މާލޭ ސިޓީ ކައުންސިލުން ހަތަރު ފުރޮޅުލީ އުޅަނދުފަހަރަށް ހާއްސަ ޕާކިން ޒޯނެއް ސުޕްރީމް ކޯޓުގެ ކުރިމަތީގައިހުންނަ މާފަންނުއާގޭގައި ހަދަންފަށައިފިއެވެ.
މާލޭ ސިޓީ ކައުންސިލުން ބުނެފައިވަނީ މިހާރު ކުރިއަށް ގެންދަނީ އުޅަނދުފަހަރު ޕާކް ކުރާނެ ޖާގަ ކަނޑައެޅުމަށް ރޮނގުތައް ދެމުމުގެ މަސައްކަތްކަމަށެވެ.
މާލޭގެ މޭޔަރު ޝިފާ މުހައްމަދު މިއަދު ވިދާޅުވީ މާފަންނުއާގޭގެ މި ޕާކިން ޒޯނަކީ ފައިސާ ދީގެން ޕާކްކުރެވޭ ތަނެއްތޯ ނުވަތަ ނޫންތޯ ކަނޑައެޅުމުގެ މަޝްވަރާތައް މިހާރު ކުރަމުން އަންނަ ކަމަށެވެ.
މާފަންނުއާގޭގެ ޕާކިން ޒޯން، ހަތަރު ފުރޮޅުލީ އުޅަނދުތަކަށް ހާއްސަ ކުރަން މާލޭ ސިޓީ ކައުންސިލުން ނިންމީ ބާޒާރުމައްޗަށް ލުޔެއް ގެނައުމަށް ކަމަށާއި މި މަސައްކަތް، ސިޓީ ކައުންސިލާއި ޕްލޭނިން މިނިސްޓްރީ ގުޅިގެން ކުރަމުން އަންނައިރު ވަރަށް އަވަހަށް މިތަން ހުޅުވާލާނެކަމަށް ވެސް މާލޭ ސިޓީ ކައުންސިލުން ވަނީ ބުނެފައެވެ.