ފުލުހުންގެ 86 ވަނަ އަހަރީ ދުވަހުގެ މުނާސަބަތުގައި ގދ. ތިނަދޫގައި ކުޑަކުދިންގެ ހަވީރެއް ބާއްވައިފިއެވެ.
ތިނަދޫ ފުޓުބޯޅަ ދަނޑުގައި މިއަދު ބޭއްވި މި ކުޑަކުދިންގެ ހަވީރު ހުޅުއްވައި ދެއްވީ މިނިސްޓަރ އޮފް ހޯމްއެފެއާޒް އައްޝެއިޚް އިމްރާން ޢަބްދުﷲ އާއި ކޮމިޝަނަރ އޮފް ޕޮލިސް މުޙައްމަދު ޙަމީދެވެ.
މި ހަވީރުގައި ތަފާތު އެކި ކުޅިވަރުތައް ކުރިއަށް ގެންގޮސްފައިވެއެވެ.
އަދި ކުޑަކުދިންގެ މެދުގައި މަޤުބޫލު ކެރެކްޓަރއެއް ކަމުގައިވާ މަޝްހޫރު ރޮބޯ މޭންގެ ހަރަކާތްތަކެއް ކުރިއަށް ގެންގޮސްފައިވެއެވެ.
މީގެ އިތުރުން އެރަށުގައިހުރި ސަރުކާރުގެ މުއައްސަސާތަކުން ސްޓޯލްތައް ޤާއިމުކޮށް، އެމުއައްސަސާތަކުންދޭ ޚިދުމަތްތަކާއި ގުޅޭ މަޢުލޫމާތު ދީފައިވެއެވެ.
އަދި އެރަށުގައިހުރި ޞިއްޙީ ޚިދުމަތްދޭ ތަންތަނުން ޤާއިމުކުރި ސްޓޯލްތަކުން، ހިލޭ ހަކުރު ޓެސްޓު ކުރުމާއި ލޭ ބެލުމުގެ ކަންކަން ކުރިއަށް ގެންގޮސްފައިވެއެވެ. އަދި ހަށިގަނޑަށް ފައިދާ ހުރި ރަނގަޅު ކާނާ ބޭނުންކުރުމާއި ދުޅަހެޔޮ ޞިއްޙަތެއްގައި ދެމި ތިބުމަށް ކަސްރަތު ކުރުމުގެ މުހިންމުކަމާއި ގުޅޭގޮތުން މަޢުލޫމާތުދީ ދުންފަތުގެ އިސްތިޢުމާލު ކުރުމުގެ ސަބަބުން ލިބޭ ގެއްލުންތަކާއި ގުޅޭގޮތުން ބޮޑެތި މީހުންނަށް މަޢުލޫމާތުދީފައިވެއެވެ.
މި ހަވީރުގައި ގިނައަދަދެއްގެ ކުޑަކުދިންނާއި އެކުދިންގެ ބެލެނިވެރިން ބައިވެރިވެފައިވެއެވެ.