

މީގެއިތުރުން ޓްރެފިކް މޮނިޓަރުންގެ ގޮތުގައި ދަރިވަރުން މަގުމަތީގައި ހަރަކާތްތެރިވާއިރު އެދަރިވަރުން ބުނާގޮތަށް ބެލެނިވެރިން އަމަލުކޮށް، މަގުމަތީގެ ޤަވާއިދުތަކަށް ހުރުމަތްތެރިކޮށް ހިތުމަށް ބެލެނިވެރިންގެ ކިބައިން އެދިލެއްވިއެވެ.

މިޕްރޮގްރާމްގައި، އެއްގަމު ދަތުރު ފަތުރުގެ ޤާނޫނާއި ޤަވާއިދުތަކާއި، އަމިއްލަ ސަލާމަތާއި ރައްކާތެރިކަމާއި ގުޅޭގޮތުން ސެލްފް ޑިފެންސް ކްލާސްތައް ކުރިއަށް ގެންގޮސްފައިވެއެވެ. އަދި މަގުމަތީގައާއި، ޚާއްޞަކޮށް ސްކޫލް ސަރަޙައްދުގައި ޙަރަކާތްތެރިވާ ދަރިވަރުން ޢާންމުންނާ މުޢާމަލާތު ކުރުމުގައި ވާހަކަ ދެއްކުމުގެ ރީތި އަދަބުތައް ގެންގުޅުމާއި ގުޅޭގޮތުން މަޢުލޫމާތު ދީފައިވެއެވެ. އަދި ދިވެހިބަހުގެ ހަމަތަކާއި އުސޫލުތައް ހިމެނޭގޮތަށް ވާހަކަ ދެއްކުމުގެ ހުނަރުތަކަށް ދަރިވަރުން އަހުލުވެރި ކުރުވުމުގެ ކްލާސްތައް ކުރިއަށް ގެންގޮސްފައިވެއެވެ.

މީގެއިތުރުން މަގުމަތީގައި ދަރިވަރުންނަށް ޕްރެކްޓިކަލް ކްލާސްތަކެއްވެސް ކުރިއަށް ގެންގޮސްފައިވެއެވެ.

 

އެޕްރީލް 21ން 28ށް ކުރިއަށް ގެންދިޔަ ޓްރެފިކް މޮނިޓަރސް ޕްރޮގްރާމްގައި، ގއ. އަތޮޅު ތަޢުލީމީ މަރުކަޒުގެ 35 ދަރިވަރުން ބައިވެރިވެފައިވެއެވެ.

މިއަދު އޮންލައިން