ދައުލަތުގެ ފައިސާ ކޮރަޕްޝަނުން ރައްކާތެރި ކުރާނަން: އެޓާނީ ޖެނެރަލް

މޫސާ ވަހީދު
ކިޔުމަށް ހޭދަވާނީ 2މ 7ސ
ދައުލަތުގެ ފައިސާ ކޮރަޕްޝަނުން ރައްކާތެރި ކުރާނަން: އެޓާނީ ޖެނެރަލް

ދައުލަތުގެ ފައިސާ ކޮރަޕްޝަނުން ރައްކާތެރި ކުރަން  މަސައްކަތް ކުރައްވާނެ ކަމަށް އެޓާނީ ޖެނެރަލް އިބްރާހިމް ރިއްފަތު ވިދާލުވެއްޖެއެވެ. 

ރިއްފަތު މިހެން ވިދާޅުވީ ދީބާޖާ ކުންފުންނިން ބަދަލު ހޯދުމަށް ކޯޓަށް ހުށަހެޅި މައްސަލާގައި އޭނާ ރިޝްވަތު ނަންގަވަން މަސައްކަތް ކުރެއްވިކަމަށް ބުނެ ބައެއް ފަރާތްތަކުން ކުރާ ތުހުމަތުތަކަށް ރައްދު ދެއްވަމުން ކުރެއްވި ޓްވީޓެއްގައެވެ.

ރިއްފަތު ވިދާޅުވީ ނާޖާއިޒު ގޮތުގައި މުއްސަނދިވާން މަސައްކަތް ކުރައްވާފައި ނުވާނެ ކަމަށާއި ކޮރަޕްޓް ޑީލަކުން ފައިދާ ހޯދާފައި ވެސް ނުވާނެ ކަމަށެވެ. އަދި އަމިއްލަފުޅަށް ޤާނޫނީ ވަކީލެއްގެ ގޮތުގައި މަސައްކަތް ކުރެއްވުން ހުއްޓާލެއްވީވެސް ރައްޔިތުންނަށް ޚިދުމަތް ކުރެއްވުމަށް ކަމަށާއި، އޭނާ މަސައްކަތް ކުރައްވާނީ ދައުލަތުގެ ފައިސާ ކޮރަޕްޝަނުން ރައްކާތެރި ކުރުމަށް ކަމަށެވެ. 

ރިފްއަތަށް އެންމެ ބޮޑު ތުހުމަތެއް ކުރެއްވީ ކުރީގެ ފޭދޫދާއިރާގެ މެމްބަރު އަލްހާން ފަހުމީއެވެ. އަލްހާން ކުރެއްވި ޓްވީޓެއްގައި ތުހުމަތުކުރެއްވި ގޮތުގައި ރިފްއަތާއި ރައީސް އޮފީހުގެ ލީގަލް ޑައިރެކްޓަރު އަހުމަދު އަބްދުﷲ އަފީފް ވަނީ ދީބާޖާއިން 2 މިލިއަން ޑޮލަރު ހޯއްދަވަން ހުށައަޅުއްވައިފައެވެ.

އުތުރު ޕްރޮވިންސަށް ފެރީގެ ޚިދުމަތް ދިނުމަށް 2010ވަނަ އަހަރު އިކޮނޮމިކް މިނިސްޓްރީން ދިބާޖާ ކުންފުންޏާއެކު ހެދި އެއްބަސްވުން 2013ވަނަ އަހަރު ޑރ.ވަހީދުގެ ސަރުކާރުން ވަނީ ބާޠިލްކޮށްފައެވެ. އަދި ދައުލަތުން ވަނީ އެ އެއްބަސްވުން ބާތިލް ކުރީ ދިބާޖާއިން އެއްބަސްވުމާއި ޚިލާފުވެފައިވާތީ ކަމަށް ވިދާޅުވެފައެވެ. 

މިއެއްބަސްވުން ދައުލަތުން އުވާލުމުން ބަދަލުހޯދުމަށް ދީބާޖާ ކުންފުނިން ހުށަހެޅި މައްސަލާގައި 2014 ވަނަ އަހަރު ސިވިލް ކޯޓުން ވަނީ ދިބާޖާއަށް ތިންސަތޭކަ ސާޅީސް އަށެއް ޕޮއިންޓު ދިހައެއް މިލިއަން ރުފިޔާ ދެއްކުމަށް ދައުލަތުގެ މައްޗަށް ހުކުމްކޮށްފައެވެ. 

ސިވިލް ކޯޓުގެ ހުކުމަށް ސުޕްރީމް ކޯޓުން ތާއީދުކުރުމުގެ ކުރިން އެ މައްސަލައަށް ކޯޓުން ބޭރުގައި ހައްލެއް ހޯދަން ފުރުސަތެއް ދޭން ރިފްއަތު ވަނީ ޑިސެމްބަރު މަހު ސުޕްރީމް ކޯޓުގައި އެދިވަޑައިގެންފަ އެވެ. އޭނާގެ މައްޗަށް ރިޝްވަތުގެ ތުހުމަތު އަލްހާން އެޅުއްވީ އެގޮތަށް އެދިވަޑައިގެން ސުޕްރީމް ކޯޓަށް އޭޖީ ފޮނުއްވި ސިޓީއަށް ނިސްބަތްކުރައްވަ އެވެ.

ދިބާޖާއަށް ލިބޭ ބަދަލުގެ ތެރެއިން 174 މިލިއަން ރުފިޔާ އަލްހާންގެ އަމިއްލަ ލޯ ފާމަށް ދޭން ހަދާފައި އޮތް އެއްބަސްވުމެއް މިދިއަ ހަފުތާގައި ވަނީ ސޯޝަލް މީޑިއާގައި އާންމުވެފަ އެވެ.  

 

 

މިއަދު އޮންލައިން