އިހަވަންދޫ ސްކޫލްގައި ކޮމްޕިއުޓާރ ސްޓަޑީސް ކިޔަވައިދޭ އިންޑިއާ ޓީޗަރަކު އިސްލާމް ވެއްޖެއެވެ.
މިކަން ހާމަ ކުރައްވަމުން "ޓީމް ދާވާ މޯލްޑިވްސް" އިން އެމީހުންގެ ރަސްމީ ފޭސްބުކް ޕޭޖުގައި ލިޔެފައިވަނީ އިންޑިއާގެ ޓަމިލް ނާޑޫއަށް އުފަން، ގޯކުލާ ކްރިޝްނަން، އިސްލާމް ވެފައިވަނީ ބަރަކާތްތެރި ރަމަޟާން މަސް ފެށެން ހަފްތާއަކަށް ވެފައިވަނިކޮށް ކަމަށެވެ.
ހިންދޫއެއްގެ ގޮތުގައި އުޅެ ބޮޑުވި ކްރިޝްނަން، އިސްލާމްދީނާއި ދިމާލަށް އެންމެ ފުރަތަމަ އެނބުރެން ފެށީ ޢީސާ އަލައިޙިއްސަލާމްގެ ހަގީގީ ވާހަކަ އިސްލާމީ ފޮތްތަކުން އުނގެނުމަށްފަހުއެވެ.
ޓިމް ދާވާ އިން ބުނެފައިވާ ގޮތުގައި، އޭނާ އިސްލާމްވީ، މުސްލިމުން ނަމާދު ކުރުމަށް ދެ އަޙައްމިއްޔަތުކަން ފެނުމަށްފަހުއެވެ. އެގޮތުން އޭނާއާއެކު ކިޔެވި އޭނާގެ ޤައުމުގެ މުސްލިމުންނާއި، ރާއްޖެ އައުމަށްފަހު ދިމާވި ބަންގްލަދޭޝް ރައްޔިތުންގެ އިތުރުން ދިވެހީން ވެސް، ނަމާދު ގަޑި ޖެހުމުން އެހެން ހުރިހާ ކަމެއް ބަހައްޓާފައި ނަމާދު ކުރުމަށް އަވަންވެގަންނަކަން އޭނާ ފާހަގަކުރިކަން ވެސް ޓީމް ދާވާއިން ބުނެފައިވެއެވެ.
އޭނާ މިހާރު އިސްލާމްދީނާއި ބެހޭގޮތުން އިތުރަށް އުނގެނެމުންދާ ކަމަށާއި މިހާރުވެސް އޭނާއަށް އިސްލާމްދީނުގެ ފަސް ރުކުން އެނގޭ ކަމަށް ވެސް ޓީމް ދާވާ އިން ބުނެފައިވެއެވެ.
"މުސްލިމަކަށް އޭނާވީފަހުން އަދި މިވީ އެންމެ 10 ދުވަސް. އެކަމަކު މިހާރުވެސް އޭނާއަށް އިސްލާމްދީނުގެ ފަސް ރުކުން އެނގޭ. ވުޟޫ ކުރަން ދަސްކޮށް، ނަމާދުވެސް ކުރޭ އަދި ޒަކާތް ދޭންޖެހޭ މިންވަރުވެސް އޭނާވަނީ ހިސާބު ކޮށްފަ. މިބަރަކާތްތެރި ރަމަޟާން މަހު ރޯދަ ހިފާ، ތަރާވީޙް ނަމާދު ކުރޭ. އަދި ސޫރަތުލް ފާތިޙާ އިތުރުން ބައެއް ކުރު ސޫރަތްތައް ވެސް އޭނާ ވަނީ ކިޔަން ދަސްކޮށްފަ" ޓީމް ދާވާ މޯލްޑިވްސް އިން ބުނެފައިވެއެވެ.
މީގެއިތުރުން ޓިމް ދާވާ އިން ބުނެފައިވަނީ، ސަލްމާނުލް ފާރިސީ (ރަޟިޢަﷲ އަންޙު) ގެ ވާހަކައާއި މާތް ނަބިއްޔާ މުޙައްމަދު (ޞޢޥ) ގެ ވާހަކަފުޅު، ވަރަށް ޝައުޤުވެރިކަމާއެކު އޭނާ އަޑު އެހިކަމަށެވެ.
"އޭނާ އެދެނީ ތިޔަ އެންމެހާ ލޮބުވެތި އަޚުންނާއި އުޚްތުން، އޭނާއަށް ސީދާ ވެގެންވާ ތެދުމަގު ފެނުނު ފަދައިން، އޭނާގެ މައިންބަފައިންނަށާއި އާއިލާގެ މީހުންނަށް ވެސް އެމަގު ފެނޭތޯ ދުޢާ ކޮށްދެއްވުން. އޭނާގެ މަންމަ އަކީ އަދިވެސް އިންޑިއާގެ ހިންދޫއެއް. އަދި އޭނާގެ ބައްޕަ އާއި އަންހެނުންނަކީ ކްރިސްޓިއަނުން. އެމީހުންނާއި އެހެން ހުރިހާ އެންމެންވެސް ނަރަކައިން ސަލާމަތް ކުރަން އޭނާ ބެނުންވޭ" ޓީމް ދާވާ މޯލްޑިވްސް އިން ބުނެފައިވެއެވެ.