މިނިސްޓަރ އޮފް ހޯމް އެފެއާޒް އައްޝައިޚް އިމްރާން ޢަބްދުﷲ އާއި ކޮމިޝަނަރ އޮފް ޕޮލިސް މުޙައްމަދު ހަމީދު ގދ. އަތޮޅަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި، އެއަތޮޅު އަތޮޅު ކައުންސިލާ ތިނަދޫ ކައުންސިލާއި މަޑަވެލި ކައުންސިލާއި އަދި ހޯޑެއްދޫ ކައުންސިލާއެކު މަޝްވަރާ ބައްދަލުވުމެއް ބާއްވައިފިއެވެ.
ފުލުހުން ބުނެފައިވަނީ މިއަދު ހެނދުނު ގދ .އަތޮޅު ކައުންސިލް އިދާރާގައި ކުރިއަށް ގެންދިޔަ މިބައްދަލުވުމުގައި، ކައުންސިލުތަކަށް ދިމާވާ ދަތިތައް އޮޅުންފިލުވައި ކައުންސިލްތަކާއި ފުލުހުންނާއި ގުޅިގެން މަސައްކަތް ކުރެވިދާނެ ގޮތްތަކާއި ގުޅޭގޮތުން މަޝްވަރާކުރައްވައި މަސައްކަތުގައި ދެފަރާތަށް ދިމާވާ ދަތިތައް ހައްލުކުރުމާއި ގުޅޭ ގޮތުން މަޝްވަރާކުރައްވާފައިވެއެވެ. އަދި ކުށްމަދު ކުރުމަށް ކައުންސިލްތަކާއި ގުޅިގެން ކުރެވިދާނެ ކަންކަމާއި ގުޅޭ ގޮތުން މަޝްވަރާކުރައްވާފައިވާކަމަށެވެ.
މީގެއިތުރުން މަޑަވެލީ ކައުންސިލާއި ހޯޑެއްދޫ ކައުންސިލާއެކު ބޭއްވި މަޝްވަރާ ބައްދަލުވުމުގައި، އެދެރަށުގައި ފުލުހުންގެ ޚިދުމަތް އަލުން ފެށުމާއި ގުޅޭގޮތުންނާއި ރަށުތެރޭގައި ކުށްމަދު ކުރުމަށް ކުރެވިދާނެ ކަންކަމާއި ގުޅޭގޮތުން މަޝްވަރާކުރައްވާފައިވެއެވެ.
މި މަޝްވަރާ ބައްދަލުވުމުގައި މިނިސްޓަރ އޮފް ހޯމް އެފެއާޒް އައްޝައިޚް އިމްރާން އަބްދުﷲ އާއި ކޮމިޝަނަރ އޮފް ޕޮލިސް މުޙައްމަދު ހަމީދުގެ އިތުރުން ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕޮލިސް ޢަބްދުލް މަންނާނު ޔޫސުފާއި ޑިވިޜަނަލް ޕޮލިސިންގ ކޮމާންޑްގެ ހެޑް އެސިސްޓެންޓް ކޮމިޝަނަރ އޮފް ޕޮލިސް ޢަބްދުﷲ ފައިރޫޝް އާއި ފުލުހުންގެ އެކްޒެކެޓިވް ބައެއް އޮފިސަރުންނާއި ގދ. އަތޮޅު ކައުންސިލް މެންބަރުންނާއި ގދ. ތިނަދޫ ކައުންސިލް މެންބަރުންގެ އިތުރުން މަޑަވެއްޔާއި ހޯޑެއްދޫ ކައުންސިލް މެންބަރުން ބައިވެރިވެފައިވެއެވެ.