ރަމަޟާން މަހަށް މާރުކޭޓުގައި ތަކެތީގެ އަގުތައް އުފުލިގެން ދިއުމާއި ގުޅިގެން ކުރެވުނު ބަހުސްތަކުގައި އެންމެ ގިނައިން ދެކެވުނު އެއް ވާހަކައަކީ މާލޭގެ މީހުން ކުލި ބޮޑުކުރާ ވާހަކައެވެ.
އެއީ ވެސް ހަމަ ވަރަށް ރަނގަޅު ވާހަކައެކެވެ. ނަމަވެސް މައްސަލައިގެ ހައްލެއް ނޫނެވެ. ތަކެތީގެ އަގު އުފުލުމުން ހުރިހާ އަނިޔާއެއް ލިބެނީ ހަމަ ކުއްޔަށް ހިފައިގެން ދިރިއުޅޭ ރާއްޖެތެރޭ މީހާއަށެވެ.
މިސާލަކަށް ގޭގައި 3 ކޮޓަރީގެ އެޕާޓްމަންޓެއް ހުރިނަމަ މަހަކު 30000 ޔަޤީން ކުރެވުނީއެވެ. 4 އެޕާޓްމަންޓް ހުރިނަމަ 120000 ޔަޤީން ކުރެވުނީއެވެ. ދެން މިރުސް ކިލޯއެއް 10000 ރުފިޔާ އެރިއްޔާ ކުރާނީ ކޮން އަސަރެއްތޯއެވެ.
ނަމަވެސް ދިރިއުޅޭ އެޕާޓްމަންޓަށް މަހަކު 30000 ރުފިޔާ ކުއްޔަށް ދީގެން މާލޭގައި ދިރިއުޅޭ މީހާއަށް ޖެހޭނީ މާރުކޭޓަށް ގޮސް މިރުހުގެ ވަސްބަލާލާފައި އެނބުރި އަންނާށެވެ! ލިބޭ އަދަދު ނުއެނގި ބޭނުންހައި ވަރަކަށް ލިބޭ މަދު މީހަކު ފިޔަވައެވެ.
ގިނަ އެޕާޓްމަންޓްތައް ކުއްޔަށް ހިފައިގެން އުޅެނީ 3، 4 ޢާއިލާއިންނެވެ. ކުއްޔާއި ބިލްތައް ދެއްކެނީ އެންމެންނަށް ލިބޭ އާމްދަނީ އެއްކޮށްގެންނެވެ. އެހެންކަމުން ކެއުން ބުއިމަށްވެސް ޚަރަދުކުރެވޭނީ ކުއްޔާއި ބިލްތައް ދެއްކުމަށްފަހު ބާކީ އަތުގައި އެއްވެސް ފައިސާއެއް ހުރިނަމައެވެ.
ރާއްޖޭގެ މާރުކޭޓުގައި ކާބޯތަކެތީގެ ބާވަތްތަކުގެ އަގުތައް ކޮންޓްރޯލު ނުކުރެވޭ އެންމެ ބޮޑު އެއް ސަބަބަކީ ދަނޑުވެރިޔާ އަކީވެސް، ދަނޑުވެރިޔާގެ ތަކެތި މާލެ ގެނައުމުން ގަންނަ އެޖެންޓަކީވެސް ބަންގާޅީން ކަމަށް ވުމުގެ އިތުރުން މާރުކޭޓުގެ ގިނަ ގޮޅިތަކަކީވެސް ބަންގާޅީންގެ ގޮޅިތައް ކަމުގައިވުންކަން ފާހަގަކުރެވެއެވެ.
މިކަން ސަރުކާރަށް އެނގޭތާ އެތައް އަހަރެއް ވެއްޖެއެވެ. މައްސަލަ ޙައްލުކޮށްދޭނެ ކަމަށް ބުނެ ދޮގު ހެދުން ނޫން އެއްވެސް ކަމެއް އެއްވެސް ސަރުކާރަކުން ނުކުރެއެވެ. ނަމަވެސް ކޮންމެ ސަރުކާރެއް ވެސް ނިމިގެންދާއިރު ޤަވާއިދާއި ޚިލާފަށް އުޅޭ ބިދޭސީންގެ އަދަދު އެތައް ހާހެއް އިތުރުވެއެވެ.