މިރޭ މިފެށުނު ބަރަކާތްތެރި ރަމަޟާން މަހަކީ އެންމެންވެސް އެކަކު އަނެކަކަށް ހިތްހެޔޮ ކުރުމާއި، އާޚިރަތް ލިބިގަންނަން ގަދައަޅައި މަސައްކަތްކުރާ މަހަކަށް ހެދުމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް، ޖުމްހޫރީ ޕާޓީގެ ލީޑަރު ޤާސިމް އިބްރާހީމް އިލްތިމާސް ކުރައްވައިފިއެވެ.
"މިރޭ މިފެށުނު ބަރަކާތްތެރި ރަމަޟާން މަހަކީ މަސްތަކުގެ ތެރެއިން އެންމެ މާތް މައްސަރެވެ. އަޅުކަމުގެ އެންމެ ވަރުގަދަ މޫސުމެވެ. އެންމެ ގިނަ ބައަކު ޖަމާއަތުގައި ނަމާދުކޮށް އަދި ދީނީ ބައްދަލުވުންތަކުގައި ބައިވެރިވެ އުޅޭ މައްސަރެވެ.
ބަރަކާތްތެރި ރަމަޟާން މަހަކީ އެންމެ ގިނަ ބައަކަށް މާތް ﷲ ޢަފޫ ކުރައްވަވައި ނަރަކައިން މިންޖުކުރައްވަވާ މައްސަރެވެ. އެންމެ ގިނަ ބައަކަށް ރުހިވޮޑިގަތުން މިންވަރު ކުރައްވަވައި ސުވަރުގެ ވައްދަވާ ވެސް މައްސަރެވެ.
މިފަދަ މާތް، މަތިވެރި މައްސަރެއްގައި އަޅުގަނޑުމެންގެ ޢަޒުމަކަށްވެސް ވާންވާނީ އެކަކު އަނެކަކަށް ހިތްހެޔޮ ކުރުމާއި މަޢާފް ކުރުމެވެ. އެއްވެސް މީޙެއްގެ މައްޗަށް ހިތް ބުރަކަމެއް ނުބާއްވައި އެކުވެރިކަމުގެ ގުޅުން ބަދަހިކުރާ މަހަކަށް ހެދުމެވެ.
ހަމައެއާއިއެކު ބަރަކާތްތެރި ރަމަޟާން މަހަކީ ފާފަ ފުއްސެވުމުގެ މައްސަރުކަމަށްވުމުން އެކަމަށްޓަކައި ގަދައަޅައި މަސައްކަތްކުރުމަކީ މިމާތް މައްސަރުން ޙާޞިލުކުރަން ބޭނުން އެންމެ ބޮޑު މަޤްޞަދު ކަމުގައި ހެދުމަށްވެސް އިލްތިމާސް ކުރަމެވެ.
މިރޭ މިފެށުނު ބަރަކާތްތެރި ރަމަޟާން މަހަކީ އެންމެހައި ދިވެހި ރައްޔިތުންނަށާއި އިސްލާމީ އުންމަތަށް މާތް ﷲގެ ތަނަވަސް ރަހްމަތްފުޅުން ފުރިގެންވާ މައްސަރެއް ކަމުގައި ލެއްވެވުން އެދި ދުޢާ ކުރަމެވެ! އެންމެހައި ދިވެހި ރައްޔިތުންނަށް ތަނަވަސް، އުފާވެރި މައްސަރެއް ކަމުގައި ލެއްވެވުން އެދި ދުޢާ ކުރަމެވެ. އެންމެހައި ދިވެހި ރައްޔިތުންނަށާއި އިސްލާމީ އުންމަތަށް ޚާއްޞަކޮށް ދިވެހި ޤައުމަށް އަބަދުވެސް ޞުލްޙަވެރިކަމާއި އަމާންކަން މިންވަރުފުޅު ކުރެއްވެވުން އެދިވެސް ދުޢާ ކުރަމެވެ."
- ޤާސިމް އިބްރާހީމް