އައިޖީއެމްއެޗަކީ މަރާމާތުކުރުމުގައި ވަރަށް ވަރުގަދަ ރެކޯޑެއް އޮންނަ ތަނެކެވެ. އެއީ އިމާރާތް ނިންމައި ހުޅުވީންސުރެ މެދުކެނޑުމެއް ނެތި މަރާމާތުކުރުމުގެ ރެކޯޑެވެ. އަބަދުވެސް އެތައް މިލިއަން ޑޮލަރެއްގެ މަޝްރޫޢުތައް މަރާމާތު ކުރުމަށް ކުރިއަށް ގެންދެން ޖެހުމެވެ. އިންޑިއާ ސަރުކާރުގެ ދީލަތިކަމުން އަބަދުވެސް އަންނަނީ އައިޖީއެމްއެޗްގެ މަރާމާތަށް އެހީތެރިވެދެމުންނެވެ.
މަރާމާތު ކުރަން ހޭދަވާ ދުވަސްތަކުގައި ބަލިމީހުންނަށް ކިތަންމެ ޙާލެއްގައި އުޅެން ޖެހުނު ނަމަވެސް އެއީ މައްސަލައެއް ނޫންތާއެވެ! ޚަރަދުކޮށްދެނީ އިންޑިއާގެ ދިލަތިކަމުން ވިއްޔާއެވެ!" މިއީ އަބަދުވެސް އިވޭ އަޑުތަކެވެ. ދާދި ފަހުން ވެސް އައިޖީއެމްއެޗް މަރާމާތުކުރަން އިންޑިއާ ސަރުކާރުގެ ހިލޭ އެހީގައި އިންޑިއާ މީހުން 10 މިލިއަން ޑޮލަރުގެ މަޝްރޫއެއް ހިންގި ވާހަކަވެސް ވަނީ އަޑުއިވިފައެވެ.
ޑޮކްޓަރަށް ދައްކަން ގޮސް އައިޖީއެމްއެޗްގައި ތިބޭ ބައިގެ އޭސީތައް ހަލާކުވިތާ ދެމަހަށްވުރެ ގިނަ ދުވަސްވެ އަދި މެއި މަހުގެ ފުރަތަމަ ހަފްތާވެސް ފާއިތުވެގެން ދިއައީއެވެ. އަދިވެސް އެސަރަހައްދު ފިންޏެއް ނޫނެވެ.
ހަނދާނަށް އަންނަނީ އައިޖީއެމްއެޗް ހުޅުވައި އިންޑިއާއިން ހޮސްޕިޓަލް ހިންގަމުން ގޮސް ދިވެހިސަރުކާރަށް ބަދަލުވި ފައްތަރު މައްޗެވެ. އެއިރު ހެލްތް މިނިސްޓަރު ކަމުގައި ހުންނެވި އިލްޔާސް އިބްރާހީމް ރައީސުލްޖުމްހޫރިއްޔާއަށް ދެންނެވި ބަސް ފުޅެވެ. "މިތަން (އައިޖީއެމްއެޗް) ކަމަކުން ކަމަކުން މަރާމާތުކޮށް ދުވަހަކުވެސް ނިމޭނެ ކަމަކަށް ނުފެނެއެވެ. މި އިމާރާތް ދޫކޮށްލާފައި އެހެން އިމާރާތެއް އެޅުން ދައުލަތަށް ޚަރަދު ކުޑަވެފައި މާ ފައިދާ ބޮޑުވާނެއެވެ."
އިލްޔާސް އިބްރާހީން އެދުވަހު ވިދާޅުވި ބަސްފުޅުގެ ތެދުކަން އެނގެނީ އެތަނުން ޚިދުމަތް ހޯދަންދާ ބައެއް މީހުންގެ ބަހުންނެވެ. "މިތަނުގެ ކޮންމެވެސް ސަރަހައްދެއް ބަންދުކޮށް މަސައްކަތް ނުކުރާ ދުވަހަކު މިތަނަކަށް ނާދެވޭ" ކަމަށް ބުނާތީއެވެ.