ރާއްޖޭގެ ދަތުރުފަތުރުގެ ނިޒާމު ވަރުގަދަކޮށް، އެނިޒާމަށް ބޮޑު ބަދަލެއް ގެނައުމުގެ މަޤްސަދުގައި އަލްގޯ ބްލޮކްސް ގެ ފަރާތުން "ގޯލޯކާ ބޯޓް މެނޭޖްމެންޓް އެޕްލިކޭޝަން" ރަސްމީކޮށް ރޭ އިފްތިތާހް ކޮށްފިއެވެ.

މިކަމަށްޓަކައި ރޭ ދަރުބާރުގޭ ރަންނަބަނޑޭތި މާލަމުގައި ބޭއްވި ޚާއްސަ ޚަފްލާ ޝަރަފުވެރި ކޮށްދެއްވާ މިއެޕްލިކޭޝަން ޝަރަފުވެރި ކޮށްދެއްވީ މިނިސްޓަރ އޮފް ކޮމިއުނިކޭޝަން ސައިންސް އެންޑް ޓެކްނޮލޮޖީ މުޙައްމަދު މަލީހް ޖަމާލް އެވެ. މިނިސްޓަރ ގެ އިތުރުން ސަރުކާރު ޙިއްސާވާ ބައެއް ކުންފުނިތަކާއި، އަމިއްލަ ބައެއް ކުންފުނިތަކުގެ އިސްވެރިންގެ އިތުރުން ކަނޑުދަތުރުގެ ވިޔަފާރި ކުރައްވާ ބައެއް ފަރާތްތައް ވެސް ވަނީ ބައިވެރިވެފައެވެ.
މިއެޕްލިކޭޝަނާއި ބެހޭގޮތުން ވާހަކަ ދައްކަވަމުން އެކުންފުނީގެ ސީއީއޯ ޙުސެއިން ޝިމްހާޒް ވިދާޅުވެފައިވަނީ، ކަނޑުދަތުރުފަތުރު ކުރާ އުޅަނދުތަކުގެ ވެރިންނަށް ވަރަށް ބޮޑު ލުޔެއް ލިބިގެންދާނެ ކަމަށެވެ.

"މިއެޕްލިކޭޝަނަކީ ހަމައެކަނި ޓިކެޓު ވިއްކާ އެޕްލިކޭޝަނެއް ނޫން، މިއީ ބޯޓު މެނޭޖްމެންޓް އެޕްލިކޭޝަނެއް. އަޅުގަނޑުމެން މިއެޕްލިކޭޝަން ޑިވެލޮޕް ކޮށްފަ މިއިނީ ހުރިހާ ކަމެއްވެސް މިއެޕް މެދުވެރިކޮށް ކުރެވޭ ގޮތަށް. އެގޮތުން އުޅަނދުފަހަރު ބެލެހެއްޓުން، އުޅަނދުތައް ތާވަލު ކުރުން، މުވައްޒަފުން ބެލެހެއްޓުން އަދި ދަތުރުގެ ހިސާބު ބެލެހެއްޓުމާއި ޓީކެޓު ވިއްކުން ވެސް ހިމެނޭ" ޝިމްހާޒް ވިދާޅުވިއެވެ.
މީގެއިތުރުން އޭނާ ވިދާޅުވީ މިއެޕްލިކޭޝަންގައި ވަރަށް ޚާއްސަ ކަމެއް ހިމަނާފައިވާނެ ކަމަށެވެ. އެއީ މުވައްޒަފުންގެ ހާޒިރީ ބެލެހެއްޓުމަށް "ސެލްފީ" އެއް ނެގުމެވެ.

"މިއެޕްލިކޭޝަނުން މުވައްޒަފުންގެ އެޓެންޑެންސް ނެގިގެންދާނީ ސެލްފީ އަކުން. އޭރުން ވެރިމީހާއަށް އިނގޭނެ އެދުވަހު މުވައްޒަފުން އައިސް ތިބީ ކިހިނެއްކަމާއި ހެދުންއަޅާފަ ހުރީ އެންމެ އެކަށީގެންވާ ގޮތަކަށްތޯ ނޫނީ ނޫންތޯ ވެސް" ޝިމްހާޒް ވިދާޅުވިއެވެ.
"ގޯލޯކާ ބޯޓް މެނޭޖްމެންޓް" އެޕްލިކޭޝަން އިފްތިތާޙް ކުރުމުގެ ގޮތުން މިނިސްޓަރ މަލީޚް ވަނީ ސެލްފީއެއް ވެސް ނަންގަވާފައެވެ.
ރޭގައި އިފްތިތާހް ކުރެވިފައިވަނީ މިއެޕްލިކޭޝަންގެ ސާރވިސް ޕްރޮވައިޑާރ އެޕްލިކޭޝަން ކަމަށް އަލްގޯ ބްލޮކްސް އިން މައުލޫމާތު ދެއްވާފައިވެއެވެ. އަދި މިހާރުން ފެށިގެން ބޯޓް ފަހަރު ގެންގުޅޭ ފަރާތްތަކަށް މިއެޕްލިކޭޝަނަށް ރެޖިސްޓްރީ ކުރެވޭނެ ކަމަށްވެސް އެކުންފުނިން ބުނެފައިވެއެވެ.
ގޯލޯކާގެ ކަސްޓަމަރ އެޕްލިކޭޝަން ކަމަށްވާ "ގޯލޯކާ ލައިވް" އިވެންޓްގެ ކައުންޓްޑައުން ވެސް ރޭގެ ޚަފްލާގައި ވަނީ ފަށާފައެވެ. އަންނަ މެއި މަހުގެ 17 ވަނަ ދުވަހު އޮންނަ އިވެންޓަށްފަހު ކަސްޓަމަރ އެޕް ވެސް ޑައުންލޯޑް ކުރެވޭނެ ކަމަށް އަލްގޯ ބްލޮކްސް އިން މައުލޫމާތު ދެއެވެ.
އަލްގޯ ބްލޮކްސް އަކީ ރާއްޖޭގައި މިފިދަ އެޕްލިކޭޝަނެއް 24 ގަޑިއިރުގެ ކޯލް ސެންޓަރ ޚިދުމަތާއެކު ފެށިގެންދާ ފުރަތަމަ ކުންފުންޏެވެ.