ކުޑަކުދިންނަށް ދޭ އެންމެ ޢާންމު ކިރުގެ ބާވަތުގެ ތެރޭގައި ހިމެނޭ ލެކްޓޯޖަން ޕެކެޓެއްގެ އަގު 80 ރުފިޔާއިން 125 ރުފިޔާއަށް އުފުލައިފިއެވެ. މީގެ ކުރިން ރެޑްވޭވް ފިހާރަތަކުން ލެކްޓޯޖަން ޕެކެޓެއް ވިއްކީ 80 ރުފިޔާއަށެވެ. ނަމަވެސް މިހާރު ވިއްކަނީ 125 ރުފިޔާއަށެވެ.
ސްރީލަންކާއިން ވިއްކާ ރީޓޭލް އަގަކީ 580 ރުޕީސް އެވެ. އެއީ ދިވެހި ރުފިޔާއިން ނަމަ ގާތްގަނޑަކަށް 50.88 (ފަންސާސް ރުފިޔާ އަށްޑިހައަށް ލާރި) އެވެ. އެހެން ކަމުން ރާއްޖޭގައި މިހާރު ލެކްޓޯޖަން ޕެކެޓެއްގެ އަގު އެވަނީ ލަންކާއިން ރީޓޭލްކޮށް ފިހާރަތަކުން ވިއްކާއަގަށްވުރެ 150% އުފުލިފައެވެ.

މިއަދުނޫހަށް މައުލޫމާތު ލިބިފައިވާ ގޮތުގައި ލެކްޓޯޖަނުގެ އަގު މިހައި ބޮޑުތަނުން އުފުލިގެން މިދިއައީ ކުޑަ ކުދިންގެ ކިރުގެ ބާވަތްތައް އެތެރެކުރުމުގެ ޤަވާއިދަށް އެޗްޕީއޭއިން ގެނައި ބަދަލުގެ ސަބަބުން ލެކްޓޯޖަންގެ ރާއްޖޭގެ ސޯލްއެޖެންޓް، އެމްއެޗްއޭއަށް ލެކްޓޯޖަން އެތެރެކުރުމުގައި ދަތިތަކެއް ކުރިމަތިވެ ސްޓޮކް ހުސްވުމުންނެވެ.
ކުޑަކުދިންނަށް ދޭ ކިރުގެ ތަފާތު ބާވަތްތައް ރާއްޖޭގެ ބާޒާރުގައި ހުރިނަމަވެސް އެންމެ ގިނަ ބައަކު ބޭނުންކުރަނީ ލެކްޓޯޖަނެވެ. ނެސްލޭ ކުންފުނީގެ އުފެއްދުމަކަށްވުމުން ފެންވަރު ރަނގަޅުވެފައި އެހެންކިރުތަކަށްވުރެ އަގުހެޔޮވުމުންނެވެ.
މިއަދުނޫހަށް މައުލޫމާތު ލިބިފައިވާ ގޮތުގައި ކުޑަކުދިންނަށް ދޭ ކިރުގެ ހުރިހާ ބަވަތެއް ވެސް ދެން ރާއްޖެއަށް އެތެރެކުރަން ޖެހޭނީ ކޮންމެވެސް ނުރަސްމީ ގޮތަކަށެވެ. ސަބަބަކީ އެޗްޕީއެގެ ޤަވާއިދާއި އެއްގޮތަށް ކިރުގެ ބާވަތްތައް، ބަންދުކޮށްދޭން ކިރުގެ ބާވަތްތައް އުފައްދާ ކުންފުނިތަކަށް ދަތިތަކެއް ހުރުމުންނެވެ. ރާއްޖޭގެ މާކެޓް ކުޑަކަމުން ރާއްޖެއަށް ޚާއްޞަކޮށްގެން ބަނަދުކުރުމަށާއި އެކުންފުނިތަކުން ޤަބޫލު ނުކުރާ ގޮތަކަށް ލޭބަލްކުރަން ޖެހޭތީއެވެ.
