ތޮއްޑޫގައި ބޭންކާއި ފުލުހުންގެ ޚިދުމަތް ގާއިމްކޮށްދިނުމަށް ކައުންސިލުން ރައީސް ޞާލިޙް ގެ އަރިހުގައި އެދިއްޖެ

މޫސާ ވަހީދު
ކިޔުމަށް ހޭދަވާނީ 1މ 38ސ
ތޮއްޑޫގައި ބޭންކާއި ފުލުހުންގެ ޚިދުމަތް ގާއިމްކޮށްދިނުމަށް ކައުންސިލުން ރައީސް ޞާލިޙް ގެ އަރިހުގައި އެދިއްޖެ

އަރިއަތޮޅު އުތުރުބުރީ ތޮއްޑޫގައި ބޭންކާއި ފުލުހުންގެ ޚިދުމަތް ގާއިމްކޮށްދިނުމަށް އެރަށު ކައުންސިލުން ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ގެ އަރިހުގައި އެދިވަޑައިގެންފިއެވެ.

ތޮއްޑޫ ކައުންސިލުން މިކަމަށް އެދިފައިވަނީ މިއަދު މެންދުރުފަހު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވެވި މި ބައްދަލުކުރެއްވުމުގައި، ތޮއްޑޫ ރައްޔިތުން އެންމެ ބޮޑަށް ބޭނުންވެފައިވާ ކަންކަމާއި، ރައްޔިތުންގެ ކަންބޮޑުވުންތައް ކައުންސިލްގެ ފަރާތުން ރައީސުލްޖުމްހޫރިއްޔާއާ ހިއްސާ ކުރައްވަމުންނެވެ.

އެގޮތުން ތޮއްޑޫ ކައުންސިލުން ވަނީ، ސިއްޙީ މަރުކަޒަށް ކުރިމަތިވެފައިވާ ގޮންޖެހުންތަކާއި، ރަށުގެ މަގުތަކުގެ ހާލަތު ގޯސްވުމުން ކުރިމަތިވާ ގޮންޖެހުންތަކާއި، ބަނދަރު ހަލާކުވުމުގެ ސަބަބުން ރައްޔިތުންނަށް ކުރިމަތިވަމުންދާ ދަތިތައް ހިއްސާކުރައްވައިފައެވެ. މީގެ އިތުރުން ރަށުގައި ބޭންކުގެ ޚިދުމަތާއި، ފުލުހުންގެ ޚިދުމަތުގެ އިތުރުން ކުނި ނައްތާލެވޭނެ ރަނގަޅު ނިޒާމެއް ޤާއިމްކޮށްދެއްވުމަށް ކައުންސިލްގެ ފަރާތުން އެދި ވަޑައިގެންނެވިއެވެ.

މީގެއިތުރުން ކުރިއަށް މިއޮތް ރޯދަމަހު ތޮއްޑޫގެ ދަނޑުވެރިން ވިއްކަން މާލެ ގެންނަ ތަކެތި ބެހެއްޓޭނެ އަދި ވިޔަފާރިކުރެވޭނެ ހަރުދަނާ އިންތިޒާމްތަކެއް ޤާއިމްކޮށްދެއްވުމަށް ކައުންސިލްގެ ފަރާތުން އެދިވަޑައިގެންނެވިއެވެ.

މި ބައްދަލުކޮށްލެއްވުމުގައި ތޮއްޑޫ ކައުންސިލުގެ މެންބަރުން ވަނީ އެރަށުގެ ދަނޑުވެރިން މިއަހަރުގެ ރަމަޟާން މަހަށް ޚާއްޞަކޮށްގެން ހެއްދި ކަރާ ރަމްޒުކޮށްދިނުމުގެ ގޮތުން 3 ކަރާ ރައީސުލްޖުމްހޫރިއްޔާއަށް ވެދުމަށް އަރުވާފައެވެ.

 

މިބައްދަލުކޮށްލެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި ތޮއްޑޫ ކައުންސިލުން އެދިވަޑައިގެންފައިވާ ކަންކަމުގައި ކަމާގުޅޭ މިނިސްޓްރީތަކާއެކު މަޝްވަރާކުރައްވައިގެން އެކަންކަމަށް ޙައްލެއް ހޯއްދަވައިދެއްވަން މަސައްކަތްޕުޅު ކޮށްދެއްވާނެ ކަމުގައި ވިދާޅުވިއެވެ.

 

މިއަދު އޮންލައިން