އިސްލާމިކް މިނިސްޓްރީން މާލޭގެ ރައްޔިތުންނަށް ބެހުމަށް 4268 ޕެކެޓް ކަދުރު މާލޭ ސިޓީ ކައުންސިލާއި ހަވާލުކޮށްފައިވާ ކަމަށާއި މިކަދުރު އަންނަ އާދިއްތަ ދުވަހުން ފެށިގެން ބަހަންފަށާނެކަމަށް މާލޭ ސިޓީ ކައުންސިލުން ބުނެފިއެވެ.
މާލޭ ސިޓީ ކައުންސިލުން މިއަދު ކުރި އިއުލާނެއްގައި ބުނެފައިވަނީ ކަދުރު ބަހާނީ ފަގީރުންގެ ދަފްތަރުގައި ރަޖިސްޓްރީކޮށްފައިވާ ކޮންމެ ގޭބިސީއަކަށް އެއް ޕެކެޓް ކަދުރު ދޭ އުސޫލުން ކަމަށެވެ.
ފަގީރުންގެ ގޭބިސީތަކަށް ކަދުރު ބެހުމަށްފަހު، ބާކީވާ ކަދުރު ހުސްވަންދެން އެންމެ ފުރަތަމަ އަންނަ ފަރާތްތަކަށް އިސްކަންދީގެން ބެހުން ކުރިއަށްދާނެ ކަމަށް ސިޓީ ކައުންސިލުން ވަނީ ބުނެފައެވެ.
އިސްލާމިކް މިނިސްޓްރީން ބުނެފައިވަނ ގޭބީސީތަކަށް ކަދުރު ބަހާނީ، އެ ގޭބީސީއެއްގެ ސައްޙަކަން އަންގައިދޭ ލިޔުމެއް ގެންނެވުމުން، އެ ލިޔުމުގެ ސައްޙަކަމަށް ބެލުމަށްފަހު ކަމަށެވެ.
ގޭބީސީއެއްގެ ސައްޙަކަމަށް ކަނޑައަޅާ ލިޔުމަކީ ކުއްޔަށް ހިފައިގެން ދިރިއުޅޭ ތަނުގެ ދެފަރާތުން ސޮއިކޮށްފައިވާ އެއްބަސްވުމުގެ އަސްލު ނުވަތަ އެގޭބިސީއެއް ނިސްބަތްވާ ޢިމާރާތުގެ ގޯތީގެ ރަޖިސްޓްރީގެ އަސްލު ނުވަތަ ގޭގެ ޢިމާރާތުގެ ގޯތީގެ ރަޖިސްޓްރީގެ އަސްލު އަދި ކަދުރާ ޙަވާލުވާ ބޭފުޅެއްގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުކަމަށް އިސްލާމިކް މިނިސްޓްރީން ބުނެފައިވެއެވެ.
ކަދުރު ބެހުމަށް ހަމަޖެހިފައިވަނީ ރަސްމީ ބަންދު ނޫން ކޮންމެ ދުވަހެއްގެ ހެނދުނު 9:00 އިން މެންދުރު 12:30 އަށް އަދި ރޭގަނޑު 9:00 އިން 10:30 އަށެވެ.
ކަދުރު ބަހާނީ ޕޮލިސް ޓޯޔާޑް ކައިރީ ހުންނަ ސިޓީ ކައުންސިލުގެ އާންމު ހިދުމަތްތަކާއި ބެހޭ ސެކްޝަނުންނެވެ.
ސަޢުދީ ރަސްގެފާނު ސަލްމާން ބިން ޢަބްދުލްޢަޒީޒް ރާއްޖެއަށް ހަދިޔާކުރެއްވީ 50 ޓަނު ކަދުރެވެ.