ފޯސީޒަންސް އެޕެރެންޓިސްޝިޕް ޕްރޮގްރާމްގެ ދަސްވެނިވުން ބާއްވައި އިތުރު ފުރުޞަތުތައް ހުޅުވާލައިފި

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 21ސ
ފޯސީޒަންސް އެޕެރެންޓިސްޝިޕް ޕްރޮގްރާމްގެ ދަސްވެނިވުން ބާއްވައި އިތުރު ފުރުޞަތުތައް ހުޅުވާލައިފި

ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތުގެ އެންމެ މަތީ ފެންވަރުގައި ރިޒޯޓްތައް ހިންގާ ފޯސީޒަންސް އިން ދިވެހި މުވައްޒިފުން ތަމްރީނުކުރުމަށް ހިންގި އެޕެރެންޓިސްޝިޕް ޕްރޮގްރާމްގެ ދަސްވެނިވުން ބާއްވައި އިތުރު ފުރުޞަތުތައް ހުޅުވާލައިފި އެވެ. 

އިއްޔެ ހަވީރު ދަރުބާރުގޭގައި ބޭއްވި ރަސްމިއްޔާތުގައި ވަނީ 2018 ވަނަ އަހަރު ޕްރޮގްރާމްގައި ބައިވެރިވި 51 ދަރިވަރުން ޕްރޮގްރާމް ކާމިޔާބުކޮށް ސެޓުފިކެޓް ޙާޞިލުކޮށްފައެވެ. އެއީ ލަނޑާ ގިރާވަރުގެ 27 ދަރިވަރުންނާ ކުޑަހުރާގެ 24 ދަރިވަރުންނެވެ. 2019 ވަނަ އަހަރުގެ އެޕެރެންޓިސް ޝިޕް ޕްރޮގްރާމް އިއުލާނުކޮށްފައިވާއިއރު މިދިއަ އަހަރުގެ ބައިވެރިންގެ ތެރެއިން 6 ދަރިވަރަކު މިއަހަރުގެ ޕްރޮގްރާމްގައި 2 ވަނަ އަހަރު ފިރިހަމަކުރާނެއެވެ. 

ފޯރ ސީޒަންސް އަކީ މަސައްކަތަށް ދިވެހިން ތަމްރީނުކުރަން ޖެހޭކަން އެނގުނު ފުރަތަމަ ބޭރުގެ ކުންފުންޏެވެ. ރާއްޖޭގެ ރިޒޯޓުތައް ހިންގާނަމަ ޤާބިލު ދިވެހިން އުފއްދަން ޖެހޭކަން ވިސްނިވަޑައިގެންނެވި ބޭރުގެ ބޭރުގެ ބޭފުޅަކީ ފޯސީޒަންސް މޯލްޑިވްސްގެ ރީޖަނަލް ވައިސް ޕްރެޒިޑެންޓް އަރްމާންޑޯ ކްރެންޒްލިން އެވެ. އޭނާ އިސްވެ ހުންނަވައި 2000ގެ ކުރީކޮޅު ފެށްޓެވި މި ޕްރޮގްރާމަކީ ރާއްޖޭގައި ހިންގާ އެންމެ ދުވަސްވީ އެޕެރެންޓިސްޝިޕް ޕްރޮގްރާމެވެ. 

ފޯރސީޒަންސް އެޕެރެންޓިސްޝިޕް ޕްރޮގްރާމް ފުރިހަމަކުރާ ބައިވެރިންނަށް އެ ކުންފުނީގެ ރިޒޯޓުތަކުގައި ވަޒީފާ އަދާކުރުމުގެ ފުރުޞަތު ވެސް ފަހިކޮށްދެއެވެ. އަދި ބޭނުންނަމަ އެހެން ރިޒޯޓެއްގައި ވެސް ވަޒީފާ އަދާކުރެވިދާނެއެވެ.

 

 

މިއަދު އޮންލައިން