ލ. ގަމުގައި މީހަކު ރަހީނުކޮށް، އެމީހާ އަތުން ފައިސާތަކެއްއަތުލާ، އިތުރަށް ފައިސާ ހޯދުމަށް އުޅުނު ދެމީހުންގެ ތެރެއިން އެކަކު ހައްޔަރު ކޮށްފިއެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލު ވިދާޅުވީ، މެއި 2 ވީ ހުކުރު ދުވަހުގެ ރޭ ލ. ގަމުގައި އުމުރުން 44 އަހަރުގެ ފިރިހެނަކު ރަހީނުކޮށް، ތޫނު ހަތިޔާރު ބޭނުންކޮށްގެން ބިރުދައްކާ، އޭނާގެ އަތުން 8900 ރުފިޔާ ފޭރުމަށްފަހު އިތުރު ފައިސާ ހޯދުމަށް އެދެމުންދާ ކަމަށް ފުލުހުންނަށް ލިބުނު މައުލޫމާތަކާއި ގުޅިގެން ކުރިއަށް ގެންދިޔަ އޮޕަރޭޝަނެއްގައި 3 މެއި 2019 ވީ ހޮނިހިރު ދުވަހުގެ ރޭ 22:45 ހާއިރު، އެމީހާ އަތުން ފައިސާ ނެގުމަށް އައި ދެމީހުންގެ ތެރެއިން އެކަކު ހައްޔަރު ކުރެވިފައިވާ ކަމަށާއި ދެން ހުރިމީހާ ސަައިކަލަކަށް އަރައިގެން ފިލާފައިވާ ކަމަށެވެ.
މިމައްސަލަ އާއި ގުޅިގެން ފުލުހުން ހައްޔަރު ކޮށްފައިވަނީ އުމުރުން 19 އަހަރުގެ ޒުވާން ފިރިހެނެކެވެ.
އެމީހުން ރަހީނު ކުރި މީހާގެ ހާލު ރަނގަޅު ކަމަށާއި ރަހީނު ކުރީ ދިވެއްސެއް ކަމަށް ވެސް ފުލުހުން މައުލޫމާތު ދީފައިވެއެވެ.މިމައްސަލައިގައި ހައްޔަރު ކޮށްފައިވަނީ ވެސް ދިވެއްސެކެވެ.