ފިލައިގެން އުޅޭތީ ހޯދުމަށް އިންޓަޕޮލްގެ ރެޑް ނޯޓިސް ނެރެފައިވާ ސީލައިފް ގްލޯބަލް ގެ މެނޭޖިން ޑިރެކްޓަރު އަހުމަދު މޫސާ މުހައްމަދު (އަމްމަޓީ) ހޯދަން ލަންކާ އާއި އިންޑިއާގައި ޕޯސްޓަރު ހަރުކުރަންފަށައިފިއެވެ.
އައްމަޓީ ހޯދަން، ލަންކާ އާއި އިންޑިއާގައި ޕޯސްޓަރު ހަރުކުރަނީ އަމްމަޓީގެ ސީލައިފުން ފްލެޓް އަޅައިދޭނެ ކަމަށް ބުނެ ފައިސާ ނެގި އާއިލާތަކުންނެވެ.
އެ އާއިލާތަކަށް އިންސާފު ހޯދައިދޭން މަސައްކަތް ކުރައްވާ ގާނޫނީ ވަކީލް މަރިޔަމް ޝުނާނާ މިއަދު ވިދާޅުވީ ޕޯސްޓަރު ހަރުކުރަނީ އިންސާފު އަވަސްވާނެ މަގެއް ހޯދަންކަމަށެވެ.
މައުލޫމާތުލިބިފައިވާގޮތުގައި އަމްމަޓީ އުޅެނީ ސްރީ ލަންކާގަ އެވެ.

ސީ ލައިފުން ވަނީ ހުޅުމާލޭގައި ހައުސިން މަޝްރޫއުތަކެއް ހިންގުމާ ހަވާލުވެ އެކި މީހުން އަތުން އެޑްވާންސަށް ގިނަ އަދަދެއްގެ ފައިސާ ނަގަފައިފަ އެވެ. ފައިސާ ނެގުމަށް ފަހު، އެޕާޓްމެންޓްތައް ނުނިންމައި އަދި ގިނަ ބަޔަކަށް ފައިސާ އަނބުރާ ނުދިން މައްސަލައިގައި ކުންފުންޏާ ދެކޮޅަށް ވަނީ ދައުވާކޮށްފައެވެ.
ހުޅުމާލެއިން ބޮޑު ބިމެއްގައި 3،000 ފްލެޓް އަޅަން ސީ ލައިފާ ހަވާލުކުރީ 2014 އަހަރުގެ މާޗު މަހުގެ 13 ވަނަ ދުވަހު އެވެ. އެ އަހަރުގެ އޭޕްރީލް މަހު އެ މަސައްކަތް ކުރުމަށްޓަކައި ބިންގާ އަޅުއްވައިދެއްވީ އޭރުގެ ރައީސް އަބްދުﷲ ޔާމީނެވެ.
މީގެކުރިން އަމްމަޓި އުޅުނީ ލަވަކުޅުމާއި، އަލްބަމް ނެރުމުގައެވެ.