"ވަކީން ޚާއްޞަކޮށް، އިންސާނުން ދިރިއުޅެން އެކަށީގެންނުވާ ދަށު ދަރަޖައިގެ ތަންތަނުގައި ބިދޭސީ މަސައްކަތްތެރީން ނިންދެވުމާއި، މަސައްކަތް ކުރުވުމަށްފަހު މުސާރަ ނުދިނުމަކީ، ޙައްލުކުރަންޖެހިފައިވާ ބޮޑު މައްސަލައެކެވެ. އަރާމުކުރުމަށް އެކަށީގެންވާ ވަގުތު ނުދީ މަސައްކަތް ކުރުވުމާއި، މަކަރާއި ޙީލަތުން އޮޅުވާލައިގެން އެމީހުން ލައްވައި މަސައްކަތް ކުރުވުމަކީވެސް، މިހާރުން މިހާރަށް ހުއްޓުވަން ޖެހިފައިވާ ކަންކަމެވެ."
މިއީ މިއަދު ފާހަގަކުރާ މަސައްކަތްތެރިންގެ ދުވަހާއި ގުޅިގެން ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް ޢާންމު ކުރެއްވެވި ޚިޠާބުގައި ވިދާޅުވެފައިވާ ބަސްފުޅުތަކެކެވެ.
މިވާހަކަފުޅުން ފާހަގަކުރެވޭ ކަންކަމުގެ ތެރޭގައި 4 ކަމެއް ފާހަގަކުރެވެއެވެ.
1 މަސައްކަތް ކުރުވުމަށްފަހު މުސާރަ ނުދިނުން
2 އިންސާނުން ދިރިއުޅެން އެކަށީގެންނުވާ ދަށު ދަރަޖައިގެ ތަންތަނުގައި ބިދޭސީ މަސައްކަތްތެރީން ނިންދެވުން
3 އަރާމުކުރުމަށް އެކަށީގެންވާ ވަގުތު ނުދީ މަސައްކަތް ކުރުވުން
4 މަކަރާއި ޙީލަތުން އޮޅުވާލައިގެން އެމީހުން ލައްވައި މަސައްކަތް ކުރުވުން
މިކަންކަން ހުއްތުވުމަށް މިހާރުން މިހާރަށް ވެސް އެލިދާނެ އެންމެ މުހިންމު ފިޔަވަޅަކީ މިކަންކަން ކުރާ ފަރާތްތައް ޢާންމުކޮށް އެނގޭނެ ގޮތަށް ދިވެހިބަހާއި އިނގިރޭސިބަހުން ހާމަކުރުމެވެ. އެގޮތަށް ހާމަކުރާނަމަ ރާއްޖެއަށް މަސައްކަތު މީހުން ފޮނުވާ އެޖެންސީތަކަށާއި އަންނަން ބޭނުންވާ މީޙުންނަށް އެކަން އެނގި އެފަދަ ފަރާތްތަކުގެ ވަޒީފާއަށް މީހުން އައުން ހުއްތޭނެއެވެ. މީގެ އިތުރުން ދިވެހިންނަށްވެސް އެކަން އެނގި އެފަދަ ފަރާތްތަކުގެ ވަޒީފާއަށް މީހުން ދިއުން ހުއްޓޭނެއެވެ.
އެކެއްގެ ސަބަބުން އެތައް ސަތޭކަ ބައެއްގެ ޙައްޤުތައް ގެއްލިގެންދާއިރު އެމީހެއްގެ އަބުރާއި އިއްޒަތާއި ކަރާމާތަށްވުރެ މުހިންމުވާނީ ގިނަ ބައެއްގެ ހައްޤުތަކެވެ. އެކަކަށް މުސާރަ ނުލިބުމަކީ މަދުވެގެން 10 ވަރަކަށް މީހުންނަށް ލިބޭ ގެއްލުމެކެވެ. އެމީހާގެ މުޅި ޢާއިލާއަށް އެކަމުގެ ނިކަމެތިކަން ލިބިގެންދާނެތީއެވެ.
އިސްލާމް ދީނުގައި އޮތީ މަސައްކަތްކުރި މީހާގެ ގައިން ހިއްލި ދައު ނުހިކެނީސް އެމީހަކަށް އުޖޫރަ ދިނުމެވެ. މިޒަމާނުގައި މަސައްކަތްކުރަނީ އެއްބަސްވުމެއްގެދަށުންނެވެ. އެ އެއްބަސްވުމާއި އެއްގޮތަށް މުސާރަ ނުދޭނަމަ އެމީހަކު އެ އަމަލު ކުރަނީ އިސްލާމް ދީނުގައި އޮތްގޮތާއި ޚިލާފަށެވެ. އެފަދަ މީހުންގެ ޙައްޤުތައް ހިމާޔަަތްކޮށްދިނުމަސްވުރެ ދީނީ ގޮތުން ބެލި ނަމަވެސް މުހިންމީ އެފަދަ މީހުންގެ ކިބައިން މީސްތަކުން ސަލާމަތްކުރުވުމެވެ. އެއީ ވެރިކަމުގެ ފަރާތުން ކުރަން ޖެހޭނެ ކަމެކެވެ.