ތަރުކާރީ، އަލުވި، ފިޔާ އަދި ކުކުޅުބިސް ފަދަ ތަކެތި ހިފައިގެން އަންނަ ބޯޓުފަހަރުން މިހާރަށްވުރެ އަވަހަށް މުދައު ބޭލޭ ނަމަ ތަކެތި ތާޒާވެފައި އަގުވެސް ހެޔޮވާނެ ކަމަށް ބައެއް ވިޔަފާރިވެރިން ބުނެއެވެ. "މިއަދު ބޭރުކުރި ބޯޓު އެ ބޭރުކުރެވުނީ 4 ދުވަހުން، ހުސް ނުކުރެވި މިހައި ގިން ދުވަސްވީމާ ތަރުކާރީތައް ވަރަށް ބޮޑަށް ހަލާކުވެސް ވޭ، އަނެއްކާ ބާޒާރުން އަބަދު މިއޮންނަނީ މުދައު ހުސްވެފަ. ދެން ކިހިނެއް އަގުހެޔޮ ހެޔޮ ކުރާނީ.؟" މިއަދުނޫހަށް މައުލޫމާތު ދެމުން ވިޔަފާރިވެރިއަކު ބުނެފައިވެއެވެ.
ބާޒާރުގައި މިއަދު ފިޔާ ބަސްތާއެއް ވިއްކަނީ 200 ރުފިޔާއަށެވެ. އަލުވި ބަސްތާއެއް 320 ރުފިޔާ އަށެވެ. އަދި ކުކުޅު ބިސް ކޭހެއްގެ އަގު ހުރީ ވެސް 320 ރުފިޔާގައެވެ. އެއިރުން ބިހެއްގެ ހޯލްސޭލް އަގުވެސް އެހެރީ 1.53 ގައެވެ. އެއްގަމު ބައެއް ފިހާރަތަކުން މިހާރުވެސް ފިޔާ ކިލޯއެއް ވިއްކަނީ 12، 13 އަދި 15 ރުފިޔާ ފަދަ އަގުތަކަށެވެ. ގިނަ ފިހާރަތަކުން ކުކުޅު ބިހެއް ވިއްކަނީ 2 ރުފިޔާއަށެވެ.
ވިޔަފާރިވެރިއަކު ބުނީ ރޯދަ މަސް ފެށުނުއިރުވެސް މުދަލުގެ އަގު އަރައިގެން ދިއައީ ބޯޓުފަހަރުން މުދައު ބޭލުމުގެ ދަތިތައް ކުރިމަތިވުމުން ކަމަށެވެ. "މިއަދު އެއް ބޯޓު ބޭރުކުރެވުނީ.އަނެއް ބޯޓު އެ ވެއްދީ. ދެން ބޯޓެއް ވަންނަންވާއިރަށް އެ ބޯޓު ހުސް ނުކުރެވޭނަމަ ދާނީ އަގުތައް އުފުލެމުން."