މަރުވި ޔޫކްރެއިން މީހާގެ ހަށިގަނޑު ގެންދަން އޭނާގެ މަންމަ އަތުވެއްޖެ

ކިޔުމަށް ހޭދަވާނީ 55ސ
މަރުވި ޔޫކްރެއިން މީހާގެ ހަށިގަނޑު ގެންދަން އޭނާގެ މަންމަ އަތުވެއްޖެ

މިދިޔަ ހޯމަ ދުވަހު ހުޅުމާލޭގައި ހިނގި ބަސް އެކްސިޑެންޓުގައި މަރުވި އުމުރުން 31 އަހަރުގެ ޔޫކްރެއިން އަންހެން ފަތުރުވެރިޔާގެ ހަށިގަނޑު، ޤައުމަށް ގެންދަން އޭނާގެ މަންމަ ރާއްޖެ އަތުވެއްޖެއެވެ.

 

ފުލުހުންގެ ތަރުޖަމާނު ޗީފް އިންސްޕެކްޓާ އޮފް ޕޮލިސް އިޒްމިއާ ޒާހިރު ވިދާޅުވީ، އެހާދިސާގައި މަރުވި މީހާގެ ހަށިގަނޑު އަނބުރާ އޭނާގެ ޤައުމަށް ގެންދިޔުމުގެ ކަންތައްތައް އާއިލާއިން މިހާރު ދަނީ ހަމަޖައްސަމުން ކަމަށެވެ.

 

"އާއިލާއިން ތައްޔާރުވީހާ އަވަހަކަށް އޭނާގެ ހަށިގަނޑު ޤައުމަށް ގެންދިޔުމުގެ ކަންތައް ހަމަޖެހޭނެ" އިޒްމިއާ ވިދާޅުވިއެވެ.

 

ހެނދުނު ޖޮގިން އަށް ނިކުމެ އުޅެނިކޮށް އެއަންހެން މީހާ މަރުވީ، ބަސް ދުއްވަން އިން ޑްރައިވަރަށް ނިދިޖެހިގެން، ރޭހަށް ލެވިގެން ބަސް ކޮންޓްރޯލް ނުވެގެން ގޮސް ޖެހި، އޭގެ ދަށުވެގެންނެވެ. އޭނާގެ ހަށިގަނޑު އޮތީ ޗިސްވެފައެވެ.

 

މަރުވި މީހާގެ ހަށިގަނޑު މިވަގުތު އޮތީ މޯޗަރީގައެވެ. އަދި ބަސް ދުއްވަން އިން ޑްރައިވަރުގެ ބަންދުގެ މުއްދަތަކަށް ކްރިމިނަލް ކޯޓުން އިއްޔެ ވަނީ ތިން ދުވަސް ޖަހާފައެވެ.

މިއަދު އޮންލައިން